ފަތިހު ނުހޭލެވޭތީ ޢުޛުރު ނުދައްކައި ނިކަން ތަޖުރިބާ ކޮށްބަލަ! ނިދުމުގެ ކުރިން ކުރުސި ކިޔުމަކީ ފަތިސްނަމާދަށް ހޭލެވޭ ކަމެއްކަން ތަޖުރިބާއިން ޔަޤީންކުރެވުނު ކިޔުންތެރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ފަތިހު ނުހޭލެވޭތީ ޢުޛުރު ނުދައްކައި ނިކަން ތަޖުރިބާ ކޮށްބަލަ! ނިދުމުގެ ކުރިން ކުރުސި ކިޔުމަކީ ފަތިސްނަމާދަށް ހޭލެވޭ ކަމެއްކަން ތަޖުރިބާއިން ޔަޤީންކުރެވުނު ކިޔުންތެރިއެއްގެ ވާހަކަ-

ލިޔުން ހުށަހަޅައިލުމުގެ ކުރިން ދަންވައިލަން އޮތީ ފަތިސް ނަމާދަށް ހޭލަން އެދޭމީހާ މަޖުބޫރު ޙާލަތެއްގައި ނޫނީ ނިދުން ލަސްނުކުރާށެވެ! މެންދަމު 1،2 ޖަހާފަހުން ނިދަމުން ކުރުސި ކިޔަސް އެކަމުގެ ފައިދާ ނުކޮށްފާނެއެވެ. ސަބަބަކީ އެހައި ލަސްވުމުން ވަރުބަލިވެ އިޚްލާޞްތެރިކަމާއިއެކު ނުކިޔޭނެ ކަމެވެ. ނަމަވެސް ސުންނަތުގައި އޮތް ގޮތަށް ނިދަން މަސައްކަތްކުރަމުން ކިޔާނަމަ އެކަމުގެ ފައިދާ ކުރާނެއެވެ. އިން ޝާ ﷲ

ތިރީގައިވާ ލިޔުމުން އެކަން އެނގިލައްވާނެއެވެ. އިން ޝާ ﷲ

ފަތިސްނަމާދަށް ހޭލަން މަސައްކަތްކުރިނަމަވެސް ހޭނުލެވޭތީ ކިޔުންތެރިން ކަންބޮޑުވުން ފައުޅުކުރައްވާތީ މިބަޔާންކޮށްލަނީ މިކަމުގައި ކިޔުންތެރިއެއްގެ ތަޖުރިބާއެވެ. ޢިބްރަތް ޙާޞިލުކުރައްވާށެވެ! ތަޖުރިބާކޮށްލެއްވުމަށްފަހު ނަތީޖާވެސް ޙިއްޞާކޮށްލާށެވެ!

އަޅުގަނޑަކީ ކޮންމެ ގޮތަކުން ނަމަވެސް ހުކުރުވިލޭރޭގެ ފަތިސްނަމާދު ޖަމާޢަތުގައި ކުރަން މަސައްކަތްކުރަމުން އަންނަ މީހަކީމެވެ. ނުހޭލެވިދާނެތީ ނުނިދައި ހޭލައި ހުރެގެންވެސް ހުކުރުވިލޭރޭގެ ފަތިސްނަމާދު ޖަމާޢަތުގައި ކުރަން މަސައްކަތްކުރަމެވެ.

މިދަންނަވަނީ އެހެން ރޭތަކުގެ ފަތިސްނަމާދު ޖަމާއަތުގައި ކުރަން މަސައްކަތް ނުކުރާ ވާހަކައެއް ނޫނެވެ. އެމަސައްކަތްވެސް ކުރަމެވެ. ﷲ ތަޢާލާގެ ވާގިފުޅާއިއެކު ކާމިޔާބުވެސްވެއެވެ. ފަތިސްނަމާދު ވަގުތުގައި ނުކުރެވިދާނީ މަދު ދުވަހެއްގައެވެ. ނުހޭލެވޭ ދުވަހަކުވެސް ހޭލެވުމާއިއެކު އެހެން އެއްވެސް ކަމެއް ކުރަނީ ފަތިސް ނަމާދުގެ އިހުސުންނަތާއި ފަތިސްނަމާދު ޤަޟާކޮށްފައެވެ.

އާޔަތުލްކުރުސި އާއިބެހޭ ގޮތުން ދަންނަވަން ބޭނުންވަނީ އާޔަތުލްކުރުސި ކިޔަވައިގެން އޮތުމުން ފަތިސް ނަމާދަށް ހޭލެވޭކަމެވެ. އެކަން ވަރަށް ރަނގަޅަށް އަޅުގަނޑަށްވަނީ ތަޖުރިބާކުރެވިފައެވެ. ޖަމާއަތަށް ނުހޭލެވިދަނީ ވަރުބަލިވެގެން ނަމަވެސް ނުކިޔެވި އޮންނަރެއެއްގައެވެ. އާޔަތުލްކުރުސި 3 ފަހަރު ކިޔަވައިގެން އޮވެއްޖެ ނަމަ މާތް ﷲ ވާގިފުޅާއިއެކު ހަމަ ހޭލެވެއެވެ. މިއީ ހަމަ މުޖައްރިބް ކަމެއްކަމުގައި އަޅުގަނޑަށް މިވަނީ ތަޖުރިބާ ކުރެވިފައެވެ. ތިއަބޭފުޅުންވެސް ނިކަން ތަޖުރިބާކޮށްލައްވަން މަސައްކަތްކުރައްވަ ބައްލަވާށެވެ!

އަދި އެއްކަންތައް ފާހަގަކޮށްލާނަމެވެ. އެއީ ނިދުމުގެ ކުރިން ބަނޑުފުރާ ނުކެއުމެވެ. ނިދުމުގެކުރިން ކައި ބަނޑުފުރައިގެން ނިދުމަކީ ނިދިގަދަވެ ފަތިހު ހޭލަން ހުރަސްއެޅޭކަމެއްކަން އަޅުގަނޑަށްވެސް ތަޖުރިބާ ކުރެވިފައިވާތީ އެވާހަކަވެސް ދަންނަވައިލީއެވެ.

--މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން