"ﷲ ތަޢާލާ އިރާދަކުރެއްވިއްޔާ ކޮށްދޭނަން" ކަމަށް ބުނަންވާނީ އެކަން ކޮށްދިނުމުގެ ނިޔަތާއެކު! ނޫންނަމަ ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެން ބޮޑު ދޮގެއް ހެދިކަމުގެ ފާފަ ލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
"ﷲ ތަޢާލާ އިރާދަކުރެއްވިއްޔާ ކޮށްދޭނަން" ކަމަށް ބުނަންވާނީ އެކަން ކޮށްދިނުމުގެ ނިޔަތާއެކު! ނޫންނަމަ ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެން ބޮޑު ދޮގެއް ހެދިކަމުގެ ފާފަ ލިބޭނެ!

ޢާއިލާގެ މީހަކު ނުވަތަ ގާތް މީހަކުނަމަވެސް ކަމަކު އެދިއްޖެނަމަ "އިން ޝާ ﷲ" ބުނާ މީހުން ވަރަށް ގިނައެވެ. އެކަމަކު މިބުނެވޭ ބަހުގެ ބުރަދަން ހުރި މިންވަރާއިމެދު ވިސްނައިނުލާ މީހުން ވަރަށް ގިނަވެއްޖެއެވެ. އެހެންކަމުން މީހަކު އިން ޝާ ﷲ ބުނެފިނަމަ އެއީ އެކަމެއް ކޮށްނުދޭންވެގެން ބުނި ބަހެއްކަމަށް ގިނަބއަކަށް އޮންނަނީ ޤަބޫލުކުރެވިފައެވެ.  

މިއީ ކޮންފަދަ ބޮޑުކުށެއް ހެއްޔެވެ؟ މިބުނަނީ ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެން ދޮގުހެދުމުގެ ވާހަކައެވެ. އެކަން ކޮށްދިނުމުގެ ނިޔަތް ނެތި ކޮށްދޭނެކަމަށް ބުނުމުގެ ހުރި ނުބައިކަމުގެ ވާހަކައެވެ.  

މީހަކު ކަމަކު އެދުމުން އިން ޝާ ﷲ ބުނަންވާނީ ވަރަށް އިޚްލާޞްތެރިކަމާއިއެކުގައެވެ. މާނައަކަށް ހަދަންވާނީ ތިމާއަށް ބޮޑު ޙާލަތެއް ކުރިމަތިވެގެން ކޮށްނުދެވޭނެ ގޮތެއް މެދުވެރިނުވާނަމަ ކޮށްދޭނެ ކަމެވެ. 99 އިންސައްތަ ބުރަވާންވާނީ ކޮށްދޭނެ ކަމަށެވެ. ކިރިޔާވެސް ޝައްކެއް އޮތްނަމަ ބުނަންވާނީ ބަލައިލާފައި ޖަވާބެއް ދޭނެ ކަމަށެވެ. ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެން ދޮގެއް ބުނުމަކީ ކުރެވޭ އެންމެ ބޮޑު ފާފައަކަށްވާނެތީއެވެ.

- އިސްލާމީ ތިލަފަތިގެ ދަރުސަކުން  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ފުރަތަމަ ކުޑަކުޑަ ވާހަކައެއް ކިޔައިދޭނަމެވެ. ފިރިމީހާ ގެއިން ބޭރަށްދާން އުޅެން ފެށީމާ އަނބިމީހާ އެދެނީ ފިރިމީހާ އެނބުރި ގެއަށް އަންނަމުން ކޮންމެވެސް އެއްޗެއް ގެނެސްދިނުމަށެވެ. ފިރިމީހާގެ ޖަވާބަކީ "އިން ޝާ ﷲ" އެވެ.  

އަނބިމީހާ ދެން ސުވާލުކުރަނީ އިން ޝާ ﷲ ގެ މާނައަކީ ގެންނާނަމޭ ހެއްޔެވެ؟ ނޫނީ ނުގެންނާނަމޭ ހެއްޔެވެ؟ ކޮންމެވެސް އެއް ޖަވާބެއް ދިނުމަށެވެ.  

ފިރިމީހާ ބުނީ ﷲ އިރާދަކުރައްވަވައިފިނަމަ ނޫނީ ގެނެވޭނީ ކިހިނަކުން ހެއްޔެވެ؟ އަނބިމީހާގެ ސުވާލަކަށްވީ އިން ޝާ ﷲ ގެ މާނަ އެނގެއެވެ. އެކަމަކު ކަލޭގެ ނިޔަތަކީ ގެނައުން ހެއްޔެވެ؟ ނޫނީ ނުގެނައުން ހެއްޔެވެ؟  

ފިރިމީހާއަށް ބުނެވުނީ ނުގެނެވޭނެ ކަމަށެވެ. އަނބިމީހާ ބުނީ އޭނާ ބޭރަށް ގޮސް ގަނެގެނެން ގެނެސްފާނެ ކަމަށެވެ.  

މިއީ އަޅުގަނޑަށް ފެނުނު ވީޑިއޯކޮޅެގައި ދެމަފިރިއެއްގެ ދެމެދުގައި ދެކެވުނު ވާހަކައެކެވެ. ވީޑިއޯ ފެނި ވާހަކަކޮޅު އަޑުއިވުމުން ގައިން ހީބިހި ނަގައިގެންދިއައެވެ. އެއީ އެކަމެއް ކުރުމުގެ ޤަޞްދުވެސް ނެތި ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެން ދޮގުހެދުން މިހައި ޢާންމުވެފައިވާތީއެވެ.  

އެވީޑިއޯ ކޮޅަކީ މިމައްސަލައަށް މީހުން ހޭލުންތެރިކުރުވަން އުފައްދާފައިވާ ވީޑިއޯކޮޅަކަށްވެދާނެއެވެ. އެހެންކަމަށްވީނަމަވެސް މިއީ ޤަބޫލުކުރަންޖެހޭ ކަމެކެވެ. އިން ޝާ ﷲ މިއަދު ގިނަބައަކު ވަނީ ކުޅޭކުޅޭ ބަހަކަށް ހަދައިފައެވެ.  

މިއީ ވަރަށް ދެރަ ކަމެކެވެ. އެކަމެއް ކުރުމުގެ ނިޔަތް ނެތި އިން ޝާ ﷲ އެވެ ބުނެފިނަމަ އެމަތިވެރި ކަލިމައިގެ ޤަދަރުކުޑަކޮށްލެވުނީއެވެ. އަދި ﷲ ތައާލާގެ މަތިވެރި ނަންފުޅު ބޭނުންކޮށްގެން ބޮޑު ދޮގެއްވެސް ހެދުނީއެވެ.  

އަޅެ މިކަމަކީ އިޞްލާޙްކުރަން ޖެހިފައިވާ ކަމެއް ނޫންހެއްޔެވެ؟  

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން