ﷲ ތަޢާލާ ޢިޖާބަކުރައްވަވާނީ ހަމައެކަނި މުސްލިމުން ކުރާ ދުޢާތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ﷲ ތަޢާލާ ޢިޖާބަކުރައްވަވާނީ ހަމައެކަނި މުސްލިމުން ކުރާ ދުޢާތަ؟

ﷲ ތަޢާލާ ޢިޖާބަކުރައްވަވާނީ ހަމައެކަނި މުސްލިމުން ކުރާ ދުޢާތަ؟ 

ސުވާލުގެ ޖަވާބަށް ދިއުމުގެ ކުރިން ކުޑަ ވާހަކައެއް ބުނެލާނަމެވެ. އެއީ ތަޢާލާއީ އެންމެހައި މީސްތަކުން އުފެއްދެވި އެންމެހައި މީސްތަކުންނަށް ރިޒުޤާއި އަދި އެހެންވެސް ނިޢުމަތްތަތައް މިންވަރުކުރައްވަވާ ރަސްކަލާނގެއެވެ. މީސްތަކުންނަށް އޮތީ އެކަން ބަލައިގަނެ ޝުކުރުވެރިވުމެވެ.  

ޝުކުރުވެރިވާ އަޅުންނަށް ޤިޔާމަތް ދުވަހު އޮތީ ނިޢުމަޔތްތަކުން ފުރިގެންވާ ސުވަރުގެއެވެ. ޝުކުރުވެރިނުވި އަޅުންނަށް ހުރީ އެތަނަކުން ގަދަފަދަ ޢަޛާބް ލިބިލިބި ހުންނާނެ ނަރަކައެވެ. 

ﷲ ތަޢާލާ ޢިޖާބަކުރައްވަވާނީ ހަމައެކަނި މުސްލިމުން ކުރާ ދުޢާތަ؟މިއީ ބައެއް މީހުންގެ ހިތުގައި އުފެދޭ ސުވާލެކެވެ. ޖަވާބަކީ ﷲ ތަޢާލާއީ ދުޢާ ޢިޖާބަކުރެއްވެވުމުގައި ދީލަތިވެވޮޑިގެންވާ ރަސްކަލާނގެއެވެ. ކޮންމެ އަޅަކު ދުޢާކުރިނަމަވެސް އައްސަވައި ވޮޑިގެންވެއެވެ. އިޚްލާޞްތެރިކަމާއިއެކު ކޮންމެ އަޅަކު ދުޢާކުރިނަމަވެސް ޢިޖާބަ ކުރެއްވެވުމަށް ކުޅަދުންވަންތައެވެ.  

އެމީހުންނަށް އެހެން އެއްވެސް މަގެއް ނުފެނުމުން ކާފިރެއްގެ ގޮތުގައި ހުރެގެން ވެސް ބައެއް މީހުން ދުޢާކުރެއެވެ. އެފަދަ މީހުންގެ ދުޢާ ޢިޖާބަވެސް ކުރައްވަވައެވެ.  

ތިރީގައި އެވަނީ އެފަދަ މީހެއްގެ ވާހަކައެވެ.  

މާޝާ އަލާލީކިނާއަކީ ރަސިއާގައާއި ރަސިއާބަހުން ވާހަކަދައްކާ ޤައުމުތަކުގައި އެތައް މިލިއަން ބައެއްގެ އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިޔާއެވެ. މިޔުޒިކްގްރޫޕްތަކާއިއެކު އުދުހެމުންދިއަ އަންހެނެކެވެ. އޭނާވަނީ މީގެ 6 އަހަރުކުރިން އިސްލާމްވެފައެވެ.  

މިއަދު މާޝާވަނީ މިޔުޒިކީދުނިޔެ ދޫކޮށް ޔުނިވަރސިޓީއެއްގައި ކިޔަވައިދޭންފަށައިފައެވެ. މާޝާ އިސްލާމްވި ސަބަބު ބަޔާންކުރަމުން ބުނެފައިވަނީ އޭނާ އިސްލާމްވި ސަބަބަކީ ﷲ ތަޢާލާ އަށްކުރި ފުރަތަމަ ދުޢާ ޢިޖާބަކުރެއްވެވުމުން ކަމަށެވެ.  

"އަހަރެންގެ ވަރަށް ގާތް ރަޙްމަތްތެރިއަކު ވަރަށް ބޮޑަށް ބަލިވި. އެކަން އެނގުމުން އޭނާއަށް ޝިފާ ދެއްވެވުން އެދި ދުޢާކުރިން. އެއީ އަހަރެން ﷲ އަށް ކުރި ފުރަތަމަ ދުޢާ. އެ ދުޢާ ޢިޖާބަކުރެއްވެވުމުން ﷲ ތަޢާލާގެ ދީލަތިވަންތަކަމާ އެންމެންގެ އަޑުތައް އައްސަވައިވޮޑިގެންވާކަން ޤަބޫލުކުރެވިގެން އިސްލާމްވީ!" 

މާޝާ ބުނާގޮތުގައި އިންސާނުންނަށް އިންސާނުންގެ ގޮތުގައި ދިރިއުޅެވޭނެ އެންމެ ފުރިހަމަ މަގު ފެންނަން އޮތީ އިސްލާމްދީނުގއެވެ. ގިނަ އަދަދެއްގެ ލަވަކިޔުންތެރިންނާއި ފަންނާނުން އެމީހުންގެ މަޝްހޫރުކަން ދޫކޮށްލައި އިސްލާމްވަމުންދާ އެއް ސަބަބަކީ އެކަން ޤަބޫލުކުރެވުމެވެ!  

މާޝާގެ ވާހަކަކޮޅާއި ގުޅިގެންވެސް އުފެދޭ ސުވާލަކީ އަހަރެމެންކުރާ ދުޢާތައް ޢިޖާބަކުރައްވަވަމުން ގެންދަވާއިރު، އަދި މާޝާ އެބުނާބަސްތައް ކީރިތި ޤުރްއާނުން އެނގެން އޮތްއިރު އަހަރެމެންގެ ތެރެއިން ބައަކު އިސްލާމް ދީނާއި ދުރަށް ޖެހެމުން މިދަނީ ކީއްވެގެން ހެއްޔެވެ؟

މިއަދު އޮންލައިން