އެއްދުވަހަކު މީހަކު ސުވާލުކުރިއެވެ. "އަހުރެންނަކީ ކައިވެނިކޮށްގެން ހުރި މީހަކީމެވެ. ފިރިއަކީމެވެ. އަހުރެންނަށް ކައިވެނީގެ ބޭރުން (ޒިނޭކޮށްގެން) ދަރިއަކު ލިބިއްޖެއެވެ. އަހުރެންގެ ފާފަ ފުއްސަވައި ދެއްވަވާނެ ހެއްޔެވެ؟"
ގިނައިން މިބާވަތުގެ ސުވާލުކުރަނީ އަންހެނުން ނަމަވެސް އެދުވަހު ސުވާލުކުރީ ފިރިހެނެކެވެ. އެކަމުން އެނގެނީ އޭނާއަށް ކުރެވުނު ފާފަޢާއިމެދު ދެރަވެ އޭނާ ހިތާމަކުރާ މިންވަރެވެ.
އަހުރެން ބުނީމެވެ. "ތިބާ ތައުބާވެ ފާފަ ފުއްސަވައި ދެއްވެވުން އެދި ދެންނެވިނަމަ މިހާރުވެސް އޮންނާނީ ފާފަފުއްސަވައި ދެއްވަވައިފައެވެ." މިއީ މިމައްސަލައިގައި ސުވާލުކުރާ އެންމެންނަށްވެސް އަހުރެން ދޭ ޖަވާބެވެ.
(މިސުވާލަށް ޖަވާބުދެއްވަމުން ބައެއް ޢިލްމްވެރިން ވިދާޅުވެފައިވަނީ މުހިންމުވަނީ ޒިނޭގެ ދަރިއަކު ލިބުން ނޫންކަމަށާއި ޒިނޭކުރުންކަމަށެވެ. ﷲ ތަޢާލާގެ ޙުކުމްފުޅު ބާވައިލައްވަވާފައިވަނީ ޒިނޭގެ ދަރިއަކު ލިބުމަށް ނޫންކަމަށްވެފައި ޒިނޭކުރުމަށް ކަމަށްވެސް ވިދާޅުވެއެވެ. "ބިރުވެތިޥާންވީ ޒިނޭގެ ދަރިއަކަށް ނޫން! ޒިނޭކުރުމަށް!"
އަހުރެންގެ ބޭނުމަކީ ޒިނޭކުރަން ހިތްވަރުދުނުމެއް ނޫނެވެ. ޒިނޭކުރަމުން ތައުބާވަމުން ގެންދިއުމަކީ އާދައަކަށް ހަދަން ބުނުމެއްވެސް ނޫނެވެ. އަހުރެންގެ އޮތީ އެންމެ ބޭނުމެކެވެ. އެއީ ޒިނޭކުރެވުނަސް ﷲ ތަޢާލާގެ ރަޙްމަތާއިމެދު މާޔޫސް ނުވެ އަވަހަށް ތައުބާވެ ހެޔޮ ޢަމަލުކުރަން ބުނުމެވެ.
ދެން އުފާވެރިކަން ލިބިގަންނަންވީ މިޙަދީޘްފުޅުންނެވެ. އެހަދީޘްފުޅަކީ ފާފައެއް ކުރެވިއްޖެނަމަ ވިއްދައިގެން ހެޔޮ ޢމަލެއް ކުރުމަށާއި ކުރާ ހެޔޮ ޢަމަލުތަކުގެ ސަބަބުން ކުރެވިފައިވާ (ކުރެވޭ) ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމަށް އޮތް ޙަދީޘްފުޅެވެ. އަހުރެން ހިތުން މިއީ ކޮންމެ މުސްލިމަކަށްވެސް އޮތް އެންމެ އުފާވެރި ޚަބަރެވެ. ސަބަބަކީ ފާފަނުކުރެވޭނެ ހަމައެކަކުވެސް ނުހުންނާނެތީއެވެ!
- މުފްތީ މެންކުގެ ދަރުސަކުން