ބޭނުންވި މީހާއާ ކައިވެނިކުރަން މަސައްކަތް ކުރުމުންވެސް ނުކުރެވިއްޖެނަމަ ﷲ ގެ ނިންމެވުމަށް އުފާކުރާށެވެ! ދެއްވަވާނީ މާ ރަނގަޅު ބައިވެރިއެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ބޭނުންވި މީހާއާ ކައިވެނިކުރަން މަސައްކަތް ކުރުމުންވެސް ނުކުރެވިއްޖެނަމަ ﷲ ގެ ނިންމެވުމަށް އުފާކުރާށެވެ! ދެއްވަވާނީ މާ ރަނގަޅު ބައިވެރިއެއް! އިން ޝާ ﷲ

ކޮންމެ ކަމެއްގައިވެސް އޮތީ އެކަމަކަށް އެދިގެން މަސައްކަތްކުރުމެވެ. އެކަން ހިންމަވައި ދެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްަރަތށެވެ. އެކަމުގެ މައްޗަށް އެއްވެސް ބާރެއް ހަމައެކަކަށްވެސް ނުހިންގޭނެއެވެ. 

ވީމާ ތިމާ ޙާޞިލްކުރަން ބޭނުންވާކަމެއް ޙާޞިލުކުރަން ތިމާއަށް ކުރެވެން ހުރި ހުރިހާ ކަމެއް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރަން މަސައްކަތް ކުރުމުން ވެސް އެކަމެއް ޙާޞިލުނުކުރެވޭނަމަ އެކަމަށް މަސައްކަތްކުރުން މަޑުޖައްސައިލާށެވެ! 

އެގޮތަށް އެކަން މެދުވެރިވަނީ އެކަމަކުން ތިބާއަށް ޙަޤީޤީ ފައިދާއެއް ނުކުރާނެތީ އެކަމަށް ﷲ ތަޢާލާ މަގުފަހިކުރައްވަވައި ނުދެއްވެވުމުންކަމަށް ޤަބޫލުކޮށް އެހެންކަމަކުން ކުރިއެރުން ހޯދަން މަސައްކަތްކުރާށެވެ.

ކުރަންޖެހޭ ހުރިހާ މަސައްކަތެއް ޙަލާލު، ހުއްދަ ކުރެއްވެވި ގޮތަށް ކުރުމުން ވެސް އެކަމެއް ޙާޞިލުނުވާތީ ކަންބޮޑުވެ މާޔޫސްނުވާށެވެ! އެކަން އެގޮތަށް މެދުވެރިކުރެއްވެވި ސަބަބު ނުއެނގުނުނަމަވެސް އެއީ ތިމާއަށް އެންމެ ރަނގަޅު ގޮތްކަމަށް ޔަޤީންކުރާށެވެ!

އިސްތިޚާރާކޮށް އެމީހަކަށް އެންމެ ފައިދާކުރާނެ ގޮތަށް އެކަމެއް މިންވަރުކުރައްވަވައިދެއްވެވުން އެދި ދުޢާކުރަން އޮތީ މިސަބަބަށްޓަކައެވެ. އެކަން ޤަބޫލުނުކޮށް ކަންބޮޑުވާ މީހުންނަށް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ހިތްހަމަޖެހުން ލިބޭނީ ﷲ ތައާލާއަށް އިތުބާރުކޮށް ތިމާއަށް ދެރަވާނެ ގޮތަކަށް އެއްވެސް ކަމެއް ﷲ ތައާލާ ނުނިންމަވާނެކަން ޔަޤީންކުރާ މީހުންނަށެވެ.

މިޒަމާނުގައި މީހުން އެންމެ ބޮޑަށް ކަންބޮޑުވާ ދެކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ބޭނުންވާ މީހާ ޙަޔާތުގެ ބައިވެރިއަކަށް ނުލިބުމާއި ބޭނުންވާ ވަޒީފާ ނުލިބުމެވެ. އެމީހަކު އެންމެ ބޭނުންވާ މީހަކު ބައިވެރިއަކަށް ހޯދަން ކުރަންޖެހޭ މަސައްކަތްތައް ކުރުމުންވެސް ނުލިބުނުނަމަ އެކަމާއި އިތުރަށް ނުއުޅެ އެހެން މީހަކު ހޯދަން ވިސްނާށެވެ. ހަމައެފަދައިން އެންމެ ބޭނުންވާ ވަޒީފާ ނުލިބިއްޖެނަމަ ލިބެން އޮތް ވަޒީފާއެއްގައި ކުރިއަށްދާން މަސައްކަތްކުރާށެވެ!

އެއިރުން ފަހުން ލިބޭ އުފާވެރިކަން މާބޮޑުކަން ތަޖުރިބާއިން އަންނަނީ އެނގެމުންނެވެ. ކަންކަމުގައި އެންމެ މުހިންމީ ރަނގަޅު ގޮތުގައި އެހެން މީހުންކުރާ ތަޖުރިބާއިން ޢިބްރަތް ޙާޞިލުކުރުމެވެ.

ޔަޤީންކުރާށެވެ! ތިބާއަށް ހޯދަން މަސައްކަތްކުރެވުނީ އެމީހެއްގެ ސަބަބުން ތިބާގެ ޙަޔާތަށް އުފާވެރިކަން ލިބުނު މީހާ ނޫންކަމެވެ. އެކަން ނުއެނގުނީއެވެ. ނަމަވެސް ﷲ ތަޢާލާ ދެނެވޮޑިގެންވާތީ ތިމާ އެދުނު ގޮތަށް ހިންމަވައި ނުދެއްވެވީއެވެ. ތިމާއަށް އެންމެ ފައިދާކުރާނެ ބައިވެރިޔާ ދެއްވަވާނެކަންވެސް ޔަޤީންކުރާށެވެ! ހަމަކަށަވަރުން ވަކީލްކުރާ އަޅުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.  

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން