ޤިޔާމަތް ދުވަހަކީ ފަންސާސް ހާސް އަހަރުގެ އެއްދުވަސްކަމަށްވާއިރު އެއީ ހަމަ އެންމެންނަށްތޯއެވެ؟ ދުނިޔޭގައި ހެޔޮލަފާ ގޮތުގައި އުޅުނު މީހުންނަށްވެސްތޯއެވެ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ
ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! ޤިޔާމަތް ދުވަހު އުޅެން ޖެހޭނެ ހާލުގެ ވާހަކަ މީގެ ކުރީގެ ދަރުސްތަކުގައި ވާނީ ކިޔައިދީފައެވެ. އަހަރެމެންގެ އުމުރަކަށް މިވަނީ ޢާންމު ގޮތެއްގައި 70 ވަރަކަށް އަހަރެވެ. ނުވަތަ 60 ވަރަކަށް އަހަރެވެ. 50،000 އަހަރު އިންތިހާއަށް ކަރު ހިއްކައިގެން ހުންނަން މީހަކަށް ޖެހިއްޖެނަމަ އުޅެންޖެހޭނެ ޙާލެވެ. ނޭފަތު ކުރިއާއި ހަމައަށް ބޮޑުވެފައިވާ ފެންގަނޑެއްގައި އުޅެން ޖެހޭނެ ޙާލެވެ. މިފަދަ އެތައް ކަމެކެވެ. މި ދައްކަނީ މިފަދަ އެތައް ވޭންތަކެއްގައި 50،000 އަހަރު އުޅެންޖެހިދާނެ ކަމުގެ ވާހަކައެވެ.
މީސްތަކުންނޭވެ! މިއީ އަދި ނަރަކައަށް ލެވުމުގެ ކުރިއެވެ. ހިސާބު ބެއްލެވުމުގެ ދުވަހެވެ. އެމީހަކަށް ޙައްޤު މިންވަރަށް ޙަޤީޤީ އަޒާބު ލިބެން ފަށާނީ ނަރަކައަށް ލިބެން ފެށުމުންނެވެ. ވީމާ އަވަހަށް ބިރުވެތިވެ ތައުބާވާށެވެ! ވީހައި ގިނައިން ހެޔޮ ޢަމަލުތައްކޮށް ޢާޚިރަތަށް ތައްޔާރުވާށެވެ!
ޤިޔާމަތްދުވަހުގެ ދިގުމިން އެކި މީހުންނަށް އިޙްޞާޞްކުރަންޖެހޭނީ ވެސް އެކިވަރަށެވެ. އެމީހަކު ކޮށްފައިވާ ހެޔޮ އަމަލުތަކުގެ ނިޞްބަތުންނެވެ. މަދުން ހެޔޮ ޢަމަލު ކޮށްފައިވާނަމަ އެ ނިޞްބަތުން ދުވަސް ދިގުވެގެންދާނެއެވެ. ނަރަކައަށް ވަންނަން ޖެހޭ މީހުންނަށް އެދުވަސް ފަންސާސް ހާސް އަހަރަށް ދެމިގެންދާނެއެވެ.
ކޮންމެ ގޮތެއްވީ ނަމަވެސް 50،000 އަހަރަށް ދެމިގެންދާނީ ހަމަ އެންމެ ދުވަހެކެވެ. އިރު ހުންނާނީ އަރައިފައެވެ. ރޭގަނޑުވުމެއް ނެތެވެ. ނިދުމެއް ނެތެވެ. އަރާމުކުރާނެ ވަގުތެއް ނުލިބޭނެއެވެ. އަދި ކިއެއްތަ! އެމީހަކު ކޮށްފައިވާ ފާފަތަކުގެ މިނުން ދާނީ "އަދަބު"ވެސް ލިބެމުންނެވެ.
ޤިޔާމަތް ކައިރިވެއްޖެކަމަށް ބައެއް މީހުންނަށް ޤަބޫލު ނުކުރެވުނު ނަމަވެސް ޤިޔާމަތްވުން މިހާރު މިވަނީ ވަރަށް ގާތުގައެވެ. ރަނގަޅަށް ވިސްނާށެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެއް ދުވަހަކީ ނުވަތަ އެންމެ ދުވަހަކީ މުދިވީގެ 1000 އަހަރެވެ. އެހެންވީމާ ޤިޔާމަތްވުމުގެ އަހަރުތައް މިހާރު ފެށިފައިވާ ކަމަށް ޤަބޫލު ނުކުރަންވީ އެއްވެސް ސަބަބެއް ނެތެވެ.
އެއަށްފަހު އޮތީ ހުސާބު ބެއްލެވުމުގެ ދުވަހެވެ. އެއީ 1000 ނުވަތަ 10000 އަހަރުގެ ދުވަހެއް ނޫނެވެ. އެއީ 50،000 އަހަރުގެ ދުވަހެކެވެ. މިކަން ކީރިތި ޤްރްއާނުން އެނގެން އެބައޮތެވެ.
މިކަމުގެ އުފާވެރި ޚަބަރެއްވެސް އެބައޮތެވެ. ހިސާބު ބެއްލެވުމުގެ ދުވަހަކީ 50،000 އަހަރުގެ ދުވަހެއް ކަމަށް އޮތުމުން ޞަޙާބީ އަކު ކަންބޮޑުވެވަޑައިގެން "އެއީ ހާދަ ދިގު މުއްދަތެއް" ކަމަށް ދެންނެވުމުން ރަސޫލާ (ﷺ) ވަނީ ސުވަރުގެ ވަދެވޭނެ މުއުމިނަކަށް އެދުވަސް ވެގެންދާނީ 2 ރަކްޢަތް ނަމާދެއް ކުރާހައި ކުޑަ ހިނދުކޮޅަކަށް ކަމަށް ޙަދީޘްފުޅު ކުރައްވަވައިފައެވެ.
ރަނގަޅަށް ވިސްނާށެވެ. ދުނިޔެ ފެށުނީންސުރެ ތައްޔާރުވަމުން މިއަންނަނީ ހަމަ އެދުވަހަށެވެ. އެއްދުވަހަކު ޞަހާބީ އަކު ދެންނެވިއެވެ؟ ޤިޔާމަތް ވާނީ ކޮން ދުވަހަކުންތޯއެވެ؟ ޖަވާބުގައިވެސް ރަސޫލާ (ﷺ) ކުރެއްވެވީ ސުވާލެކެވެ. އެދުވަހަށް ތައްޔާރުވާން ތިބާ ކުޅައީ ކޮން ކަމެއްތޯއެވެ؟
މިއީ މީގެ 1400 އަހަރުކުރިން މީހަކު ކޮށްފައިވާ ސުވާލެކެވެ. އެއިރު ދުނިޔޭގައި ތިބި އަދި މިހާރު ވެސް ދުނިޔޭގައި ހުރި އެއްވެސް މީހަކީ ޤިޔާމަތް ވަންދެން ދުނިޔޭގައި ހުންނާނެ މީހެއް ނޫނެވެ. އެއިގެ މާކުރިން މަރުވެދާނެ މީހެކެވެ. (މިގޮތަށް މިބުނީ ޤިޔާމަތް ވާނެ ވަގުތު އެނގޭތީއެއް ނޫނެވެ. ނަމަވެސް ޤިޔާމަތް ވުމުގެ ކުރިން ފައުޅުވާނެ ކަމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކުރައްވާފައިވާ ބޮޑެތ ޢަލާމާތްތައް އަދި ފައުޅު ނުވާތީއެވެ. އެކަންކަމަށް އަދި އަހަރުތަކެއް ނަގާނެ ކަމަށް ޤަބޫލުކުރެވޭތީއެވެ.
ރަސޫލް (ﷺ) އެ ބަޔާންކޮށް ދެއްވެވީވެސް ހަމަ އެކަމެވެ. ޤިޔާމަތް ދުވަސް ނައި ނަމަވެސް އެމީހަކު މަރުވުމުން އެމީހަކަށް އެއީ ޤިޔާމަތްވުން ކަމަށްވާތީއެވެ. އެމީހަކަށް ޤިޔާމަތް ދުވަހުން ސަލާމަތްކަން އޮތީ އެކަމަށް އެމީހާ މިދުނިޔޭގައި ހުރެ ތައްޔާރރުވީ ވަރަކުން ކަމަށްވާތީއެވެ.
މާނައަކީ ޤިޔާމަތް ދުވަސް އޮޅުން ފިލުވަން އުޅުމުގެ އެއްވެސް ބޭނުމެއް ނެތްކަމެވެ. ކިތަންމެ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެއީ އެއްވެސް މީހަކަށް އެނގޭނެ ކަމެއް ނޫނެވެ. ހަމަ އެފަދައިން އެއްވެސް މީހަކަށް އެމީހާ މަރުވާނެ ވަގުތެއްވެސް ނުއެނގޭނެއެވެ. ވީމާ ކުރަން އޮތްކަމަކީ ކޮންމެ ވަގުތަކުވެސް އެމީހަކަށް ޤިޔާމަތް ވެދާނެ ކަމަށް، މަރުވެދާނެ ކަމަށް ބަލައި އެކަމަށް ތައްޔާރުވުމެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން