ތަނަވަސްއިރުގެ އެންމެ ގާތް އެކުވެރިއަކަށްވެފަ ނިކަމެތިވެއްޖެނަމަ ދުރުވުމަކީ ކުރެވޭ ވަރަށް ބޮޑު ފާފައެއް! އެއީ މުނާފިޤުންގެ ސިފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ތަނަވަސްއިރުގެ އެންމެ ގާތް އެކުވެރިއަކަށްވެފަ ނިކަމެތިވެއްޖެނަމަ ދުރުވުމަކީ ކުރެވޭ ވަރަށް ބޮޑު ފާފައެއް! އެއީ މުނާފިޤުންގެ ސިފައެއް!

މީސްތަކުންނޭވެ! މިއަދު ދުނިޔޭގައި ޢާންމުވެފައި މިވަނީ އެމީހަކާއިއެމީހަކު ދިރިއުޅުމަށެވެ. އެމީހާ ކުރިއަރައިދިއުމަށެވެ. އަމިއްލަ ޢާއިލާއަށް އެހީތެރިވުންވެސް މިވަނީ ދޫކޮށްލައިފައެވެ. ނަމަވެސް އިސްލާމް ދީން ދަސްކޮށްދެނީ އެގޮތެއް ނޫނެވެ. ވީހައި ބޮޑަށް އެހެން މީހުންނަށް އެހީތެރިވުމަށެވެ. ޢާއިލާއަށް އެހީތެރިވުމަށެވެ.

ވީމާ ދީލަތިކަން އިސްކުރާށެވެ! އަދި ދަރިންނަށްވެސް ދީލަތިވާން ދަސްކޮށްދޭށެވެ! ހޭދަކުރިވަރަކަށް ﷲ ތަޢާލާ އިތުރުކުރައްވަވައި ދެއްވަވާނެކަން ދަސްކޮށްދޭށެވެ! ދެއްވެވި ކޮންމެ ނިޢްމަތަކީ ﷲ ތަޢާލާގެ ޙައްޤެއް ކަމާއި ދެއްވެވީ ﷲ ތަޢާލާކަން ވިސްނައިދޭށެވެ!

އެއީ ކިތަންމެ ނުބައިކަންބޮޑުކަމެއް ނަމަވެސް ތަނަވަސްކަމުގެ ދުވަސްވަރު އެކުގައި އުޅުމަށްފަހު އެކުވެރިޔާއަށް ދަތިޙާލަތެއް ކުރިމަތިވުމުން ދުރުހެލިވުމަކީ ގިނަބައަކަށް ކުރެވެމުން އަންނަ ކަމެކެވެ. ބިރުވެތިވާށެވެ! އެއީ މުނާފިޤް ކަމުގެ ސިފައެކެވެ. މނާފިޤުންގެ ސިފައެކެވެ.

އެކުވެރިޔާ ޙާލުގައި ޖެހި، އޭނާއަށް ދަތިކަމެއް ކުރިމަތިވެއްޖެނަމަ ބަލަންވީ ކުރިއަށްވުރެވެސް ބޮޑަށް ގާތްވުމަށެވެ. އެހީތެރިވެދެވެން އޮތް ކޮންމެ ގޮތަކުން ނަމަވެސް އެހީތެރިވެދިނުމަށެވެ. އެހީތެރިވެދެވޭނެ ތަނަވަސްކަން ނެތްނަމަ އެކުވެރިޔާއަށް ހިތްވަރުދޭށެވެ! މާޔޫސްވިއަ ނުދޭށެވެ. އެއީވެސް ހަމަ އެހީތެރިވުމެވެ.

އެއްވެސް މީހަކު އެމީހާ ޙާލުގައި ޖެހޭ ދުވަހު އެކުވެރިން އެމީހަކު ދޫކޮށްލާފައި ދިއުމަކަށް ނުއެދޭނެއެވެ. ހިތްވަރުދޭން ގާތުގައި ހުރުމަށް އެދޭނެއެވެ. އަދި އެފަދަ ޙާލަތެއްގައި ތިމާ ދޫކޮށްލާފައި ހިނގައްޖެނަމަ ހިތާމަވެސްކުރާނެއެވެ. ވީމާ ފުރަތަމަ ތިމާއަކީ ތިމާގެ އެކުވެރިންނާއިމެދު އެގޮތަށް އަޅައިލާ މީހަކަށްވާށެވެ! އެކުވެރިންނަށް އެހީތެރިވެދީ ހިތްވަރުދޭ މީހަކަށްވާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން