ކައިވެނީގެ މަތިވެރިކަން ދަރަޖަ ކުރާނަމަ އަހުރެން ދަރަޖަކުރާނީ އެންމެ މަތީގައެވެ. ސަބަބަކީ ކައިވެނިކުރުމުން ދީނުގެ ދެބައިކުޅައެއްބައި ފުރިހަމަވީކަމަށް ޙަދީޘްފުޅުގައި އޮތަތީއެވެ. ދެން އޮތްބައި އެމީހަކު ފުރިހަމަކުރުމުން ސުވަރުގެ ދެއްވަވާނެތީއެވެ.
މީގެ މާނައަކީ ހަމަ ކައިވެންޏެއް ކުރާއިރަށް އެދަރަޖަ ލިބުމެއް ނޫނެވެ. އެދަރަޖަ ލިބޭނީ ހޯދަން މަސައްކަތްކުރާ މީހަކަށެވެ. ކައިވެންޏަށްފަހު ﷲ ތަޢާލާއަށް ބިރުވެތިވެ ރަނގަޅު ގޮތުގައި ކައިވެނި ދަމަހައްޓަން މަސައްކަތްކުރާނަމައެވެ.
މިކަންކަމަށް ވިސްނައިލުމުން މިއަދުގެ ޙާލަތަށް ބަލައިފިނަމަ ގިނަ ބައެއްގެ ޙާލާއިމެދު ދެރަވެ ލަދުވެތިވާންޖެހެއެވެ. އެއީ ކަންކަމުގައި ގުޅާ މީހުންގެ ތެރެއިން ދީނުގެ ކަންކަން އޮޅުންފިލުވަން ގުޅާ މީހުންނަށްވުރެ ގިނައީ ކައިވެނީގައި ބައިވެރިޔާގެ ކިބައިން އަނިޔާ ލިބިގެން ގުޅާ މީހުންކަމަށްވާތީއެވެ. ހިތްދަތިކަން ލިބޭތީ، ފިރިމީހާ ނުވަތަ އަނބިމީހާ ބޭވަފާތެރިވެގެން، ހިތްދަތިކުރުވާތީ ކެތްނުކުރެވިގެން ގުޅާ މީހުން ކަމަށްވާތީއެވެ.
މިހުރިހާ މައްސަލަތަކަށްވެސް އޮތީ ހަމަ އެންމެ ޙައްލެކެވެ. އެއީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ތަޤްވާވެރިވުމެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ހުރިހާ މައްސަލަތަކެއްވެސް ކުރިމަތިވަމުން މިދަނީ ތަޤްވާވެރިކަން ކުޑަވުމުންނެވެ. ﷲ ތަޢާލާއަށް ބިރުވެތިނުވެވޭތީއެވެ. ވީމާ މައްސަލަތަކުން އަރައިގެނެވުން އޮތީ ތަޤްވާވެރިވީ މިންވަރަކުންނެވެ. ތަޤްވާވެރިވެވޭނީ ﷲ ތަޢާލާއަށް ބިރުވެތިވެވިގެންނެވެ.
ދެމަފިރިން އެކަކު އަނެކަކަށް ބޭވަފާތެރިވެ ޚިޔާނާތްތެރިވާއިރު ވިސްނައިލާށެވެ! ތިމާ މިކުރާ ޢަމަލު ބައިވެރިޔާއަށް ސިއްރު ކުރެވިދާނެއެވެ! ނަމަވެސް ﷲ ތަޢާލާއަށް ސިއްރެއް ނުކުރެވޭނެއެވެ. އަދި ފަޅާނާރައި ބޭޒާރުނުވެވެސް ނުދާނެއެވެ. ކުރި ކުށާއި ކުރިމަތިލާން ނުޖެހިއެއްވެސް ނުދާނެއެވެ! އެޙާލަތުގައި ކުރަންޖެހޭނެ ހިތާމައަށް ވިސްނާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން