މަޖުބޫރުވެގެން ނޫނީ ރޭގަނޑު އެކަނި ބޭރަށް ނުގޮސް ދެމަފިރިން އެކުގަ ބޭރަށް ދިއުމަކީ ޖީބަށްލުއިވާ އަދި ފާފަކުރެވުމުން ސަލާމަތްވެވޭ އަދި ދެމަފިރިންގެ ލޯބިވެސް ގަދަވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
މަޖުބޫރުވެގެން ނޫނީ ރޭގަނޑު އެކަނި ބޭރަށް ނުގޮސް ދެމަފިރިން އެކުގަ ބޭރަށް ދިއުމަކީ ޖީބަށްލުއިވާ އަދި ފާފަކުރެވުމުން ސަލާމަތްވެވޭ އަދި ދެމަފިރިންގެ ލޯބިވެސް ގަދަވާ ކަމެއް!

އަންހެނެއް، ފިރިހެނެއް ކިޔާނެކަމެއް ނެތެވެ. ފާފަކުރާ މީހުންގެ ތެރެއިން ގިނަ މީހުން ފާފަކުރާނީ އެމީހުންގެ ހުސްވަޤުތުތަކުގައެވެ. މަސައްކަތުގެ މާޙައުލުން ބޭރުގައި އަދި ގެއިން ބޭރުގައި ހޭދަކުރާ ވަޤުތުތަކުގައެވެ. ފާފަކުރުމުގެ ޚިޔާލު އަންނާނީ އެކުވެރިންގެ ތެރެއިންނެވެ. ނުވަތަ ލޮލަށް ފެންނަ ކަންތައްތަކެއްގެ ސަބަބުންނެވެ.  

މަސައްކަތް ނިމުމުން ބޭކާރު ގޮތުގައި ވަޤުތުތައް ހޭދަނުކޮށް އަވަހަށް ގެއަށްދާންވީ މިފަދަ ސަބަބުތަކަށްޓަކައެވެ. ގެއަށް ދިއުމަށްފަހުގައި ކޮންމެހެން ބޭރަށް ދާންޖެހޭ ފަދަ ކަމެއްގައި މެނުވީ ގެއިން ބޭރަށް ނުނުކުންނަންވީވެސް މިފަދަ ސަބަބުތަކަށްޓަކައެވެ. އަދިވެސް ބުނަންހެއްޔެވެ؟ ބައެއް މީހުންނަށް އެއީ ކުރަން ފަސޭހަކަމަކަށް ނުވިނަމަވެސް ގެއިން ބޭރަށްދާނަމަ ދެމަފިރިން އެކުގައި ދާންވީވެސް ހަމަ މިފަދަ ސަބަބުތަކަށްޓަކައެވެ.  

ދިރިއުޅުން ކޮންމެ ކާމިޔާބުކޮށްފައިވާ ވަރަށް ގިނަ ބައަކާއި ސުވާލުކުރަމެވެ. އެންމެ ކާމިޔާބުކަމަށް މިބުނަނީ ތަޤްވެރިކަމާއި އަދި ޒަވާޖީ ޙަޔާތުގައިވެސް ކާމިޔާބީ ހޯދިފައިވުމަށެވެ. އެއެންމެންގެ ކިބައިންވެސް އެނގުނީ އަހުރެން މިބަޔާންކުރި ކަންކަމަކީ 2 ކަމަށްވެސް (ޒަވާޖީ ޙަޔާތް ކާމިޔާބުކުރުމަށާއި ތަޤްވާވެރިކަން ކާމިޔާބުކުރަން) އޮތް ކާމިޔާބީގެ ތަޅުދަނޑިކަމެވެ.  

މީސްތަކުންނޭވެ! މީހާ އެކަނިވާހިނދުގައާއި ނުބައި އެކުވެރިންނާއިއެކު ވާހިނދުގައި ޝައިޠޯނާއަށް އެމީހާގެ މައްޗަށް ގަދަވެގަންނަން ފަސޭހަވެގެންދާނެއެވެ. ޝައިޠޯނާ ބޭނުންވާ ވަސްވާސްތައް އެއިރު ދެމުން ގެންދާނީ އެކުގައި ތިބި ނުބައި އެކުވެރިން މެދުވެރިކޮށެވެ. ނަތީޖާއެއްގެ ގޮތުން ނުބައި ޢަމަލުތަކަކީ ތިމާއަށް އުފާވެރިކަން ލިބިގެންދާނެ ކަންކަން ކަމުގައި ޤަބޫލުކުރަން ފަސޭހަވެގެންދާނެއެވެ.  

އަނބިންވެސް އެކުވެރިންނާއިއެކު ބޭރަށް ދިއުން ގިނަކުރުމުގެ ބަދަލުގައި ފިރިންނާއިއެކު ބޭރަށް ދިއުން ގިނަކުރަން މަސައްކަތްކުރަންވާނެއެވެ. ނަމަވެސް އަނބިންނަށް މައްސަލައަކަށްވެފައި އޮންނަނީ ފިރިންނަށް ވަޤުތު ނުވުމެވެ. އަނބިން ގޮވައިގެން ބޭރަށް ގޮސްލާނެ ވަޤުތު ގިނަ ފިރިންނަށް ނުވާކަމެވެ. 

މިއީ ހުރިހާ ގޮތަކުން ބެލިނަމަވެސް އިޞްލާޙްކުރަންޖެހިފައިވާ ކަންކަމެވެ. މީހާގެ ދީންވެރިކަމާއި އަމިއްލަ ދިރިއުޅުން ކުރިއެރުވުމަށްޓަކައިވެސް ކޮންމެހެންވެސް އިޞްލާޙްކުރަންޖެހިފައިވާ ކަންކަމެވެ. އިސްލާމް ދީނުގައި މިފަދަ ކަންކަން ބަޔާންވެފައި މިއޮތީ ޢަމަލުކުރުމުން ހަމަކޮންމެ މީހަކަށްވެސް ފައިދާކުރާނެތީއެވެ. އިން ޝާ ﷲ  

މިހުރިހާ ކަންކަމަށް ބަލައި އަހުރެން ބުނާނީ މަޖުބޫރުވެގެން ނޫނީ ރޭގަނޑު އެކަނި ބޭރަށް ނުގޮސް ދެމަފިރިން އެކުގަ ބޭރަށް ދިއުމަކީ ޖީބަށްލުއިވާ އަދި ފާފަކުރެވުމުން ސަލާމަތްވެވޭ އަދި ދެމަފިރިންގެ ލޯބިވެސް ގަދަވާ ކަމެއް ކަމަށެވެ. ޖީބަށް ލުއިވަނީ އިސްރާފް ނުކުރެވޭނެތީއެވެ. ފާފަނުކުރެވެނީ ބޭކާރު މީހުންނާއިއެކު ވަޤުތު ހޭދަނުކުރެވޭނެީއެވެ. ލޯބިގަދަވީ ދެމަފިރިން އެކުގައި ހޭދަކުރާ ވަޤުތު ގިނަވާތީއެވެ.  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން