ޢާންމު ގޮތަކަށް ބަލައިފިނަމަ ކޮންމެ މީހަކީވެސް ކޮންމެވެސް އެއް ކަމަކަށް ނުވަތަ ކަންތައްތަކަކަށް އިސްކަންދީގެން އުޅޭ ބައެކެވެ. އެއިގެ ތެރޭގައި ލޯބިވެރިޔާ، ބައިވެރިޔާ، މައިންބަފައިން، ދަރިން، އެކުވެރިން މިހެންގޮސް ތަފާތު އެތައް ބައިތަކެއްވެއެވެ. އެބައިތަކުގެ ތެރޭގައި ތަނަވަސްކަންވެސް ހިމެނެއެވެ.
އެމީހުން މަސައްކަތްކުރާނީ އެމީހުން ސަމާލުކަންދޭ ކަންތަކުން ހިތްހަމަޖެހުން ލިބިގަންނާށެވެ! އެކަމަކުން (އެބައެއްގެ ފަރާތުން) ހިތްހަމަޖެހުން ނުލިބިއްޖެނަމަ ދެރަވަނީއެވެ. އެދެރަވުން މާޔޫސްކަމަށް ބަދަލުވަނީއެވެ. އެހިސާބުން ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވަނީއެވެ.
މީހަކު ދެރަވެދާނެއެވެ. ދެރަވުމަކުން އެއީ އަދި ޑިޕްރެޝަނެއް ނޫނެވެ. ޑިޕްރެޗަންގެ ޙާލަތަށްދާނީ ދެރަވުމުގައި 2 ހަފްތާއެއްހައި ދުވަހު ދެމިހުރެއްޖެނަމައެވެ. މީހަކު މަރުވުމުންވެސް އެކަމުގެ ހިތާމައިގައި (އެކަމަސް ހިތާމަކުރުންމަތީގައި) 3 ދުވަހަށްވުރެ ގިނަ ދުވަހު ހުންނަން ހުއްދަނުވަނީ އެސަބަބަށްޓަކައެވެ.
ދެން އޮތީ ޑިޕްރެޝަންގެ އުނދަގުލުން ސަލާމަތްވެ ހުރުމެވެ. އެކަމަށް އޮތް ގޮތަކީ ލޯބިވެރިޔާއާއި، ބައިވެރިޔާއާއި، މައިންބަފައިންނާއި، ދަރިންނާއި، އެކުވެރިންނާއި ތަނަވަސްކަމާއި މިހެން ގޮސް ތިމާ ބޫނުންވާހައި ކަމަކަށްވުރެ ބޮޑަށް ﷲ ތަޢާލާ ދެކެ ލޯބިވުމެވެ. އެފަދަ މީހަކަށް ވެވިއްޖެނަމަވެސް ކުރިން ބުނިފަދައިން ދެރަވެދާނެއެވެ. ނަމަވެސް ޑިޕްރެޝަންގެ ޙާލަތަކަށް ނުވެއްޓޭނެއެވެ. އިން ޝާ ﷲ
މިޘާލަކަށް ތިމާ އެމީހެއްގެ ސަމާލުކަމާއި ލޯބި އެންމެ ބޮޑަށް ބޭނުންވާ މީހާގެ ކިބައިން އެކަން ނުލިބުނަސް ﷲ ތަޢާލާ ތިމާއާއިއެކު ވޮޑިގެންވާކަން ޤަބޫލުކުރެވޭތީ ހުންނާނީ ހިތް ފުރިގެންނެވެ. އެފަދަ މީހުން ދުނިޔެއާއި ދުނިޔެއިން ލިބެން ބޭނުންވާ ކަންކަމަކަށް އެހައިބޮޑު ސަމާލުކަމެއް ނުދޭނެއެވެ. އަބަދުވެސް މަސައްކަތްކުރާނީ ﷲ ތަޢާލާގެ ޙަޟްރަތާއި ކުއްތަންވެވުން އިތުރުކުރުމަށެވެ. އެފަދަ މީހުންނަކަށް ޑިޕްރެޝަންގެ އެއްވެސް މައްސަލައެއް ކުރިމަތިވެގެން އުޅޭކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ
- މަޢުލުމާތު: ޑރ. ޒާކިރު ނައިކުގެ ދަރުސަކުން