ބައްދަލުވުމުން ހަމައެކަނި ދަންނަ މީހުންނާއި ސަލާމް ކުރުން ޢާންމުވުމަކީ ޤިޔާމަތްވުން ކައިރިވެއްޖެ ކަމުގެ ޢަލާމާތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
ބައްދަލުވުމުން ހަމައެކަނި ދަންނަ މީހުންނާއި ސަލާމް ކުރުން ޢާންމުވުމަކީ ޤިޔާމަތްވުން  ކައިރިވެއްޖެ ކަމުގެ ޢަލާމާތެއް!

ވިސްނައިލާށެވެ! ފައިށާ ހޯދަން ބޭނުންވެއެވެ. އެކަމަކު އެކަމަށް މަސައްކަތް ނުކުރާނަމަ ފައިސާ ލިބޭނެ ހެއްޔެވެ؟ ހަމަ އެގޮތަށް ކޮންމެ މީހަކުވެސް ބޭނުންވަނީ ވީހާގިނަ ޘަވާބު ހިފައިގެން ގޮސް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ލިބިގަންނާށެވެ! ޘަވާބުވެސް ލިބޭނީ އެކަމަށް އެދިގެން ކުރަންހުރި ކަންކަން ކުރާ މީހަކަށް ނޫންހެއްޔެވެ؟

ވިސްނައިލާށެވެ! އަހުރެމެން އެންމެންވެސް (ހުރިހާ މުސްލިމުން) މިއުޅެނީ ވީހައި ގިނަ ޘަވާބު ހޯދޭތޯއެވެ. ވީހައި ގިނަ ޘަވާބު ހޯދައިގެން ސުވަރުގޭގެ އެންމެ މަތީ ދަރަޖަ، ޖަންނަތުލްފިރުދައުސަށް އެރޭތޯއެވެ. އެކަމަކު އެންމެ ފަސޭހައިން އެތައް ބައިވަރު ޘަވާބުތައް ލިބެން ހުންނަ ކަންކަން ކުރަން ސަމާލުކަމެއް ނުދެވެއެވެ. ދެންވާނީ ކިހިނަކުން ހެއްޔެވެ؟

އަދިވެސް ބުނެލާނަމެވެ! އެންމެ ގިނައިން ޘަވާބު ލިބޭނެ ކަންކަމާއިމެދު ޞަޙާބީން ގެންދެވީ ސުވާލުރައްވަވަމުންނެވެ. ޙަދީޘްފުޅު ކުރައްވަވަނީ އެކަމަށް އެދުމަކަށް ނޫނެވެ. އެކަމަށް އެދިގެން މިވެނި އެވެނި ޢަމަލުތައް ކުރުމަށެވެ. އެކަމުންވެސް އެނގެނީ ޘަވާބު ލިބުން އޮތީ އެމީހަކު މަސައްކަތްކުރިވަރަކުން ކަމެވެ.

ބައެއް މީހުން އެންމެ ޝައުޤުވެރިކަމާއިއެކު ކޮންމެދުވަހަކުހެން ކުރާ އެއްކަމަކީ ޤިޔާމަތްވުން ނުވަތަ ފަހުޒަމާން ކައރިވުމުން ދައްކަވާނެ ޢަލާމާތްތަކުގެ ތެރެއިން މިހައިތަނަށް ފެނުނީ ކޮން ޢަލާމާތެއްކަން ބަލައި ހޯދުމެވެ.

މިކަމަކީ ކުރަން ވަރަށް ރަނގަޅު ކަމެކެވެ. އެކަމުގެ ސަބަބުން މަރުވުމާއި މަޙްޝަރު ދުވަހާއި އަދި ނަރަކަ އާއި ސުވަރުގެމަތިން ހަނދާންވުން އިތުރުވާނެ ކަމެކެވެ.

ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތްތަކުގެ ތެރެއިން މިހައިތަނަށް ބަލާއިރު މުސްލިމުންގެ މެދުގައި (ރާއްޖޭގައިވެސް) ފާހަގަކުރެވޭ އެންމެ ޢާންމުކަންބޮޑު ޢަލާމާތަކީ މީސްތަކުން އެކަކު އަނެކަކާއި ބައްދަލުވާހިނދު ސަލާމް ނުކުރުމެވެ.

މުސްލިމުން އެކަކު އަނެކަކާއި ބައްދަލުވުމުން ސަލާމްކުރުމަށް އަވަސްވެ ގަތުމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤެވެ. އެހެންނަމަވެސް މުސްލިމް އަޚާއަށް ސަލާމް ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމުގައި ދެކެގެން އެކަންކުރާ މީހުން ހާދަމަދެވެ. ހާހަކުން މީހަކުހައި މަދުވެއްޖެއެވެ.

ވިސްނައިލަންޖެހޭ ކަމަކީ ބައްދަލުވުމުން ހަމައެކަނި ދަންނަ މީހުންނާއި ސަލާމް ކުރާނަމަ އެއީ ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތެކެވެ. އަޅުގަނޑުމެންގެ މެދުގައި ކަންތައް ކުރެވެނީ އެގޮތަށެވެ. ދަންނަ މީހަކާއި ނޫނީ ސަލާމް ނުކުރުން މިވަނީ ޢާންމުވެފައެވެ. ވީމާ މިއީ ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތެކެވެ.

އަދި ދަންނަ މީހުން ބައްދަލުވމުންވެސް ސަލާމް ގޮވުމުގެ ބަދަލުގައި މިފެންނަނީ "އޭއި، ތީނަ، މީނަ، އޭނަ، ފަދަ ބަހެއް ބޭނުންކޮށްގެން ކޮންމެވެސް ވާހަކައެއް ދައްކަން ފަށާތަނެވެ. ހަމަގައިމުވެސް އެއިރުން ދެމީހުން ބައްދަލުވެގެން ސަލާމްކުރިކަމުގެ ޘަވާބެއް ނުލިބޭނެއެވެ.

މީސްތަކުން އެކަކު އަނެކަކާއި ބައްދަލުވާހިނދު ސަލާމް ކޮށްގެން ސަވާބު ހޯދުމުގެ ފުރުޞަތު އޮތް ނަމަވެސް އެކަން ނުއެނގޭތީ ނަމަވެސް އަޅުގަނޑުމެން މިއަދު މިވަނީ ސަލާމް ކުރުމާއި ބީރައްޓެހި ބައަކަށް ވެފައެވެ. ފުރިހަމަ ގޮތުގައި މީހަކާއި ސަލާމްކޮށްލައިގެން 30 ހެޔޮކަން ލިބެން އޮތް އިރުގައިވެސްމެއެވެ.

ފޯނު ކުރުމުގަ އާއި ސޯޝަލް މީޑިއާގައި މުޢާމަލާތު ކުރުމުގައިވެސް އިސްލާމް ދީނުގެ ރިވެތި ސަލާމުން ސަލާމްކޮށް، ސަލާމަށް ޖަވާބުދޭ ބައަކު ކަމުގައިވާށެވެ! އެއިރުން ބައްދަލުވުން އެފެށެނީވެސް ޘަވާބުލިބިގެންދާ އަޅުކަމެއްގެ ގޮތުގައެ. އެގޮތަށް އެކަންތައް ކޮށްގެން 30 ދަރުމަ ހޯދުމުގެ ފުރުޞަތު ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ.

--މައުލޫމާތު: އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން