ދީން އުނގެނުމަށާ އަޅުކަންކުރަން ފޫހިވެވޭނަމަ އެއީ އެންމެ ބޮޑު ނުރައްކަލުގެ ރަނގަބީލް! ސަލާމަތްވާން އަވަހަށް މަސައްކަތް ނުފަށައި ސަލާމަތެއް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ދީން އުނގެނުމަށާ އަޅުކަންކުރަން ފޫހިވެވޭނަމަ އެއީ އެންމެ ބޮޑު ނުރައްކަލުގެ ރަނގަބީލް! ސަލާމަތްވާން އަވަހަށް މަސައްކަތް ނުފަށައި ސަލާމަތެއް ނުވެވޭނެ!

ކުޑަކުޑަ މިޘާލަކުން ފަށާނަމެވެ. މީހަކު ލައްވައި ކުށެއް ކުރުވަން މަސައްކަތްކުރާ މީހާ އެކަން އޭނާއަށް ހުށަހަޅާނީ އޭނާއަށް ކުރެވެން އެއުޅެނީ ކުށެއްކަން އިޙްޞާޞްވެސް ނުކުރެވޭނެ ގޮތަށެވެ. އެގޮތަށް ދުރުދުރުން މަސައްކަތްކުރަމުން އައިސް މަޅީގައި ޖައްސުވައި ކުށްކުރުވަނީއެވެ. މީސްތަކުން ދީނާ ދުރުކުރުވައި މަގުފުރައްދުވަން ޝައިޠޯނާ ބޭނުންކުރަނީވެސް މިފަދަ އުކުޅުތަކެކެވެ. 

އެމީހަކީ ނުހަނު ތަޤްވާވެރި އުޅުމެއް އުޅެން މަސައްކަތްކުރާ މީހަކަށްވެސް ވެދާނެއެވެ. އެގޮތަށް މަސައްކަތްކުރަނިކޮށް ވެސް ކީރިތި ޤުރްއާނާއި ދުރުހެލިވެވެން ފަށައިފާނެއެވެ. ޚާއްޞަކޮށް ޤުރްއާނުގެ މާނަ އުނގެނެން ފޫހިވާން ފަށައިފާނެއެވެ. ކުރިން ގިނަގިނައިން އަޑުއަހަމުން އައި މާނަ އަޑުއެހުންމަތިން މުޅިންހެން ފޫހިވެދާނެއެވެ. އެއިގެ އިތުރުން ސުންނަތަށް ޢަމަލުކުރުމަށާއި ޙަދީޘް އުނގެނެން ފޫހިވާންވެސް ފަށައިފާނެއެވެ. ޢިލްމުވެރިން ދެއްވާ ދީނީ ދަރުސްތައް އަޑުއަހަންވެސް ފޫހިވާން ފަށައިފާނެއެވެ. 

އަދި ބައެއް މީހުންނަކީ ފެށުނީންސުރެ މިކަންކަމަށް ފޫހިވާ ބައެކެވެ. މިޙާލަތު މެދުވެރިވެއްޖެނަމަ ޔަޤީންކުރަންވީ ތިމާގެ މައްޗަށް ޝައިޠޯނާ ވެރިވެގެންފައިވާކަމެވެ. ތިމާގެ ހިތުމައްޗަށް ޝައިޠޯނާ ބާރުގަދަކުރަމުން އަންނަ ކަމެވެ. 

މިޙާލަތުގައި ފުރަތަމަ ކޮޅުގައި ފަރުޟު ނަމާދުކުރިނަމަވެސް ސުންނަތް ނަމާދުތައް ނުކުރެވެން ފަށައިފާނެއެވެ. އެއީ ކުރުން މުހިންމު ކަމެއް ނޫންކަމަށް ވިސްނެން ފަށައިފާނެއެވެ. މަޑުމަޑުން ގޮސް ފަރުޟު ނަމާދުތަކަށް ފަރުވާކުޑަކުރެވެން ފަށައިފާނެއެވެ. އެއިރު ޝައިޠޯނާ އެވަނީ ތިބާގެ ހިތުގެ މައްޗަށް ފުރިހަމައަށް ބާރުފޯރުވައިފައެވެ. 

މީސްތަކުންނޭވެ މިބަޔާންކުރި އެއްވެސް ކަމަކަށް ތިމާ ފޫހިވާން ފަށައިފިނަމަ ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަން ލިބިގަތުމަށް އަވަހަށް މަސައްކަތްފަށާށެވެ. ހުރިހާ ކަމެއް ވެނިމެންދެން މަޑުނުކުރާށެވެ! މާނައަކީ މަޑުމަޑުން ގޮސް ތިބާގެ މައްޗަށް ފުރިހަމައަށް ބާރުހިންގެންދެން މަޑުކޮށްގެން ނުހުންނާށެވެ. އަރައިގަތުމަށް އުނދަގޫވާނެއެވެ. 

މީސްތަކުން މަގުފުރެއްދުމުގައި ޝައިޠޯނާއަށް ވަނީ ވަރަށް ގިނަ ތަޖުރިބާ ތަޖުރިބާތައް ލިބިފައެވެ. އެއީ އޭތި ބިމަށް ވައްޓަވައިލެއްވެވީންސުރެ ދެވަނަ މަސައްކަތެއް ނުކުރެއެވެ. އޭތީގެ ހުރިހާ ސަމާލުކަމެއް ވަނީ މީސްތަކުން މަގުފުރެއްދުމަށެވެ. ވީމާ މިއަދާއި ހަމައަށް ލިބިފައި ހުންނާނެ ތަޖުރިބާތަކަށް ވިސްނައިލާށެވެ! 

ޝައިޠޯނާ އާއިމެދު ފަރުވާ ކުޑަކޮށްލެވިއްޖެނަމަ އެމީހަކަށް ދެދުނިޔެވެސް ގެއްލުނީއެވެ. މާނައަކީ ދުނިޔެއާއި އާޚިރަތްވެސް ގެއްލިގެންދިއައީއެވެ. ކިރިޔާވެސް ސަލާމަތްކަމެއް ހޯދޭނީ ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވެ ހުންނަން މަސައްކަތްކުރެވިއްޖެނަމައެވެ. ވީމާ އެކަމަށްވުރެ ވަކިން ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެހެންކަމެއް ނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން