ދޮގުބުނާ މީހުންނަކީ ވަގުންނަށްވުރެ މާނުބައި ބައެއް! ގެއަށް ވައްދަންވެސް ވައިއެޅެންވެސް ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދޮގުބުނާ މީހުންނަކީ ވަގުންނަށްވުރެ މާނުބައި ބައެއް! ގެއަށް ވައްދަންވެސް ވައިއެޅެންވެސް ހެޔޮނުވާނެ!

ގިނަ މީހުން ރުޅިއަންނާނީ އަދި ސަމާލުވާނީވެސް ވަގުންނަށެވެ. އެއީ އެމީހުން ކޮންމެ އެއްޗެއްވެސް ވަގަށް ނަގައިފާނެތީއެވެ. ދޮގުހަދާ މީހުންނަކަށް އެހައި ބޮޑު ސަމާލުކަމެއް ނުދެއެވެ. 

އަހުރެންގެ ވިސްނުމުގައި ދޮގުހަދާ މީހުންގެ ނުބައިކަން ވަގުންނަށްވުރެ މާބޮޑެވެ. ދޮގުހަދާ މީހުންގެ ސަބަބުން ލިބޭނެ ގެއްލުންވެސް މާބޮޑުވީމައެވެ. މިގޮތަށް ވިސްނައިލާށެވެ. މީހަކު އެއްޗެއް ވަގަށް ނެގިޔަސް އެއެއްޗެއް އަލުން ހޯދިދާނެއެވެ. ނަމަވެސް ދޮގުހަދާ މީހުންގެ ސަބަބުން ދިރިއުޅުމަށް ލިބޭ ގެއްލުން އެހައިފަސޭހައަކުން ފުލެއް ނުބެއްދޭނެއެވެ. ލިބޭ ދެރަ މާބޮޑުވާނެއެވެ. 

އެއްވެސް ޝައްކެއް ނެތެވެ. ވައްކަންކުރުމަކީވެސް ވަރަށް ނުބައި ކަމެކެވެ. އެމީހަކު ދީފާނެ ގެއްލުމަކަށް ވިސްނައި ފާރަވެރިވާންޖެހޭނެއެވެ. ގެއަށް ވަދެއްޖެނަމަ އޭނާގެ ހުރިހާ ޙަރަކާތަކަށް ސަމާލުކަންދޭންޖެހޭނެއެވެ. 

ހަމައެގޮތަށް ދޮގުހަދާ މީހަކު ގެއަށް ވަދެއްޖެނަމަ ހަދާ ދޮގުތަކުގެ ސަބަބުން އުފެދޭ ފިތުނައިގެ ސަބަބުން ދެމަފިރިން ވަކިވެއެވެ. ޢާއިލާގެ ހަމަޖެހުން ގެއްލިގެންދެއެވެ. އެކުވެރިކަން ގެއްލިގެންދެއެވެ. ޢާއިލީ ގުޅުންތައް ކެނޑިގެންދެއެވެ. 

މިހުރިހާ ކަމަކަށް ވިސްނުމުން އަހުރެންނަށް ޤަބޫލުކުރެވެނީ ދޮގުހަދާ މީހުންގެ ސަބަބުން ލިބޭނެ ގެއްލުން މާބޮޑުކަމެވެ. ވީމާ ފުރަތަމަ ކަމަކަށް ދޮގުނުބުނާށެވެ. ދެވަނަ ކަމަކަށް ދޮގުބުނާ މީހުންނާއި ގުޅިގެން ނުއުޅޭށެވެ. ދޮގަކީ މީހާގެ މުޅި ދިރިއުޅުން އަންދާލައިފާނެ ބޮޑު ހުޅުގަނޑެކެވެ. އެއަލިފާންގަނޑުން ސަލާމަތްވެ ތިބެން މަސައްކަތްކުރާށެވެ. 

އަހުރެން މިދެއްކި ވާހަކައަށް އިންޞާފުކުރަން އެންމެ ފަސޭހަވާނީ އަމިއްލަ ދިރިއުޅުމަށް ބެލުމުންނެވެ. ބޮޑަށް ގެއްލުން ލިބެނީ ދޮގުހަދާ މީހުންގެ ސަބަބުންކަން އެނގޭނެކަން ޔަޤީނެވެ. 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން