ގިނަ ބައްޕައިން މިއަދު ދަރިންނަށް ނުދެނީ އެއްވެސް ޚަރަދެއް ނުކޮށް ދަރިންނަށް ދެވޭނެ، އަދި ދަރިންނަށް އެންމެ ފައިދާކުރާނެ، އެންމެ އަގު ބޮޑު އަދި ދަރިން އެންމެ ބޮޑަށް ބޭނުންވާ ހަދިޔާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ގިނަ ބައްޕައިން މިއަދު ދަރިންނަށް ނުދެނީ އެއްވެސް ޚަރަދެއް ނުކޮށް ދަރިންނަށް ދެވޭނެ، އަދި ދަރިންނަށް އެންމެ ފައިދާކުރާނެ، އެންމެ އަގު ބޮޑު އަދި ދަރިން އެންމެ ބޮޑަށް ބޭނުންވާ ހަދިޔާ!

އެންމެ މަތިވެރި މީހަކު ކަމުގައި ވުމަށް ކުރަން ހުރި ކަންކަމުގެ ތެރޭގައި ޢާއިލާއަށް އެންމެ ހެޔޮ މީހަކު ކަމުގައިވުން ހިމެނެއެވެ. ޢާއިލާއަށް އެންމެ ހެޔޮ މީހަކު ކަމުގައި ވެވޭނީ ހަމައެކަނި ޚަރަދުކުރުމަކުން ނޫނެވެ. ވަޤުތުވެސް ދީގެންނެވެ.

ބައެއް ބައްޕައިން އެމީހުންގެ ދަރިންނަށް ވަގުތުނުދީ އެހެން މީހުންނަށް އެހީތެރިވާން ވަގުތު އެބަ ހޭދަކުރެއެވެ. އެހެން މީހުންގެ އުފަލުގައި ބައިވެރިވެ ހިތްހަމަޖައްސައިދޭން އެބަ ވަގުތުދެއެވެ. އެއީ ވެސް ކުރަން އޮތް ހެޔޮކަމެއް ނަމަވެސް އެއީ އެކަން ކުރަން އޮތްގޮތެއް ނޫނެވެ. ޢާއިލާއަށް ވަގުތު ނުދީ އެހެން މީހުންނަށް ވަގުތު ދިނުމަކީ ކުރެވޭ ފާފައެކެވެ. ފުރަތަމަކަމަކަށް އޮތީ ޢާއިލާގެ ޒިންމާ އަދާކުރުން ކަމުގައިވާތީއެވެ.

ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ބޭނުންނަމަ އޮތީ މީހަކު ކަމަކަށް އެދިގެން އަންނަންދެން މަޑުކުރުމެއް ނޫނެވެ. ޙާލުގައިވާ މީހުން ހޯދައި އެމީހުންނާއި ހަމައަށް ގޮސް އެހީތެރިވުމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުވެގެންދާނެއެވެ.

އަހަރެމެންގެ އަތުގައިވާ އެއްވެސް އެއްޗަކީ އަހަރެމެންގެ އެއްޗެއް ނޫނެވެ. އެހެނީ ކޮންމެ އެއްޗެއްވެސް އަދި ކޮންމެ ނިޢްމަތެއްވެސް ލިބެނީ ﷲ ތަޢާލާ ދެއްވެވުމުން ކަމުގައިވާތީއެވެ. ވީމާ އަތުގައިވާ ކޮންމެ އެއްޗަކާއިމެދުގައިވެސް އަދި ދެއްވަވާފައިވާ ކޮންމެ ނިޢްމަތަކާއިމެދުގައިވެސް ފަރުވާތެރިވާށެވެ! އެކަމުގެ ފައިދާ ވީހައި ގިނަ ބައަކަށް ފޯރުކޮށްދޭން މަސައްކަތްކުރާށެވެ.

އެގޮތުން އެންމެ ފުރަތަމަކަމަކަށް ތިމާގެ އަމިއްލަ ދަރިންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދޭން މަސައްކަތްކުރާށެވެ! ހަމައެކަނި އެކުދިންނަށް ބޭނުންވާ އެއްޗެތި ހޯދައިދިނުމަކުން ނުފުދޭނެއެވެ. އެކުދިންނާއިއެކު ވަގުތު ހޭދަކުރަންވާނެއެވެ. ރަނގަޅު ސިފަތައް ދަސްކޮށްދީ ބޮޑުވުމުން އެކުދިންނަކީ ނަމޫނާބައަކަށް ހަދަން މަސައްކަތްކުރަންވާނެއެވެ. މައިންބަފައިންގެ އެންމެ އިސް ވާޖިބަކަށްވާންޖެހޭނީ ދަރިންނަށް ރަނގަޅު ސިފަތައް ދަސްކޮށްދިނުމެވެ. ﷲ ތަޢާލާގެ އެންގެވުންތައް ދަސްކޮށްދީ އަމަލުކުރަން ތަރުބިއްޔަތުކުރުމެވެ.

ކޮންމެ ކަމެއް ކުރިނަމަވެސް އެކަމެއް ކުރަންވާނީ ﷲ ތަޢާލާ އަންގަވާފައިވާގޮތަށްކަން ކުދިންނަށް ބުނެދީ އެގޮތަށް އަމަލުކުރަން ދަސްކޮށްދޭންވާނެއެވެ. ނޫންނަމަ ބޮޑުވެގެން އެކުދިން އަމިއްލައަށް ކަންކަން ކުރާނެ ގޮތް ނިންމަންވާއިރު ތިބޭނީ މުޅިން ތަފާތު ވިސްނުމެއްގައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން