އަހުރެމެން ތެދުވެރިވާންވީ ކުރާ ކޮންމެ ކަމެއްގައެވެ. ޒަވާޖީ ޙަޔާތުގައިވެސް އޮތީ ތިމާ ތެދުވެރިވުމެވެ. ތެދުވެރި އިޚްލާޞްތެރިންނަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުމާއި ރުހިވޮޑިގަތުން އަބަދުވެސް ދާނީ ލިބެމުންނެވެ.
ކޮންމެ މީހަކުވެސް ޒަވާޖީ ޙަޔާތެއް ފަށާނީ ވަރަށް ފޮނި އުންމީދުތަކަކާއިއެކުގައެވެ. ފެށުމަށްފަހު ތެދުވެރިކަމާއިއެކު ކުރިއަށްދަނިކޮށް ދިމާވާ ގޮތަކުން ތިމާގެ ކުށެއްނެތި ވަރިކުރިނަމަވެސް އަދި ވަރިވާން ޖެހުނަސް ނަމަވެސް ދެރަނުވާށެވެ. އުފާކުރާށެވެ! ތިބާގެ ތެދުވެރިކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ޚިޔާނާތްތެރިންނަށް ﷲ ތަޢާލާ ލޯބިވެވޮޑިނުގަންވާފަދައިން ތެދުވެރިން ނިކަމެތި ނުކުރައްވަވާނެތެވެ! އަބަދުވެސް ހުންނަންވާނީ އެކަން ޔަޤީންކޮށްގެންނެވެ.
ﷲ ތަޢާލާ ޙާލަތެއް ކުރިމަތިކުރައްވަވައިފިނަމަ، ފަހުން ލިބިދާނެ ދެރައަކަށް ނުބަލައި އަވަހަށް އެކަން ބަލައިގަންނާށެވެ! ﷲ ތައާލާއަށް ފުރިހަމަގޮތުގައި އިތުބާރުކުރާ އަޅުންނަށް ދެރަގޮތެއް މިންވަރު ނުކުރައްވަވާނެތެވެ! އެކަން ޔަޤީންކޮށްގެން ހުންނާށެވެ.
ބައެއް ޙާލަތުގައި އަނެކާއަށް ދެރައެއް ދިނުމުގެ ނިޔަތުގައި އެބަ ވަރިކުރެއެވެ. އަދިވަރިވެއެވެ. ޔަޤީންކުރާށެވެ! އެއްވެސް މީހަކީ އަނެކާއަށް އެއްވެސް ދެރައެއް ދެވޭނެ މީހެއް ނޫނެވެ. ﷲ ތަޢާލާގެ މިންވަރުފުޅުގައި ނުވާކަމެއް ހަމައެކަކަށްވެސް ނުކުރެވޭނެއެވެ. އަނިޔާލިބޭ މީހާއަށް އެކަންވެގެންދާނީ ރަޙްމަތަކަށެވެ. އެއީ އޭނާގެ އެއްވެސް ކުށެއްނެތި ދިން އަނިޔާއަކަށްވާތީއެވެ.
އަނިޔާ ލިބޭ މީހާއަށް ދުވަސްކޮޅަކު ނުވަތަ ގިނަދުވަސްތަކަކުވެސް ހިތްދަތިކަމުގައި އުޅެންޖެހިދާނެއެވެ. އަދި މުޅި އުމުރުގައިވެސް އުޅެންޖެހިދާނެއެވެ. ބައެއް މީހުން ހިތްދަތިކަމުގައި ދުނިޔެ ދޫކުރަންވެސް ޖެހިފައި އެބަހުއްޓެވެ. ނަމަވެސް އެމީހުން އުފުލި ހިތްދަތިކަމަށްވުރެ މާބޮޑު އުފަލާއި މާމަތިވެރި ނިޢްމަތް ﷲ ތަޢާލާ އެމީހާއަށް ދެއްވަވާނެތެވެ. ވީމާ އާޚިރުގައި އެކަންވެގެންދާނީ އެމީހަކަށް ލެއްވެވި ވަރަށް ބޮޑު ރަޙްމަތަކަށެވެ.
ހަމައެއާއިއެކު ވަރަށް ގިނައިން ފެންނަމުންދަނީ އަނިޔާ ލިބުނު މީހާއަށް ފަހުން ލިބޭ ދިރިއުޅުން މާއުފާވެރިކަމެވެ. ކުރިއަށްވުރެ މާބޮޑަށް ހިތްހަމަޖެހިގެން އުޅެމުންގެންދާތަނެވެ. ވީމާ އަނިޔާ ލިބޭމީހާއަށް ދެރަ އެއްވެސް ގޮތެއް ނެތެވެ. ދުނިޔޭގައި އުފާވެރިކަން ނުލިބުނުނަމަ އާޚިރަތުގައި ލިބޭނެ އުފާވެރިކަން މާބޮޑެވެ!
- މުފްތީ މެންކުގެ ދަރުސަކުން