ހިތްހަމަނުޖެހޭއިރަށް ނުވަތަ ކަންބޮޑުވެވޭއިރަށް އެކަނި ވަޤުތުހޭދަކުރުމަކީ ލިބޭ އަނިޔާ އިތުރަށް ބޮޑުވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ހިތްހަމަނުޖެހޭއިރަށް ނުވަތަ ކަންބޮޑުވެވޭއިރަށް އެކަނި ވަޤުތުހޭދަކުރުމަކީ ލިބޭ އަނިޔާ އިތުރަށް ބޮޑުވާ ކަމެއް!

އެއްވެސް މީހަކަށް ކުރިމަތިވާނެ ހުރިހާ ކަންކަމަކީ އުފާވެރި ކަންކަމެއް ނޫނެވެ. އުފާވެރި ކަންކަން ކުރިމަތިވާ ފަދައިން ހިތާމަތައްވެސް ކުރިމަތިވާނެއެވެ. އެއްވެސް މިންވަރަކަށް ހިތްދަތިކަން އިޙްޞާޞްކުރަން ނުޖެހޭނެ ހަމައެކަނި ތަނަކީ ސުވަރުގެއެވެ. އަހަރެމެން މަސައްކަތްކުރަންވީ ސުވަރުގެ ހާޞިލްކުރުމަށެވެ. 

ސުވަރުގެ ޙާޞިލްކުރަން ދަތުރު ފަށަން މިޖެހެނީ ދުނިޔޭގައި ތިބެގެންނެވެ. ސުވަރުގެ ޙާޞިލްކުރެވޭނީ އެދަތުރު ކާމިޔާބުކަމާއިއެކު ނިންމާލެވިގެންނެވެ. އެދަތުރު ކާމިޔާބުކުރަން ކުރަން އޮތް އެންމެ މުހިންމު އެއް ކަމަކީ މަރުމަތިން ގިނަގިނައިން ހަދުމަކުރުމެވެ. 

ކޮންމެއަކަސް ހިތާމަ އާއި ހިތްދަތިކަން ކޮންމެ މީހަކާއިވެސް ބައްދަލުކުރާނެއެވެ. އެހެންކަމުން އެފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމަ އޮތީ އެކަހެރިވެ ހުރުމެއް ނޫނެވެ. ކޮޓަރިއަށް ވަދެ ތަޅުލައިގެން އިނުމެއް ނޫނެވެ. އަދި ބޭރަށް ނުކުމެ މަގުމަތީގައި ހޫރުމެއްވެސް ނޫނެވެ.  

އެމީހެއްގެ ޢާންމު ދިރިއުޅުންމަތީގައި ދިރިއުޅެން މަސައްކަތްކުރުމެވެ. އެކަމަށް އެންމެ ބޮޑު ހިތްވަރެއް ލިބޭނީ ހިތްދަތިކަން މިންވަރުކުރެއްވެވި ފަދައިން އުފާވެރިކަންވެސް މިންވަރުކުރައްވަވާނެކަން ޔަޤީންކުރުމުންނެވެ. ﷲ ތަޢާލާ ތިމާ ނިކަމެތި ނުކުރައްވަވާނެކަން ޔަޤީންކުރުމުންނެވެ.  

ވީމާ ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނުކަމުގައިވީނަމަވެސް ތިމާއަދާކުރަންޖެހޭ ފަރުޟުތަކަށް ރައްކައުތެރިވާށެވެ! ވީހާ ގިނައިން ސުންނަތް އަޅުކަންކޮށް ތިމާގެ ޤަދަރު ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލަން މަސައްކަތްކުރާށެވެ! ހަމައެއާއިއެކު ޢާންމުކޮށް ދިރިއުޅުމުގައި ތިމާކުރަންޖެހޭ އެއްވެސް ކަމެއް ކުރަން ފޫހިވެ ކަންނެތްނުވާށެވެ! ކެތްތެރިކަން އިސްކުރާށެވެ! ދާދި އަވަހަށް އުފާވެރިކަން މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން