ޞަދަޤާތެއް ކުރިކަމަށްވާނީ ދުރުމީހަކަށް އެއްޗެއް ދިނުމުން ކަމަށް ދެކޭ ބައަކުވެސް އުޅެއެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. އެކަމުގެ ސަބަބުތަކަށް ބަލައިލަމާ ހިނގާށެވެ.
ﷲ ތަޢާލާގެ މަގުގައި ޞަދަޤާތްކުރާއިރު ގާތްތިމާގެ މީހުންނަށް އިސްކަންދޭންޖެހޭ 2 ސަބަބެއް ވެއެވެ. އެތަނުން ފުރަތަމަ ސަބަބަކީ އެމީހުންނަކީ އެހީތެރިކަމަށް ބޭނުންވެގެން ނުވަތަ ދަތިޙާށލުގައި ތިބި ބައަކަށް ވުމެވެ. ދެވަނަ ސަބަބަކީ އެމީހުންނަކީ ތިބާގެ ގާތް ތިމާގެ މީހުން ކަމުގައި ﷲ ތަޢާލާ ލައްވަވާފައިވުމެވެ.
މީސްތަކުންނޭވެ! ޞަދަޤާތެއް ދޭނަމަ ފުރަތަމަ ބަލަންވާނީ ޢާއިލާގެ މީހަކު ދަތިޙާލުގައި ހުރިތޯއެވެ. އެފަދަ މީހަކު ހުރިނަމަ އެމީހާ ކަމަކު އެދެންދެން މަޑުނުކުރާށެވެ. އެމީހަކާއި ހަމައަށް ގޮސް އެހީތެރިވާށެވެ. އެއަށްފަހު ދަތިޙާލުގައި ތިބި އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭށެވެ.
މިމަގުން ޢަމަލުކުރާނަމަ ދަތިޙާލުގައި އުޅެންޖެހޭ މީހުންގެ ޢަދަދު ބޮޑުތަނުން މަދުވެގެންދާނެއެވެ. އެހެނީ ވަރަށް މަދު ޢާއިލާއެއްގައި ނޫނީ ތަނަވަސްކަން ދެއްވެވި ބައަކުވެސް ތިބޭނެއެވެ. އެމީހުންގެ އެހީތެރިކަން ޢާއިލާގެ ފަޤީރުންނަށް ލިބެމުންދާނަމަ ޢާއިލާގެ އެންމެންވެސް ތިބޭނީ ދަތި ޙާލުން ސަލާމަތްވެގެންނެވެ.
މިވާހަކަ ދައްކަން މިޖެހޭ ސަބަބަކީ ކަން އޮތީ މިފަދައިން ނަމަވެސް ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ޞަދަޤާތުގެ ފައިދާކުރާނީ ދުރުމީހަކަށް ދިނުމުން ކަމަށެވެ. އެއީ ކުށްހީއެކެވެ. ޞަދަޤާތް ފަށަން އޮތީ ގޭތެރެއިންނެވެ. އަމިއްލަ ޢާއިލާގެ ތެރެއިންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން