"އަޅުގަނޑަށް ބިރުވެރި ހުވަފެން ފެންނާތީ މިހާރަކަށް އައިސް ނުވެސް ނިދެއެވެ. ގައިގެ އެކިއެކި ތަންތަނުން ދިލަވެސް ނަގަނީއެވެ. ބައެއް ފަހަރު ކައިރީގައި ބޮޑު ހިޔަންޏެއް ހުންނަހެންވެސް ހީވެއެވެ." މިފަދަ ތަފާތު ވާހަކަތައް ކޮންމެ ދުވަހަކުވެސް ލިބެއެވެ.
ސިޙުރު، އެސްފީނާ އަދި ޖިންނި އަވަލުން ފަދަ ކަންކަމާއި ގުޅިގެން އެކިއެކި އުނދަގޫތައް ކުރިމަތިވާތީއާއި ބިރުވެރި ހުވަފެން ފެނުން ފަދަ ކަންކަން މެދުވެރިވާތީ އެކަމަށް ޙައްލު ހޯދަން ކުރެވިދާނެ ކަންކަމާއިބެހޭ ގޮތުން ސުވާލުކުރައްވާ ކިޔުންތެރިންނަށް މިގެނެސްދެނީ އެކަންކަމުގެ ތަފްޞީލް ވަރަށް ރަނގަޅަށް އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ
ހުވަފެނަކީ 3 ގޮތަކުން އިންސާނުންނަށް ފެންނަ އެއްޗެކެވެ. ބައެއް ހުވަފެނަކީ މާތް ﷲގެ ހަޒުރަތުން އަންނަ ތެދު ހުވަފެނެވެ. އަނެއްބައި ހުވަފެނަކީ އިންސާނާގެ ސިކުނޑީގައި ހުންނަ މަޢުލޫމާތު ނުވަތަ އިންސާނާ ކުރާ ކަންކަމާއި ގުޅިގެން ފެންނަ ހުވަފެނެވެ. އަނެއްބައި ހުވަފެނަކީ ޝައިޠާނާ ތިމާ ބިރުގަންނަވާ މާޔޫސް ކުރުމަށް ދައްކާ ހުވަފެނެވެ. އެހެންކަމުން އިންސާނާއަށް ފެންނަ ހުވަފެނަކީ އިންސާނާގެ ދިރިއުޅުމާއި ގުޅިފައިވާ އެއްޗެކެވެ.
ރޫޙާނީ ބަލިތައް ކަމުގައިވާ އެސްފީނާ، ޙަސަދަ، ސިޙުރު އަދި ޖިންނި އަވަލުމަކީ މިކަންކަމާއި ޖިންނި ޝައިޠާނުންނާއި އިންސާނުންގެ ނުބައި ނަފްސާއި ގުޅިފައިވާ ކަންކަމެވެ. އެހެންކަމުން މިފަދަ ކަންކަން ޖެހުމުން އިންސާނާއަށް ނިދީގައި ތަފާތު ގޯނާތައް ކުރިމަތިވެއެވެ. މިކަންކަމާއި ގުޅިފައިވާ ހުވަފެންތައް ފެނެއެވެ. އަދި މިފަދަ ހުވަފެންތަކަކީ އެފަދަ ބައްޔެއް ޖެހިފައިވާ ކަމުގެ ޢަލާމާތެކެވެ. އެހެނީ އެފަދަ ބައްޔެއް ޖެހިފައިވާ މީހާގެ މައްޗަށް ޝައިޠާނާގެ ވަސްވާސްތަކާއި އަސަރުތައް އެނޫން މީހުންގެ މައްޗަށް ވާވަރަށްވުރެ ގަދަވެގެންވެއެވެ. އެހެންކަމުން ހުވަފެނުގައި ބިރުދެއްކުން އިތުރުކޮށް މީހާ މާޔޫސްކޮށް ނަފްސާނީ ގޮތުންވެސް ބަލިކޮށްލައިގެން ހަށިގަނޑުގެ މައްޗަށް ޝައިޠާނުން ގަދަވެ އެކި ގޯނާ ކުރެއެވެ.
ނަމަވެސް ދަންނާންވީ ޙަޤީޤަތަކީ މިދެންނެވި ފަދައިން ހުވަފެނެއް އަދި ފެންނައިރަށް އެމީހަކީ ރޫހާނީ ބަލި ޖެހިފައިވާ މީހެއް ނޫނެވެ. އިންސާނާގެ ސިކުނޑީގައި ހުންނަ ކަމެއްގެ ސަބަބުންވެސް ބިރުވެރި ހުވަފެނެއް ފެނިދާނެއެވެ. އަދި ރޫހާނީ ބައްޔެއް ނެތި ވެސް ނިދީގެ ވަގުތުގައި ޝައިޠާނާ ތިމާއަށް އެފަދަ ހުވަފެނެއް ދައްކަފާނެއެވެ. އެފަދަ ބައްޔެއްގެ ސަބަބުން ފެންނަ ހުވަފެން ކަމުގައި ބެލެވޭނީ ވަރަށް ގިނައިން ތަކުރާރުވާނަމައެވެ. ދެތިން ރެއަކު ބިރުވެރި ހުވަފެނެއް ފެނުމަކުން އެއީ އެފަދަ ބައްޔެއް ކަމުގައި ނުބެލެވޭނެއެވެ.
ހުވަފެނާއި ބެހޭ ގޮތުން ވަރަށްވެސް ގިނައިން މީހުން ސުވާލުކޮށް އުޅެއެވެ. ފެންނަ ބިރުވެރި ނުވަތަ ތަފާތު ހުވަފެންތަކާއިމެދުއެވެ. އެހުވަފެނަކީ ސިހުރުގެ ސަބަބުން ނުވަތަ ރޫޙާނީ ބައްޔެއްގެ ސަބަބުން ފެންނަ ހުވަފެނެއްތޯ ބެލުމަށެވެ. ހިތާމައަކީ ނުބައި ހުވފެންތަކާއި، ނިދީގައި ޝައިޠާނާގެ އުނދަގޫ ތަކުން ސަލާމަތް ވުމަށް ނިދާވަގުތުގައި ޢަމަލުކުރުމަށް ދީނުގައި އައިސްފައިވާ ނިދުމުގެ އަދަބުތަކަށް ގިނަ މީހުން ރައްކާތެރި ނުވާކަމެވެ. ބިރުވެރި ނުވަތަ ތިމާ ނުރުހޭ ހުވަފެނެއް ފެނުމުން ޢަމަލު ކުރާން ޖެހޭ ގޮތަށް ޢަމަލު ނުކުރުމެވެ. އަދި މިޙާލަތުގައި ވަނިކޮށް މިގޮތުން ފެންނަ ނުބައި ހުވަފެންތަކާއިމެދު ކަންބޮޑުވެ އޭގެ މާނަ ހޯދަން އަވަސްވެގަތުމެވެ. އެފަދަ ހުވަފެނުގެ ވާހަކަ ނުދެއްކުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އިރުޝާދު ދެއްވާފައެވެ.
ބައެއް ހުވަފެނަކީ ރޫހާނީ ބަލިތަކުގެ ސަބަބުން ތަކުރާރުކޮށް ގިނައިން ފެންނަ ހުވަފެންތައްކަމުންނާއި، މިފަދަ ބަލިތައް މިހާރު ވަރަށްވެސް ޢާއްމުވެ، މިފަދަ ސުވާލުތައް ގިނަވެފައިވާތީ، ރޫޙާނީ ބަލިތަކުގެ ސަބަނުން ޢާއްމުކޮށް ފެންނަ ހުވަފެން ތަކާއިމެދު ބަލައިލާނަމެވެ. އެސްފީނާ، ސިހުރު، ނުވަތަ ޖިންނި އަވަލުމުގެ ސަބަބުން ފެނިދާނެ ހުވަފެންތައް ކޮންމެވެސް ވަރަކަށް ބަޔާންކޮށްލާނަމެވެ. މިއީ މިފަދަ ބަލިތައް ޖެހުމުން ޢާއްމުކޮށް ފެންނަ ހުވަފެންތަކާއި މިފަދަ ބައްޔެއްގެ ޢަލާމާތުގެ ތައުބީރު ހިމެނޭ ބައެއް ޢާއްމު ހުވަފެނެވެ. މިގޮތުން:
އެސްފީނާގެ ސަބަބުން ފެނިދާނެ ބައެއް ހުވަފެން:
-- ބުޅާ ޒާތްޒާތުގެ ސޫފި، ނަގުލަންދާށި، ކުއްތާ ނުވަތަ ކުއްތާ ތަކެއް
-- ޖިންނިއެއް ބަލަން ހުންނާތީ ފެނުން—
-- ބޭކާރު ހުސްވާހަކަތައް ދެއްކުމާއި މީހުނަށް އައިބު ކިޔައި ޣީބާ ބުނެ ފުރައްސާރަކޮށް މަލާމާތް ކުރާތީ ފެނުން، މީހުންގެ ޒާތީ ކަންކަމާއި ބެހި ފާޑު ކިޔާތީ ފެނުން.
-- ހިނި ނުވަތަ ކުދިކުދި އެފަދަ ސޫފި
-- ހުވަފެނުގައި ލޯ ފެނުން ނުވަތަ އެއްކޮށް ފޮރުވިގެން ތިބޭ އަންހެނުން ހުވަފެނުގައި ފެނުން-
-- އެމީހުނަކީ އެމީހުންގެ އެސްފީނާ ވަރުގަދަ ބައެއްކަމަށް ނުވަތަ އެމީހުންގެ އެސްފީނާ އެހެން މީހުނަށް ޖެހޭ މީހުން ކަމަށް މަޝްހޫރުކޮށް އެނގިފައިވާ މީހުން، ތިމާއާއި ދިމާއަށް، ތޫނު / ޙަސަދަވެރި / ނުރުހުމުގެ / އަނިޔާވެރި ނަޒަރަކުން ބަލާތީ ފެނުން. އަދި އެމީހުންގޭ ލޯ ނުބައި ސިފައެއްގައި ފެނުން.
-- ގަބުރާއި މަރުވެފައި ތިބޭ މީހުން
-- ތިމާއަށް ތިޔަހުރީ އެސްފީނާ ޖެހިފައޭ ބުނާއަޑު އިވޭ ހުވަފެން
-- ތިމާއާއިމެދު ހަސަދަވާކަމަށް އޭނާގެ ޢަމަލާއި ބަހުގެ ސަބަބުން ޝައްކު އުފެދިފައިވާ މީހަކު ފެނުން
-- އެސްފީނާގެ ވާހަކަ ނުވަތަ ޙަސަދައިގެ ވާހަކަ، ނުވަތަ އެދެކަމުގެ ވާހަކަ ނަންގަނެވިގެންވާ އާޔަތެއް ނުވަތަ އާޔަތްތައް
ޖިންނި އަވަލުން (މައްސު) ގެ ސަބަބުން ފެންނަ ބައެއް ހުވަފެން:
-- އާދަޔާ ޚިލާފް ގޮތްގޮތަށް ތިބޭ މީހުން (މިސާލަކަށް ބޯ ކުޑަކޮށް ހަށިގަނޑު ވަރަށް ބޮޑުކޮށް، ނުވަތަ ބޯ ވަރަށް ބޮޑުކޮށް އަދި ހަށިގަނޑު ވަރަށް ކުރުކޮށް ތިބޭ މީހުން، އާދަޔާއި ޚިލާފަށް ދިގު ނުވަތަ އާދަޔާއި ޚިލާފަށް ކުރު މީހުން، ގުނަވަންތައް އައިބުކޮށް ހުންނަ މީހުން)
-- ހަރުފަ
-- ތަފާތުބާވަތްބާވަތުގެ ދިރޭއެއްޗެހި (ޚާއްސަކޮށް މިތަކެތި ގިނަ ބައިގަނޑެއް ގޮތަށް ނުވަތަ އެތަކެތި ތިމާއަށް ޙަމަލާ ދޭތީ ފެނުން)
-- ގަބުރު ނުވަތަ ގަބުރުސްތާނު
-- ޖިންނީން ފެނުން
-- އެމީހަކު އުސްތަންތަނުން ވެއްޓެނިކޮށްފެނުން.
-- އަބަދުވެސް ކޮންމެވެސް ތަނަކުން ވެއްޓޭތީ ފެނުން.—
-- ތަކުރާރުކޮށް ގިނައިން ޝަހުވާނީ ހުވަފެން ފެނުން. އަދި އެހުވަފެނުން ހޭލެވޭއިރު އެދުން ފުދިފައި ހުރުން.
-- އެއް ޖިންސުން ގުޅުން ހިންގާތީ ފެނުން.
-- ތިމާ ފަހަތުން ބަޔަކު އުޅޭތީ ނުވަތަ ހަމަލާދިނުމަށް ފަހަތުން އަންނާތީ ފެނުން
-- ގަބުރުސްތާނުގައި ވަނިކޮށް ފެނުން.
-- ގޮތް ނޭނގޭ މަގަކުން ހިނގާފައިދާތީ، މަގު އޮޅިގެން ކުރިއަށް ނުދެވިގެން އުޅޭތީ ފެނުން
-- މޫދުގައިވަނިކޮށް ފެނުން، ނުވަތަ މޫދު ފެނުން، ދަތުރުކޮށްފައި ދާން އުޅޭ ތަނަކަށް ނުދެވިގެން އުޅޭތަން ފެނުން
-- ޖިންނީންނާއި ހަނގުރާމަކުރާތަން ފެނުން.
-- ޖިންނިއެއް ތިމާއާއި ޖިންސީ ގުޅުން ހިންގާތީ ފެނުން.
-- ނިދީގައި ގުޑާނުލެވޭ ގޮތަށް ހަށިގަނޑު ބަންދުވެފައިވާ ޙާލު، މީހަކު ނުވަތަ ކަޅު ހިޔަންޏެއް ނުވަތަ ޖިންނިއެއް ތިމާ ކައިރީ ހުއްޓައި، ނުވަތަ ގައިމަތީ އިންދާ ނުވަތަ ގުދުވެގެން ތިމާ ހިފަހައްޓައިގެން ހުއްޓާ ފެނުން.
ސިޙުރުގެ ސަބަބުން ފެންނަ ބައެއް ހުވަފެން:
-- ތިމާއަށް ހުރީ ސިހުރު ޖެހިފައި ކަމަށް ހުވަފެނުގައި ފެނުން. ނުވަތަ ސިހުރުވެރީން (ހުވަފެނުގައި އެއީ ސިހުރު ހަދާ ބައެއްގޮތަށް ފެންނަ) ބަޔަކު ތިމާ ގަޔަށް ފުމޭތީ ނުވަތަ އެއްޗެއް ކާން ނުވަތަ ބޯން ދޭތީ ނުވަތަ ތަޅާތީ ނުވަތަ ގަޔަށް އެއްޗެއް ވައްދާތީ ފެނުން. އަދި އެފަދައިން ތަޅައި ނުވަތަ އެއްޗެހި ވައްދާ ކަމަށް ފެންނަ ތަންތަނުގައި ހުވަފެނުން ހޭލެވޭ އިރު ތަދު ހުރުން.
-- އޭނާއަށް ސިހުރު ހަދާމީހަކު ހުވަފެނުގައި ފެނުން. ނުވަތަ އޭނާގެ ގާތް މީހަކު ނުވަތަ ދަންނަ މީހަކު، (އެބަޔަކާއި މައްސަލަޖެހި ހާޖާނު ވެފައިވާ ބަޔަކު)، އަދި ޙަޤީޤަތުގައިވެސް ސިހުރުފަދަ ކަންކަމުގައި އުޅޭ ބަޔަކު އޭނާއަށް ސިހުރު ހަދާތީ ފެނުން ނުވަތަ އެފަދަ ބައެއް ކިބައިން ތިމާއަށް ސިހުރު ޖެހިފައިވާކަމަށް ބުނާ އަޑު ހުވަފެނުގައި އިވުން.
-- ޢާއްމުކޮށް ހުވަފެނުގައި ޖިންނީން ފެނުން، އަދި ޖިންނީން ޖަނަވާރުންނާއި އިންސާނުންގެ ސިފަ ފަދަ ތަފާތު ސިފަ ސިފައިގައި ވަނިކޮށް ތިމާ އެތަކެއްޗާއި ހަނގުރާމަ ކުރާތީ ފެނުން.
-- ބައެއް އަންހެން ކަނބަލުން މާބަނޑު ޙާލަތުގައި ވަނިކޮށް ބަނޑުގައި ޖަހާތީ ފެނުން އަދި ހުވަފެނަށް ފަހު އަނެއް ދުވަހު ދަރިފުޅު ބައިގެން ދިއުން. އަދި ބައެއް ކަނބަލުންނަށް ޚިޔާލީ ސިފަސިފައިގައި ނުވަތަ ހަރުފަ ފަދަ ތަކެތީގެ ސިފައިގައި ހުވަފެނުގައި އަންނަތަން ފެނި ކުރިން ބުނި ފަދައިން ވުން ތަކުރާރުވުން.
-- ސިހުރުގެ ރަމްޒުތަކާއި ކުރެހުންތަކާއި ލިޔުންތަކާއި ސިހުރު ހަދައި ގޮށްޖަހާފައި ހުންނަ ގޮށްގޮށާއި ނަންބަރުތައް ޖަހާފައި ހުންނަ އަކަފަދަ ތަކެތި ހުވަފެނުގައި ފެނުން.
-- ސިހުރު ހަދަނިކޮށް ޢާއްމުކޮށް ހުވަފެނުގައި ފެނުން
-- ތިމާގެ ގޭގައި ނުވަތަ ތިމާ ހިނގާ މަގެއްގައި މީހަކު ސިހުރެއް ވަޅުލަނިކޮށް ހުވަފެނުގައި ފެނުން.
-- ގަބުރުސްތާނު، ގަބުރު އަދި މަރުވެފައިވާ މީހުން ފެނުން
-- މޫދުގައިވަނިކޮށް ފެނުން، ނުވަތަ މޫދު ފެނުން، ދަތުރުކޮށްފައި ދާން އުޅޭ ތަނަކަށް ނުދެވިގެން އުޅޭތަން ފެނުން
-- ސިހުރުގެ ވާހަކަ ނަންގަނެވިފައިވާ އާޔަތްތައް ނުވަތަ އާޔަތެއް ހުވަފެނުގައި ފެނުން
މިއީ ރޫޙާނީ ބަލިތަކުގެ ސަބަބުން ޢާއްމުކޮށް ފެންނަ ހުވަފެންތަކެވެ. ނުވަތަ އެފަދަ ކަމެއް ޖެހިފައިވާ ކަމުގެ ތައުބީރު ހިމެނޭ ހުވަފެންތަކެވެ. އެފަދަ ބަލިތައް ޖެހޭ މީހުންގެ ކިބައިން ނިދީގައި ތަކުރާރުކޮށް ފެންނަ، އަދި އެތައް ބަޔަކަށް މިގޮތުން ދިމާވާ ހުވަފެންތަކެވެ.
ނަމަވެސް ހަނދާނުގައި ބަހައްޓާށެވެ. ކުރީންވެސް ބުނެވުނު ފަދައިން މިފަދަ ހުވަފެނަކީ ހާލަކުން ފަހަރެއްގައި ނުވަތަ ދެތިން ފަހަރެއްގައި މީހަކަށް ރޫޙާނީ ބައްޔެއް ނެތިވެސް ފެނިދާނެ ހުވަފެނެވެ. އެހެނީ ތަފާތު ޒާތްޒާތުގެ ފިލްމުތައް ބެލުމާއި، ވާހަކަތައް ކިޔުމާއި، އެތައް ބޭކާރު ކަމެއްގައި މީސްތަކުން ޝާމިލުވެފައިވުން ޢާއްމުވެފައިވާ މިފަދަ ޒަމާނެއްގައި، ސިކުނޑީގައި ހުންނަ ޚިޔާލާތުގެ ސަބަބުންނާއި ޝައިޠާނާއަށް ތިމާމެން ހުށަހެޅިފައިވާލެއް ބޮޑުކަމުން ވެސް މިފަދަ ހުވަފެނެއް ފެނިދާނެއެވެ. އެހެންކަމުން އެފަދަ ބައްޔެއް ޖެހިފައި ހުރެގެން ފެންނަ ނަމަ ތަކުރާރުކޮށް ގިނައިން މިފަދަ ހުވަފެން ފެންނާނެއެވެ. އަދި ހަމަ އެޔާއި އެކު އެފަދަ ބަލިތަކުގެ ސަބަބުން ފެންނަ އިތުރު ޢަލާމާތްތައްވެސް ޢާއްމުގޮތެއްގައި ފެނެއެވެ.
ބަޔާންވެ ދިޔަ ފަދަ ހުވަފެނެއް ފެނުނު ނަމަ ވެސް، އެހުވަފެންތައް ވެސް ހިމެނިގެން ދަނީ ނުރުހެވޭ ނުވަތަ ނުބައި ހުވަފެނުގެ ތެރޭގައެވެ. އެހެންކަމުން އެފަދަ ހުވަފެނެއް ފެނިއްޖެ ނަމަ ނުބައި ހުވަފެނެއް ފެނުމުން ޢަމަލު ކުރުމަށް ސުންނަތުގައި އައިސްފައިވާ ގޮތްތަކަށް ޢަމަލުކުރާށެވެ. އޭރުން އޭގެ ގެއްލުން ނުފޯރައި މާތް ﷲގެ އިރާދަފުޅުން ރައްކާތެރިކަން ލިބިގެންދާނެއެވެ. މިކަންކަމުގެ ތަފްސީލު ހުވަފެނުގެ ޙަޤީޤަތްތައް ބަޔާންކޮށް މިވެބްސައިޓުގައި ހިމަނާފައިވާ ލިޔުންތަކުގައި ހުންނާނެއެވެ. މިލިޔުމުގެ ތިރީގައި ލިންކުތައް ހިމަނާލާފައިވާނެއެވެ.
އަދި ހަމަ އެހެންމެ ނިދާއިރު ވުޟޫކޮށް، ނިދާ އިރު ކިޔުމަށް އައިސްފައިވާ ޒިކުރު ތަކާއި ދުޢާތައް ކިޔުމަށް ޚާއްސަ ސަމާލުކަމެއް ދޭށެވެ. ޚާއްސަކޮށް އާޔަތުލް ކުރުސި ކިޔުމަށް ހަނދާން ކުރާށެވެ. މިފަދަ ހުވަފެނެއް ފެނިލާއިރަށް ބިރުން އުޅުމުގެ ބަދަލުގައި މިދެންނެވި ކަންކަން ހަނދާނުގައި ބަހައްޓައި ޢަމަލުކުރަމާ ހިނގާށެވެ. އޭރުން މާތް ﷲގެ ރަޙުމަތާއި އެކު ސަލާމަތްކަން ލިބޭނެއެވެ.
(ނިމުނީ)
- މައިތިރި.ކޮމް