ތަޖުރިބާކާރު ގިނަ ޢިލްމްވެރިން މާނަކުރައްވާ ގޮތުގައި ލޯތްބަކީ ހިތުގައި އުފެދޭ ޝުޢޫރުތަކެކެވެ. ޙަޤީޤީ ލޯބިވާކަން ދެއްކޭނީ ޢަމަލުތަކުންނެވެ. މުސްލިމް ދެމަފިއެއްގެ ޙަޤީޤީ ލޯބި ދެއްކޭނީ ދެމީހުން އެކުގައި ސުވަރުގެދާން ކުރާ މަސައްކަތުންނެވެ. ލޯބިވާކަމަށް ބުނެ ހާމަކުރާ ބަސްތަކަކުން ނޫނެވެ.
ފުރަތަމަ ބަހެއް ބުނެމިލަނީ ބައިވެރިޔާ ލޯބިވާވަރު އިމްތިޙާނުކޮސްލުމާއިމެދުގައެވެ. އެގޮތުން ބުނެލަން އޮތީ ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބިވާނަމަ ފުރަތަމަ ކަމަކަށް ބައިވެރިޔާ މިކަމަށް އެއްބަސްތޯ ނިކަން ސުވާލުކޮށްލަބަލާށެވެ!
"ދުނިޔެއިން އެންމެ ކަމަކަށް އެދުމުގެ ފުރުޞަތު ލިބިއްޖެނަމަ އެދޭނީ މުޅި ޢުމުރު ތިބާއާއިއެކުގައި ވުމަށެވެ. އާޚިރަތްދުވަހު އެންމެ ކަމަކަށް އެދުމުގެ ފުރުޞަތު ލިބިއްޖެނަމަ އެދޭނީ ތިބާ އާއިއެކު ސުވަރުގޭގައިވުމަށެވެ."
ބައިވެރިޔާ މިފަދައިން ވަޢުދުވާނެބާވައެވެ!
ތިބާއަށް ހިތްދަތިކަމެއް ލިބިއްޖެނަމަ އެކުގައިވާނަމެވެ! ރޯތަން ފެނިއްޖެނަމަ ލޯބިން ބޮސްދޭނަމެވެ! ހިތްދަތިވެފައި ހުއްޓާ ފެނިއްޖެނަމަ އުފާވެރިކަން ހޯދައިދޭނަމެވެ! ދެރަވެފައި ހުއްޓާ ފެނިއްޖެނަމަ ހެއްވައިލާނަމެވެ! އަދި އަހަރެން މަރުވަންދެން ތިބާ ދެކެ ހަމަމިވަރަށް ލޯބިވާނަމެވެ.!
ދެން އޮތީ އެންމެ މުހިންމު ކަންތަކެވެ!
ދެމަފިރިން އެކުގައި ދަމުނަމާދުކޮށް ޛިކުރް ނުކުރާނަމަ މަގުމަތީގައި އަތުގައި ހިފައިގެން ހިނގާ ހިނގުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ! އަތުގައި ހިފައިގެން ބާރަށް ހިނގަންވީ އެކުގައި ސުވަރުގެ ވަނުމަށެވެ! ދެމަފިރިން އެކުގައި ދަމުނަމާދުކޮށް ޛިކުރް ނުކުރާނަމަ މަގުމަތީގައި އަތުގައި ހިފައިގެން ހިނގުމާއިމެދު އަހުރެން ބުނާނީ އެކަންވާނީ ދެއްކުންތެރި ޢަމަލަކަށް ކަމަށެވެ.
އެހެނަސް މިއަދު ގިނައިން މިފެންނަނީ މަގުމަތީގައި ބައްދައި އޮޅުލަމުން ހިނގާފައި އައިސް ގެއަށްވަދެ ކޮންމެވެސް ކޫސަނި ކަމަކާއިހެދި ޒުވާބުކުރާތަނެވެ. އަދި ދެމަފިރިން އެކުގައި ދަމުނަމާދުކޮށް ދުޢާކޮށް އެކުގައި ސުވަރުގެދާން މަސައްކަތްކުރެވެނީ ހާދަމަދު ދެމަފިރިއަކަށެވެ.
މަގުމަތީގައި އަތުގައި ހިފައިގެން ދެމަފިރިން ހިނގުމަކީ ކުރަން ރަނގަޅު ކަމެކެވެ. އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. މބުނާ ވާހަކައަކީ ދެމީހުން އެކުގައި ސުވަރުގެދާން މަސައްކަތްކުރުމަކީ އެންމެ މުހިންމު ކަންތައް ކަމުގައި ހަދައިގެން ނޫނީ މިދުނިޔޭގައިވެސް އަދި އެދުނިޔޭގައިވެސް ލިބޭނެ އުފާވެރިކަމެއް ނެތެވެ.
- އަލަފް / މިއަދުނޫހަށް