ދަރިއަކު ނުލިބި ތިބި އެތައް ބައަކު އެތިބެނީ މާބޮޑު ރަޙްމަތުގަ! އެފަދަ މީހަކަށް ނުބައިކޮށް ހީކުރުމަކީވެސް މާބޮޑު ދެރައެއް ލިބިދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ދަރިއަކު ނުލިބި ތިބި އެތައް ބައަކު އެތިބެނީ މާބޮޑު ރަޙްމަތުގަ! އެފަދަ މީހަކަށް ނުބައިކޮށް ހީކުރުމަކީވެސް މާބޮޑު ދެރައެއް ލިބިދާނެ ކަމެއް!

އަޅުގަނޑަކީ 2 ކައިވެނިކޮށް ވަރިވެފައިވާ އަންހެނަކީމެވެ. ދަރިއަކު ނުލިބެއެވެ. އެކަމަކު އެއްވެސް މީހަކަށް އެއްވެސް އުނދަގުލެއް ނުކުރަމެވެ. ރިޒުޤް ހޯދަނީ އަމިއްލައަށް ކުރާ މަސައްކަތުންނެވެ. އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ނުއެދެމެވެ. މާތް ﷲ ދެއްވަވާ މިންވަރަށް ޝުކުރުވެރިވެގެން ވީކަމެއްކޮށް ނުކުރެވުނު ކަމެއް ނުކޮށް އިންނަނީއެވެ. 

އެކަމަކުވެސް ބައެއް މީހުން އަޅުގަނޑުގެ ހިތުގައި ޖެހޭފަދަ ބަސްތައް ބުނެއެވެ. އަޅުގަނޑު ކުށްވެރިކުރެއެވެ. އެކަނި އިންނަން ޖެހުމަކީ ނޫނީ ދަރިއަކު ނުލިބުމަކީ އަޅުގަނޑުގެ ކުށެއްތޯއެވެ؟ 

މިހެން މިބުނަނީ އަޅުގަނޑު ވަރިކުރީ އެއްވެސް ކުށެއް ދައްކާފައެއް ނޫނެވެ. ނުވެސް ދެއްކޭނެއެވެ. އިން ޝާ ﷲ. ކުރިންވެސް އަދި މިހާރުވެސް އަޅުގަނޑަކީ ތަޤްވާވެރިއެއްކަން މާތް ﷲ ދެނެވޮޑިގެންވާނެއެވެ. އިން ޝާ ﷲ 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިބާއަށް ނުބައިބަސްބުނާ މީހުން ބުނަން ދޫކޮށްލާށެވެ! އެއީ ތިބާގެ މީޒާން ތިބާގެ ކޮޅަށް ބޮޑުތަނުން ބުރަކޮށްދޭނެ ކަމެކެވެ. އިން ޝާ ﷲ. އަދި ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!   

ﷲ ތަޢަލާ މީސްތަކުންނަށް ދެއްވަވާ އެއްވެސް ނިޢްމަތެއް އެއްވެސް މީހަކަށް ނުލިބިގެން އެމީހަކު ކުށްވެރިކޮށް އަދި ހިތުގައި ޖެހޭގޮތަށް ބަސްތައް ނުބުނާށެވެ! އެކަމުގެ ޙަޤީޤަތް މޮޅަށް  ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ﷲ ތައާލާ ރުހިވޮޑިގަންނަވާ އަޅަކަށް ނުބައި ބަހެއް ބުނެވުމަކީ ކުޑަކަމެއް ކަމަށް ނުދެކޭށެވެ! 

ތަނަވަސް މީހަކަށް ދަރިން ނުލިބުނު ނަމަވެސް އަދި ތަނަވަސްކަމާއި ދަރިން ނުލިބުނު ނަމަވެސް އެމީހަކަށް ދެރަބަހެއް ނުބުނާށެވެ! އެމީހަކު ދެކެ ﷲ ލޯބިވެވޮޑިގަތުން ބޮޑީކަމަށްވެދާނެއެވެ! އެކަން އަހަރެމެންނަކަށް ނުއެނގޭނެއެވެ! އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ! 

ފައިސާވެސް ދަރިންވެސް ދެއްވަވަނީ ﷲ ތަޢާލާ އެމީހަކަށް ދެއްވަވަން ކަނޑައަޅުއްވަވާ ޢަދަދަކަށެވެ! ދަރިން ދެއްވަވާނެ ޖިންސާއި ޢަދަދާއި އަދި ނުދެއްވަވަން ކަނޑައަޅުއްވަވަނީވެސް ހަމަ ﷲ ތަޢާލާއެވެ! އެއީ އެއްވެސް މީހަކަށް އެއްވެސް ބާރެއް ހިންގޭނެ ކަންކަމެއް ނޫނެވެ. މިކަންކަން ކީރިތި ޤުރްއާނުގައި ވަނީ ވަޙީކުރައްވަވައިފައެވެ. ޤަޟާޤަދަރަށް އީމާންވުމަކީ އެއީއެވެ. އެކަންކަން ޤަބޫލުނުކުރެވޭނަމަ އެއީ އީމާން ނުވެވެނީއެވެ. 

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެންމެ ބޮޑަށް ލޯބިފުޅުވާ ބައެއް މީހުންނަށް ފައިސާ، ތަކެތި ނުދެއްވަވަނީ އެތަކެތި ލިބުމުން އެކަމުގެ ސަބަބުން އެމީހަކާއި ﷲ ތަޢާލާ އާއި ދުރުވެދާނެކަމަށްޓަކައި ކަމަށެވެ. އަދި އެއީ އެމީހުންދެކެ ލޯބިފުޅުވެވަޑައިގަންނަވާތީ ކަމަށެވެ. ހަމައެފަދައިން ﷲ ތަޢާލާ މީސްތަކުންނަށް އެކިވަރަށް ދެއްވަވާ އެއް ސަބަބަކީވެސް ހަމައެއީއެވެ. އަދި މަދުންނާއި ގިނައިން ދެއްވަވަނީވެސް އިމްތިޙާންކުރެއްވެވުމަށްޓަކައެވެ.

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

މިއަދު އޮންލައިން