ޤުރްއާން ކިޔެވުމުގެ ފައިދާ އެންމެ ބޮޑަށް ކުރާނެ ގޮތަށް ކިޔަވަން ފަސޭހަވާނެ ގޮތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ޤުރްއާން ކިޔެވުމުގެ ފައިދާ އެންމެ ބޮޑަށް ކުރާނެ ގޮތަށް ކިޔަވަން ފަސޭހަވާނެ ގޮތެއް!

އެންމެ މަތިވެރި ޛިކުރަކީ ޤުރްއާނެވެ. ޤުރްއާން ކިޔެވުމެވެ. ވީމާ ކިޔަވަންވާނީ ވަރަށް ބޮޑަށް ސަމާލުކަންދީގެންނެވެ. އަހުރެން ދައްކަން މިއުޅެނީ ޤުރްއާން ކިޔެވުމުގައި ހޭލުންތެރިވެ ސަމާލުކަންދޭންޖެހިފައިވާ ކަމެއްގެ ވާހަކައެވެ. މަތިވެރި ސުންނަތެއްގެ ވާހަކައެވެ.

އަހުރެން މިބުނާ މަގުން ކީރިތި ޤުރްއާން ކިޔެވުމަށްޓަކައި ފުރަތަމަ ކަމަކަށް ކިޔަވާއިރު ސަމާލުކަންދޭށެވެ. ކިޔެވޭ ކޮންމެ އަކުރަކަށް، ކަލިމައަކަށްވެސްމެއެވެ.

ކީރިތި ޤުރްއާން ކިޔަވާއިރު ނަރަކައިގެ ވާހަކަ އައުމުން ނަރަކައިން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ދުޢާކުރުމާއި ސުވަރުގޭގެ ވާހަކަ އައުމުން ސުވަރުގެ ދެއްވެވުން އެދި ދުޢާކުރުމަކީ ސުންނަތުން ފެންނަން އޮތްކަމެކެވެ.

ހުދައިފާ ރަޟިޔަﷲ ޢަންހު ރިވާކުރައްވަވާފައިވެއެވެ. "ތިމަންކަލޭގެފާނު ރަސޫލް ޞައްލﷲ ޢަލައިހި ވަސައްލަމަގެ ފަހަތްޕުޅުގައި ދަމުނަމާދުކުރެއްވެވީމެވެ. ފުރަތަމަ ރަކްޢަތުގައި ބަޤަރާ ސޫރަތާއި އާލްޢިމްރާން ސޫރަތާއި އަދި އައްނިސާ ސޫރަތް ވިދާޅުވިއެވެ. ކިޔަވައިވިދާޅުވަމުން ގެންދެވިއިރު ނަރަކައިގެ ވާހަކަ (އާޔަތެއްގައި) އައުމުން ނަރަކައިން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ދުޢާކުރެއްވެވިއެވެ. އަދި ސުވަރުގޭގެ ވާހަކަ (އާޔަތެއްގައި) އައުމުން ސުވަރުގެ ދެއްވެވުން އެދި ދުޢާކުރެއްވެވިއެވެ.

އެކަންކުރަން ކޮންމެހެން ޢަރަބި ބަސް އެނގޭކަށްވެސް ނުޖެހެއެވެ. "ޖަހައްނަމަ" އައުމުން އެއޮތީ ނަރަކައިގެ ވާހކަކަމާއި "ޖަންނާ" އޮތުމުން އެއީ ސުވަރުގޭގެ ވާހަކަކަން ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. އެވަރުންވެސް މި ބަޔާންކުރި ފަދައިން ދުޢާކުރެވޭނެއެވެ. އޮޅިދާނެތީ ބިރުނުގަންނާށެވެ! ހިތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ޤުރްއާން ކިޔެވުމުގެ ފައިދާ އެންމެ ބޮޑަށް ކުރާނެ ގޮތަށް ކިޔަވަން ފަސޭހަވާނެ ގޮތަކީ މިގޮތަށް ކިޔެވުމެވެ.

އަހުރެން ދެކޭ ގޮތުގައި މިފަދައިން ދުޢާކުރުމަކީ ނަރަކައިން ސަލާމަތްވުމަށާއި ސުވަރުގެ ލިބިގަތުމަށް އެމީހާގެ ހުރި ޝައުޤުވެރިކަންވެސް ބަޔާންކޮށްދޭނެ ކަމެކެވެ. އަދި އަހުރެމެން މިކުރާ ހުރިހާ މަސައްކަތެއްގެ މަޤްޞަދު ގުޅިފައިވަނީ ނަރަކައިން މިންޖުވުމާއި ސުވަރުގެ ލިބުން ކަމުގައިވާއިރު ކީރިތި ޤުރްއާން ކިޔަވަމުން ގެންދާއިރު މިކަމަށް ސަމާލުކަންދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އަހުރެން ދެކެމެވެ.

މިބުނި ދަތިކަން އިޙްޞާޞްކުރެވޭނީ ޢަރަބި ބަސް ނުދަންނަ މީހަކު ޤުރްޢާން ކިޔަވާނަމައެވެ. ތަރުޖަމާއިން ކިޔާނަމަ އެމައްސަލަ ކުރިމަތިނުވާނެއެވެ. ވީމާ ތަރުޖަމާކިޔާއިރުވެސް މިބަޔާންކުރިމަގުން ނަރަކައިން މިންޖުކޮށް ދެއްވެވުމާއި ސުވަރުގެ ދެއްވެވުން އެދިގެން ދުޢާކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން