ފާފަތައް ފުހެވިގެންދާ 10 ގޮތެއް!: ޝައިޚުލް އިސްލާމް އިބްން ތައިމިއްޔާ ރަޙިމަހުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 37ސ
ފާފަތައް ފުހެވިގެންދާ 10 ގޮތެއް!: ޝައިޚުލް އިސްލާމް އިބްން ތައިމިއްޔާ ރަޙިމަހުﷲ

ފާފަތަށް ފުހެވިގެންދާނެ 10 ގޮތް

ފާފަތައް ފުހެވިގެން ދިޔުމަށް އަޅުގަނޑުމެން ކޮންމެ މީހަކުވެސް އެދޭނެއެވެ. ނަމަވެސް މި ކަންތައްތަކަށް ބަލާލުމުގެ ކުރިން މި ދުޢާ ދަސްކޮށްލަން ވަޞިއްޔަތްކުރަމެވެ. މިއީ ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ ތެރޭގައިވެސް ހިމެނޭ ދުޢާއެއްކަން ފާހަގަކޮށްލަމެވެ. 

اللَّهُمَّ أَنْتَ رَبِّي لا إِلَهَ إِلا أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي فَإِنَّهُ لا يَغْفِرُ الذُّنُوبَ إِلا أَنْتَ (ޞާޙީޙް ބުޚާރީ) 

މާނައީ: "އޭ ﷲ އެވެ! އިބަ ﷲ އީ މި އަޅާގެ ވެރިރަސްކަލާނގެއެވެ. އިބަ ﷲ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. މި އަޅާ ހެއްދެވީ އިބަ ﷲ އެވެ. އަދި މި އަޅާއީ އިބަ ﷲ ގެ އަޅަކީމެވެ. އަދި މި އަޅާއަށް ކުޅަދާނަވީ މިންވަރަކުން މި އަޅާ މިހުރީ އިބަ ﷲ ގެ ޢަހުދުގެ މަތީގައެވެ. އަދި އިބަ ﷲ ގެ ވަޢުދުގެ މަތީގައެވެ. މި އަޅާއަށް ކުރެވިފައިވާ ކުށްތަކުގެ ނުބައިކަމުން ރައްކާތެރިކޮށް ދެއްވުމަށް މި އަޅާ އިބަ ﷲ ގެ ޙަޟްރަތުން އެދި ދަންނަވަމެވެ. މި އަޅާގެ މައްޗަށްވާ އިބަ ﷲ ގެ ނިޢުމަތަށް މި އަޅާ އިޢުތިރާފުވަމެވެ. އަދި މި އަޅާގެ ފާފަތަކަށްވެސް މި އަޅާ އިޢުތިރާފުވަމެވެ. ފަހެ މި އަޅާއަށް ފާފަ ފުއްސަވާނދޭވެ! އެހެނީ ހަމަކަށަވަރުން އިބަ ﷲ ފިޔަވައި ފާފަ ފުއްސަވައިދެވޭނެ އެހެން ފަރާތެއް ނުވެއެވެ." 

އެއްފަހަރުން ދަސްނުވި ކަމުގައިވިޔަސް ކޮންމެ ދުވަހަކުވެސް ކިޔާލުމުން މާ ގިނަ ދުވަސްތަކެއް ނުވެ އިންޝާ ﷲ ދަސްވެދާނެއެވެ. 

ފާފަތައް ފުހެވިގެންދާ ގޮތްތަކާ ބެހޭ ގޮތުން ޝައިޚުލް އިސްލާމް އިބްން ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. 

1.    އެމީހަކު ﷲ އަށް ތައުބާވެ، ﷲ އެމީހެއްގެ ތައުބާ ޤަބޫލުކުރެއްވުން، އެމީހަކަށް ކުރެވޭ ފާފައަކަށް ތައުބާވާ މީހަކު އެ ފާފަ ނުކުރާ ފަދައެވެ.

2.    ﷲ އަށް އިސްތިޣްފާރު ކުރުމުން، އެމީހެއްގެ ފާފަ ﷲ ސުބްޙާނަހޫ ވަތަޢާލާ ފުއްސަވައި ދެއްވުން

3.    ހެޔޮ ޢަމަލުކުރުމުގެ ސަބަބުން އެމީހެއްގެ ފާފަ ފުހެވިގެން ދިޔުން، އެހެނީ ހެޔޮ ޢަމަލުތަކަކީ ފާފަ ފުހިވެގެންދާ ކަމެކެވެ.

4.    އެމީހެއްގެ މައްޗަށް އެމީހެއްގެ ޞާލިހު ދަރިން ކުރާ ހެޔޮ ދުޢާ އަދި އެމީހެއްގެ ފާފަ ފުއްސަވައިދެއްވުމަށް އެދި އެ ދަރިން ކުރާ ދުޢާގެ ސަބަބުން ދުނިޔޭގައި ހުންނަ އިރުވެސް އަދި މަރުވުމަށްފަހުވެސް އެމީހެއްގެ ފާފަ ފުހިވެގެން ދިޔުން

5.    ނުވަތަ އެމީހެއްގެ ޞާލިހު ދަރިންގެ ހެޔޮ ޢަމަލުތަކުން އެމީހެއްގެ މައްޗަށް އަޖުރު ލެއްވުމަށް އެދި ﷲ އަށް އެ ދަރިން ދެންނެވުމުގެ ސަބަބުން އެމީހަކަށް ލިބިގެންދާ އަޖުރުގެ ސަބަބުން

6.    ރަސޫލާ އެމީހެއްގެ މައްޗަށް ޝަފާޢަތްތެރި ވެއްޖެނަމަ

7.    މި ދުނިޔޭގައި ﷲ ތަޢާލާ އެމީހަކަށް އެކި ކަންކަން މެދުވެރިކުރައްވާ އިމްތިހާނު ކުރައްވައިގެން ފާފަތަށް ފުހިވިގެން ދިޔުން

8.    ބަރުޒަޚުގެ ޢާލަމް (މަރުވުމަށްފަހު ކަށްވަޅުގައި ޤިޔާމަތާ ހަމައަށް ހޭދަވެގެންދާ ދުވަސްތައް) ގައި ﷲ ތަޢާލާ އެމީހާއަށް ފާފަ ފުހެވިގެންދާފަދަ އިމްތިހާނުތަށް ކުރިމަތި ކުރެއްވުން

9.    ޤިޔާމަތްދުވަހުގެ އެކި މަރުހަލާތަކުގައި ފާފަ ފުހެވިގެންދާފަދަ އިމްހާނުތަށް ކުރިމަތި ކުރެއްވުން

10.   ރާޙްމާންވަންތަ ރަޙީމްވަންތަ އިލާހުގެ ރަޙްމަތް އޭނާގެ މައްޗަށް ލެއްވިގެން ދިޔުން

މީގެން ކަމަކުން އޭނާގެ ފާފަ ފުހެވިގެން ނުދިޔަ މީހަކަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރުން ނޫން ގޮތެއް ނެތެވެ. 

ވީމާ ފާފަތައް ފުހެވިގެންދާނޭ ގޮތްތަށް ދެނެގަނެ އެގޮތަށް ޢަމަލުތަށް ބަހައްޓަން މަސައްކަތްކުރައްވާށެވެ. 

ދުޢާއަކީ ރަޙްމާންވަންތަ އަދި ރަޙީމްވަންތަ އިލާހު، އަޅަމެންގެ މައްޗަށް ރަޙްމަތް ލައްވައި ފާފަ ފުހިވިގެންދާނެ ހުރިހާ ގޮތްތަކަކުން އަޅުގަނޑުމެން ފާފަތައް ފުއްސަވައި ދެއްވުމެވެ. އަދި އާޚިރަތުގައި ކާމިޔާބު ލިބިގެންދާ މީހުންގެ ތެރެއިން އަޅަމެން ލެއްވުމެވެ. 

(ރިފަރެންސް: މަޖްމޫޢު އަލްފަތާވާ، މިންބަރު ތައުޙީދު)

 

- ޝައިޚް މުޙައްމަދު ސަމޫން

މިއަދު އޮންލައިން