އެޢަމަލެއް ފުރިހަމައަށް ކުރިނަމަ ﷲ ގެ ރަޙްމަތްފުޅުން އެމީހަކު ސުވަރުގެ ވައްދަވާނެކަން އެނގެން އޮތް ޢަމަލަށް ރައްކައުތެރިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
އެޢަމަލެއް ފުރިހަމައަށް ކުރިނަމަ ﷲ ގެ ރަޙްމަތްފުޅުން އެމީހަކު ސުވަރުގެ ވައްދަވާނެކަން އެނގެން އޮތް ޢަމަލަށް ރައްކައުތެރިވާށެވެ!

ޤިޔާމަތް ދުވަހު އެމީހެއްގެ އަތުގައި ހިފައިގެން ދަމާ ގެންގޮސް ސުވަރުގެ ވައްދާނެ މީހުންގެ ތެރޭގައި ހިމެނުމުގެ ނަޞީބު ލިބިގެންދާނެ މީހަކަށްވުމަށް ގަދައަޅައި މަސައްކަތްކުރަމުން ގެންދާށެވެ! ތިބާގެ އަތުގައި ހިފައިގެން ދަމައި ގެންގޮސް ތިބާ ސުވަރުގެ ވައްދާނީ ކޮން ޢަމަލެއްކަން އެނގޭހެއްޔެވެ؟

މީސްތަކުންނޭވެ އެއީ ތިބާ ކުޅަނަމާދެވެ! ހިފި ރޯދައާ ކީރިތި ޤުރްއާންވެސް ތިބާގެ މައްޗަށް ޝަފާޢަތްތެރިވާނެއެވެ. ތިބާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނެތެވެ. ނަމަވެސް އެނިޢްމަތް ތިބާއަށް ލިބިގެންދާނީ ތިބާވަނީ ނަމާދުތައް ފުރިހަމަކޮށްފައި ކަމުގައިވާނަމައެވެ. ވީމާ ސުވަރުގެ އެދޭ މީހާ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނީ ފަރުޟު ނަމާދުތަކަށެވެ. އެންމެ ނަމާދެއްވެސް ނުއަޅައި ނަމާދުކުރަމުން ގެންދިއުމަށެވެ.

ފަރުޟު 5 ނަމާދު، އެއިން ކޮންމެ ނަމާދެއްވެސް އެނަމާދުގެ ވަގުތުގައި ކޮށްގެން މެނުވީ މި ބުނި ނިޢްމަތް ލިބުމެއް ނެތެވެ.

ހިތާމައަކީ ގިނަ މީހުންނަކީ ފަތިސް ނަމާދަށް އެއްގޮތަކަށްވެސް ނުހޭލައި މުޅި އުމުރު ހޭފަކުރާ ނުވަތަ ވަރަށް މަދުން ނޫނީ ނުހޭލާ ވަރަށް ގިނަ ބައަކު އެބަ އުޅެއެވެ. ހޭލެވުމުން ވެސް ފަތިސްނަމާދަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. ޤަޞާއެއް ނުކުރެއެވެ. ބަލަނީ އެއީ ނިމިގޮސްފައިވާ މާޒީއެއްގެ ގޮތުގައެވެ.

މީސްތަކުންނޭވެ! ނަމާދަކީ ނިމިގޮސްފައިވާ މާޒީއަކަށް ނުހެދޭނެއެވެ. މިސާލަކަށް ފަތިސް ނަމާދު ނުކޮށްހުރެ މެންދުރު ނަމާދެއް ނުކުރެވޭނެއެވެ. ފުރަތަމަ އޮތީ ފަތިސް ނަމާދު ކުރުމެވެ. ވަގުތުގައި ނުކުރެވިއޮތްނަމަ ޤަޟާކުރުމެވެ. ނަމާދަކީ ތަރުތީބު އޮޅުވާލައިގެން ކުރެވެން އޮތްކަމެއް ނޫނެވެ.

ނަމާދުކުރުމާއިމެދު އިމާމް މުފްތީ ވިދާޅޫވެފައިވާ މި ބަސްކޮޅަށް ވިސްނައިލާށެވެ!

"ނަމާދަށް ފަރުވާކުޑކުރަމުން ގޮސް އެމީހުންނަކީ ދުވާލަކު 4 ، 3 ނަމާދުކުރާ ބައެކެވެ. ދުވާލަކު 4، 3 ނަމާދުކުރަ މީހާއަކީ ފުރިހަމަ މުސްލިމަކަށް ވާނީ ކިހިނަކުން ހެއްޔެވެ؟ އެފަދަ މީހުން ވާނީ މުސްލިމުންގެ ތެރޭގައި ހިމެނޭ އިތުރު ބައަކަށް ނޫންހެއްޔެވެ؟ އެމީހުން އެއުފައްދަނީ އިސްލާމް ދީނުގެ އިތުރު ގޮތްޕެއް ނޫންހެއްޔެވެ؟ އެއީ ކާކަށް ކުރަން ހުއްދައޮތް ކަމެއް ހެއްޔެވެ؟ ހަމަ ގައިމުވެސް ފަރުޟް 5 ނަމާދުކޮށްގެން ﷲ ތަޢާލާ އެންގެވިގޮތަށް އުޅޭ މީހުންގެ ތެރޭގައި އެފަދަ މީހުންނެއް ނުހިމެނޭނެއެވެ. ޔަޤީނުންވެސް އެނގޭ ކަމަކީ އިސްލާމް ދީނުގައި ގޮފިތައް އުފެއްދުމަކީ ވަރަށް ބިރުހުރި ކަމެއް ކަމެވެ. އެކަން ކުރުމަކީ ވަރަށް ބޮޑަށް އިސްލާމް ދީނުގައި މަނާވެގެންވާ ކަމެއްކަމެވެ."

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން