ޙަސަދަވެރިކަމަކީ އަޚްލާޤި އެންމެ ނުބައި އެއް ސިފައެވެ. އެއީ އަބާއްޖަވެރިކަމުގެ އަސާސެވެ. ޙަސަދަވެރިކަމަކީ ތިމާގެ އަޚާއަށް ލިބިފައިވާ ނިޢުމަތަކާ މެދު ނުރުހުމެވެ. އެ ނިޢުމަތް އޭނާގެ ކިބައިން ފިލައިދިއުމަށް އެދުމެވެ. ޙަސަދަވެރީން ތިން ޢަލާމާތެއް ވެއެވެ. އޭނާ ޙަސަދަވެރިވާ މީހާ ފެންނަ ހިސާބުގައި ނިކަން ގިނައިން ތަޢުރީފުކުރާނެއެވެ. ނެތްތަނުގައި ޣީބަބުނާނެއެވެ. މުޞީބާތެއް ޖެހިއްޖެ ނަމަ އެކަމާ އުފާކުރާނެއެވެ. ޙަސަދަވެރި ނުވުމަށް އިރުޝާދުދެއވައި ކީރިތި ރަސޫލާ صَلَّي اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ.
(لَا تَبَاغَضُوا وَلَا تَـحَاسَدُوا وَكُونُوا عِبَادَ اللَّهِ إخْوَانًا) [1]
މާނައީ:"ތިޔަބއިމީހުން އެކަކު އަނެކަކު ދެކެ ރުޅި ނާންނާށެވެ! އެކަކު އަނެކަކުގެ މައްޗަށް ޙަސަދަވެރިނުވާށެވެ! ތިޔަބައިމީހުންނަކީ މާތް ﷲގެ އަޅުންތަކެއްގެ ގޮތުގައި އަޚުންތަކެއް ކަމުގައި ވާށެވެ!"
ނިޢުމަތްތައް ދެއްވާ ޙަޤީޤީ ފަރާތަކީ، ﷲ ސުބްޙަނަހޫ ވަތަޢާލައެވެ. އެ ނިޢުމަތާ މެދު ޙަސަދަވެރިވުމަކީ އެކަކު ވެސް ކޮށްގެންވާނޭ ކަމެއް ނޫނެވެ. ﷲ ސުބްޙަނަހޫ ވަތަޢާލާ އައްޒުޚްރުފު ސޫރަތުގައި ވަޙީކުރައްވައިފައި ވެއެވެ.
﴿نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا ۚ وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا ۗ وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ﴾ [2]
މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ބަހައިދެނީ އެއުރެން ހެއްޔެވެ؟ (އެބަހީ: އެއުރެން ބޭނުން މީހަކަށް ނަބީކަންދެނީ އެއުރެން ހެއްޔެވެ؟) ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެމެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންކުރެ ބައެއްމީހުން، އަނެއްބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެއުރެންކުރެ އެއްބަޔަކު އަނެއްބަޔެއްގެ خدمة ތެރިކަން ހިފުމަށްޓަކައެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة އެއުރެން އެއްކުރާތަކެއްޗަށްވުރެ ހެޔޮކަން ބޮޑެވެ."
ޙަސަދަވެރިކަމާ ދުރުހެލިވެ އުޅުމަކީ، މީސްތަކުން ހެޔޮ ގޮތުގައި ސީދާވެގެންވާ ތެދުމަގުގައި ތިބޭނޭ ސަބަބެކެވެ. ކީރިތި ރަސޫލާ صَلَّي اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ.
(لَا يَزالُ النَّاسُ بِـخَيرٍ مَا لَـمْ يَتَحَاسَدُوا.)[3]
މާނައީ:"މީސްތަކުން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ޙަސަދަވެރިނުވެ އުޅޭހައިތައް ދުވަހަކަށް އެބައިމީހުން ތިބޭހުށީ ހެޔޮކަމުގެ ތެރޭގައެވެ." އެހެންވީމައި ޙަސަދަވެރިކަން ފެށޭ ހިސާބުން ހުރިހައި ކަމެއް ނުބައި މިސްރާބަށް ދަތުރުކުރާން ފަށައިފާނެއެވެ.
- މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙު އަލްބުދައިރު
- އިސްލާމީ މަރުކަޒުގައި ދެއްވި ތަޤްރީރުގެ އުސްއަލިތަކުން