ހިލޭ ފިރިހެނުންނަށް ފައި ފެންނަ ގޮތަށް ހެދުން އަޅުވައިގެން ނުވަތަ ފައި ނިވާ ނުކުރެވޭ ގޮތަށް ސޯޓުލައްވައިގެން އަންހެނުން ލައްވައި ކުޅިވަރު ކުޅުވުމާއި އެފަދަ ހެދުމުގައި ތިބެ އަންހެނުން ކުޅިވަރު ކުޅޭއިރު ހިލޭ ފިރިހެނުން އެތަން ބެލުމާއި އަދި އެފަދަ ކަންކަން ލައިވްކޮށް ދުރަށް ދެއްކުމަކީ ވެސް އިސްލާމް ދީނުގައި ޙަރާމް ކަންކަން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޟް ވިދާޅުވީ ކިތަންމެ ބޮޑު މުނާސަބަތެއް ފާހަގަކުރަން ނަމަވެސް އަދި އެތަން ބަލަން ދުނިޔޭގެ އެންމެ ބޮޑެތި، ބާރުގަދަ ވެރިން ތިބި ނަމަވެސް އިސްލާމް ދީނުގައި ﷲ ތަޢާލާ ބާވައިލައްވަވާފައިވާ އެއްވެސް ޙުކުމް ފުޅަކަށް އެއްވެސް ބަދަލެއް ނުއަންނާނެ ކަމަށެވެ. އެހެންކަމުން ބެލުން ހުއްދަވާނީ ހުއްދަ ތަންތަން ކަމަށެވެ.
މީގެ އިތުރުން ހިލޭ ފިރިހެނުންގެ ކުރިމަތީގައި ގުނަވަންތަކާއި ވަނާތައް އެނގޭވަރަށް ގައަށް ބާރުކޮށް ހެދުން ލައިގެން އުޅުމަކީވެސް ދީނީ ޢިލްމުވެރިން މަނާކުރައްވަވާފައިވާ ކަމެކެވެ. އަދި ފިރިހެނުންވެސް ފޫޅާއި ކަކުލާއި ދެމެދު ނިވާނުކޮށް ހިލޭ އަންހެނުންގެ ކުރިމަތީގައި އުޅުމަކީވެސް ދީނީ އިލްމުވެރިން މަނާކުރައްވަވާފައިވާ ކަމެކެވެ.
އެހެންކަމުން ރާއްޖޭގައި ނަމަވެސް ކަންކަން އިންތިޒާމުކުރާއިރު މިފަދަ ކަންކަމަށް ސަމާލުކަން ދޭންޖެހޭނެއެވެ. މިއީ ތަފާތު ކުޅިވަރުތައް އިންތިޒާމްކުރާ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހިފައިވާ ކަމެއް ކަމަށް ބެލެވެއެވެ.