އެމީހާގެ ކުށަކުން ކައިވެނި ރޫޅުނަސް ހިތްދަތިކަމުގެ ވަޤުތުގަ ދެރަވާނެ ބަހެއް ނުބުނާށެވެ! ދެން ލައްވަވާނެ ރަޙްމަތެއް ހަމަ އެކަކަށްވެސް ނޭނގޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އެމީހާގެ ކުށަކުން ކައިވެނި ރޫޅުނަސް ހިތްދަތިކަމުގެ ވަޤުތުގަ ދެރަވާނެ ބަހެއް ނުބުނާށެވެ! ދެން ލައްވަވާނެ ރަޙްމަތެއް ހަމަ އެކަކަށްވެސް ނޭނގޭނެ!

ދީނުގައި އޮތީ ކައިވެނި ރޫޅި ނިކަމެތި، ހިތާމަވެރި ޙާލުގައިވާ މީހަކު ފެނިއްޖެނަމަ އެމީހަކަށް އެހީތެރިވުމެވެ. ހިތްވަރުދިނުމެވެ. އެމީހަކަށްޓަކައި ހެޔޮދުޢާކުރުމެވެ. ނަމަވެސް އެކަމަށް ވިސްނައި ޢަމަލުކުރަނީ ވަރަށް މަދު މީހެކެވެ.

ކައިވެނި ރޫޅުން ފަދަ ކަންކަން ދިމާވުމުން ހިތްދަތިވާ ފަދަ ބަސްތައް ބުނާ ބައަކު އުޅޭނެއެވެ. ދެރަކޮށްލަން ބޭނުންވާ މީހުންވެސް ތިބޭނެއެވެ. މިފަދަ އެއްވެސް ވަގުތެއްގައި އެއްވެސް މީހަކު ބުނާ އެއްވެސް އެއްޗަކާއިމެދު އަޅައިވެސް ނުލާށެވެ!

ގިނަ ފަހަރަށް އެފަދަ ބަސްތައް ބުނާނީ ކައިވެނި ނުރޫޅުނު ނަމަވެސް މާހިތްދަތިކަމުގައި ދިރިއުޅޭ މީޙުންނެވެ. އަދި ކައިވެނި ރޫޅިފައިތިބޭ މީހުންނާއި ކައިވެނި ނުކުރެވި ތިބޭ މީހުންވެސް އެފަދަ ބަސްތައް ބުނާނެއެވެ. ވީމާ އެމީހުން އެތިބެނީ މާނިކަމެތި ޙާލުގައެވެ.

ކައިވެނި ރޫޅުނީ ކޮންމެ މީހެއްގެ ސަބަބުން ނަމަވެސް ކައިވެނި ރޫޅިއްޖެނަމަ އެމީހަކަށް ނުބައި، ދެރަ ބަސްތައް ނުބުނާށެވެ! ދެން އޭނާއަށް ދެއްވަވާނީ ކޮންފަދަ އުފާވެރި ޒަވާޖީ ޙަޔާތެއްކަން އެނގޭނީ ކާކަށް ހެއްޔެވެ؟ އެނގޭ ކަމަކީ އިތުރަށް އުފާވެރިކަން ލިބޭނެ ޒަވާޖީ ޙަޔާތެއް ލިބޭނީ ކައިވެނި ރޫޅިގެންކަމެވެ.

އަދިވެސް ޒަވާޖީ ޙަޔާތެއް ރޫޅިގެން މީހަކަށް ދެރަ ނިކަމެތި ބަސްބުނާއިރު ވިސްނައިލަންވީ ކަމަކީ ތިމާއަށް އެފަދަ ނިކަމެތިކަމެއް ލިބޭނީ ކޮން ވަގުތަކުކަން ނުވަތަ ނުލިބޭނެކަން ޔަޤީންވަނީ ކިހިނަކުން ހެއްޔެވެ؟

މީސްތަކުންނޭވެ! މީހަކަށް ހިތްދަތިކަމެއް މެދުވެރިވެއްޖެނަމަ އެކަމަށް އުފާނުކުރާށެވެ! އޭނާއަށް ލިބޭ ހިތާމައިގައި ބައިވެރިވާށެވެ! ހިތްވރުދީ އެހީތެރިވާށެވެ! މާލީ އެހީތެރިކަން ވެސް ފޯރުކޮށްދޭށެވެ! އެކަންކަމުގެ ބަދަލުގައި ތިބާއަށް ﷲ ތަޢާލާ ދެއްވަވާނެ ނިޢްމަތްތަކަށް އުންމީދުކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން