އެމީހަކު ޙާޞިލުކުރަން ބޭނުންވާ ހުރިހާ ކަމެއް ޤިޔާމަތްދުވަހު ޙާޞިލުކުރެވެން އޮތް މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
އެމީހަކު ޙާޞިލުކުރަން ބޭނުންވާ ހުރިހާ ކަމެއް ޤިޔާމަތްދުވަހު ޙާޞިލުކުރެވެން އޮތް މަގު-

ޤިޔާމަތްދުވަސް ކާމިޔާބުކުރަން ކުރަން އެންމެ ފައިދާހުރިކަމަކީ ކޮބައިތޯ؟ މިއީ ހަމަ ކޮންމެ މުސްލިމެއްގެ ހިތުގައިވެސް އުފެދޭނެ ސުވާލެކެވެ. ސަބަބަކީ އެކަމެއް ކުރަން ކޮންމެ މުސްލިމަކުވެސް ބޭނުންވާނެތީއެވެ. 

ތިރީގައި އެވަނީ ޤިޔާމަތް ދުވަހު ތިމާ އެދޭހައި ކަންކަން ޙާޞިލުކުރަން ޢަމަލުކުރަން އޮތް ގޮތް އެނގިގެންދާ ދަރުސެކެވެ. 

ދުނިޔޭގެ ދިރިއުޅުމުގައި ކޮންމެ މީހަކުވެސް ބޭނުންވާނީ އެއްވެސް އިމެއް ނެތި އެމީހަކު ކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް ކުރެވުމަށެވެ. ބޭންކުތަކުން ދޫކުރާ ކާޑުތަކަށް ބަލައިފިނަމަ ގޯލްޑްކާޑެކެވެ. އެއީ އެންމެ ގިނަ ބޭނުންތައް ފުއްދޭނީ ގޯލްޑްކާޑަކުން ކަމުގައިވާތީއެވެ. ޤިޔާމަތް ދުވަހުވެސް ހަމަ އެފަދަ ކާޑެއް ހިފައިގެންގޮސްހުރުމުގެ ފުރުޞަތު އެބައޮތެވެ. 

ކުރަން އޮތްކަމަކީ ކުރިއާލައި ނަމާދަށް ގޮސްހުރުމެވެ. ކުރިން ދެވުނު ވަރަކަށް ކާޑުގެ ގޯލްޑްކަން ދާނީ ގަދަވަމުންނެވެ. ސަބަބަކީ މިސްކިތަށް ގޮސް ނަމާދަށް އިންތިޒާރުކޮށްގެން މީހަކު އިންނަހައި އިރަކު މަލާއިކަތުން އޭނާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދިވަޑައިގެން (އޭނާ ނަމާދަށް އިންތިޒާރުކުރާހައި ހިނދަކު) ދުޢާކުރައްވަމުން ގެންދަވާނެތީއެވެ. 

ވީމާ ކޮންމެ ނަމާދަށްވެސް އެންމެ 10 ވަރަކަށް މިނިޓްކުރިން ދެވުނު ނަމަވެސް އެމީހަކަށް މަލާއިކަތުންގެ ފަރާތުން ލިބިގެންދާނެ ދުޢާގެ ޢަދަދަށް ނިކަން ވިސްނައިލަބަލާށެވެ! 

މީގެ އިތުރުން ހުކުރު ދުވަހު މިފުރުޞަތު ވަކިން ބޮޑުވެގެންދެއެވެ. އެއީ ހުކުރަށްދާ މީހުންގެ ނަންތައް ތަރުތީބުން ލިޔުއްވަވަން މިސްކިތުގެ ދޮރުމަތީގައި މަލާއިކަތުން ތިއްބަވާތީއެވެ. ވީމާ އެއީ ގޯލްޑްކަން ގަދަވެގެންވާ ލިސްޓެކެވެ. 

ދެން ވިސްނައިލަންވީ ގަޑިއެއްހާއިރުކުރިން ނަމަވެސް މިސްކިތަށްދެވުނު މީހާއަށެވެ. އެމީހަކަށް މަލާއިކަތް ބޭކަލުންގެ ކިބައިން ލިބޭނެ ދުޢާގެ ޢަދަދަށެވެ. 

މީސްތަކުންނޭވެ! ޤިޔާމަތް ދުވަހު އެންމެ މަތީ ދަރަޖަ ލިބުން ވަނީ އެމީހެއްގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވަވާނެ އަޅުންނަށެވެ. އަހުރެމެން ކޮންމެ ދުވަހަކު އިސްތިޣްފާރު މިކުރަނީ އެކަމަށް އެދިގެންނެވެ. (ޙަދީޘްފުޅުގައި އޮތީ ކޮންމެ ދުވަހަކު 100-70 ފަހަރުކުރުމަށެވެ. އޮތީ ގިނަކުރަން ކެރުނުވަރެކެވެ.) 

ދެން ވިސްނާލަން އޮތީ ކޮންމެ ނަމާދަކަށް ކުރިން ދިއުމުން މަލާއިކަތް ބޭކަލުންގެ ފަރާތުން ލިބިގެންދާނެ ދުޢާއަށެވެ. މިއަދު އެކަމަށް ފަރުވާކުޑަކުރާ މީހުން ޤިޔާމަތް ދުވަހު ދެރަވެ ހިތާމަކުރާށެވެ! 

ގޭގައި ނަމާދުކުރާ އަންހެނުންވެސް ކުރިއާލައި ނަމާދަށް ތައްޔާރުވެ ވުޟޫކޮށްގެން ނަމާދަށް އިންތިޒާރުކުރުމުން މަލާއިކަތުންގެ ދުޢާ ލިބޭނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން