ކޮންމެ މީހަކީވެސް ކަންކަމަށް ބޭނުންވާނެ މީހެކެވެ. ކަންކަމަށް ބޭނުން ނުވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އެހެނަސް ހާޞިލުކުރަން ބޭނުންވާ ކަންކަން ކާމިޔާބު ކުރެވެނީ އެންމެންނަކަށް ނޫނެވެ. މަދު ބައަކަށެވެ. އެހެންވެ ގިނަ ބައަކަށް ޖެހެނީ މާޔޫސްކަމާއި ކުރިމަތިލާށެވެ!
އެއްވެސް މީހަކަށް ކަމެއް ކާމިޔާބުކުރެވުނީ ނުވަތަ ނުކުރެވުނީ މިވެނި ސަބަބަކާއިހުރެ ކަމަށް އެއްވެސް މީހަކަށް ނުބުނެވޭނެއެވެ. ދެއްކޭނީ ފެންނަން ހުންނަ ސަބަބުތަކުގެ ވާހަކައެވެ. ހުރިހާ ސަބަބުތަކެއް ނުފެންނާނެއެވެ. ނުވެސް އެނގޭނެއެވެ. ނަމަވެސް ކޮންމު މުސްލިމަކަށްވެސް އެނގި ޔަޤީންކުރެވޭނެ ކަމެއް ބުނެލާނަމެވެ.
ކޮންމެ މީހަކާއިއެކުގައިވެސް އެމީހަކު އެދޭ ގޮތަކަށް ﷲ ތަޢާލާ ވޮޑިގެންވެއެވެ. ވީމާ އެކަމުން އެނގެނީ އެމީހަކު ބޭނުންވާ ކަންތައް ﷲ ތަޢާލާ ތިމާއަށް ފުއްދަވައި ދެއްވަވާނެ ކަމުގެ ޔަޤީންކަމުގައި ހުރެ އެކަމަށް މަސައްކަތްކުރަމުން އަންނަ މީހަކަށް އޭނާގެ ބޭނުންތައް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެ ކަމެވެ.
އަހުރެން ޤަބޫލުކުރާ ގޮތުގައި ކާމިޔާބީ އާއި ނާކާމިޔާބީގެ ސަބަބަކީ އެމީހަކު ﷲ ތަޢާލާ އާއިމެދު ދެކޭ ގޮތެވެ. ޤަބޫލުކުރާ ގޮތެވެ. ވީމާ ކޮންމެ ކަމަކަށް ބޭނުންވިނަމަވެސް ސަބަބުތަކުގައި ހިފަހައްޓައިގެން އެކަމެއް ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! މަސައްކަތްކުރަމުން އެކަން ﷲ ތަޢާލާ ތިމާއަށް ހިންމަވައި ދެއްވަވާނެ ކަމުގެ ޔަޤީންކަމުގައި ހުންނާށެވެ. ކާމިޔާބީއަށް އޮތް އެންމެ ޔަޤީންކަމަކީ އެއީއެވެ.
- އުސްތާޛާ ޒާހިރާ ޙަސަން