ބައެއް މީހުންނަށް ފާފައެއް ކުރެވުމުން ތައުބާވުމަށްފަހު އެފާފަ އިތުރަށް ނުކަށް ތިބެވެއެވެ. އަނެއް ބައަކަށް ތަކުރާރުކޮށްވެސް ފާފަކުރެވެއެވެ. މިބުނަނީ އެއް ފާފައެއް ތަކުރާރުކުރެވޭ ވާހަކައެވެ. އެޙާލަތުގައި ބައެއް މީހުންގެ ހިތުގައި ތަފާތު ސުވާލުތައް އުފެދެއެވެ.
"އަހުރެންނަށް ފާފައެއް ކުރެވެނީއެވެ. ދެރަވެ ތައުބާވެސް ވަމެވެ. އަނެއްކާވެސް ހަމަ އެފާފަ ކުރެވެނީއެވެ. މިހާރު އެތައް ފަހަރަކު ތައުބާވެވިއްޖެއެވެ. އިތުރަށް ތައުބާވެ ފާފަފުއްސަވައިދެއްވެވުން އެދެން ލަދުވެސް ގަނެއެވެ."
މިއީ ހަމަ ވަރަށް ގިނަ ބައެއްގެ ފަރާތުން އަންނަ މައްސަލައެކެވެ. މިމައްސަލައިގައި އޮތީ 2 ބައެކެވެ. ވީމާ ބައިކޮށްލާ ހިނގާށެވެ!
ފުރަތަމަ ބައަކީ: "އަހުރެންނަށް ފާފައެއް ކުރެވެނީއެވެ. ދެރަވެ ތައުބާވެސް ވަމެވެ. އަނެއްކާވެސް ހަމަ އެފާފަ ކުރެވެނީއެވެ. މިހާރު އެތައް ފަހަރަކު ތައުބާވެވިއްޖެއެވެ."
މިހިސާބަށް ތިބާއަށް އެހުރެވެނީ ހަމަ ﷲ ތަޢާލާގެ ރަޙްމަތުގައެވެ. އެއްވެސް މައްސަލައެއް ނެތެވެ. އެހެނީ އަހުރެމެންނަށް އޮތީ ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމެވެ. އެކަމަކަށް ޢަދަދެއް ނެތެވެ.
ދެވަނަ ބައަކީ: "މިހާރު އެތައް ފަހަރަކު ތައުބާވެވިއްޖެއެވެ. އިތުރަށް ތައުބާވެ ފާފަފުއްސަވައިދެއްވެވުން އެދެން ލަދުވެސް ގަނެއެވެ."
މިހާރު ތިބާއަށް ތިއަހުރެވެނީ ޝައިޠޯނާގެ ފަޅީގައެވެ. ތިއަ ޤަބޫލުކުރެވެނީ ޝައިޠޯނާގެ ވަސްވާސްތަކެވެ.
މިގޮތަށް ވިސްނާށެވެ! ޝައިޠޯނާ އެތައް މަސައްކަތެއްކޮށްގެން ތިބާލައްވައި ފާފައެއް ކުރުވަނީއެވެ. ހަމަކުރުވާއިރަށް ތިބާ އެބަ ތައުބާވެއެވެ. ތައުބާވުމުން ﷲ ތަޢާލާ ފާފަފުއްސަވައިދެއްވަވަތެވެ. އެހިސާބުން ޝައިޠޯނާގެ މާޔޫސްކަން ބޮޑުވެގެންދެއެވެ.
ޝައިޠޯނާއަކީ އަހުރެމެންނާއި ވަކިވާނެ އެއްޗެއް ނޫނެވެ. އެއް ގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ނަމަވެސް މީސްތަކުން މަގުފުރައްދަން ކުރާ މަސައްކަތް ކުރިއަށް ގެންދާނެއެވެ. ކުރިންވެސް ބުނާ ފަދައިން "ތިބާއަށް މާގިނަ ފަހަރު ތައުބާވެވިއްޖެ! ފާފަފުއްސަވައެއް ނުދެއްވަވާނެ!" ކަން ވިސްނައިދީ މީހާ މާޔޫސްކޮށްލުމަކީ ޝައިޠޯނާއަށް އެމީހަކާއިމެދު ގޮތްހުސްވުމުން ބޭނުންކުރާ އެންމެ ފަހު އުކުޅެވެ.
އެމަޅީގައި ޖެހި ތައުބާވުމާއި އަޅުކަންކުރުން ހުއްޓާލައިފިނަމަ ޝައިޠޯނާއަށް ތިބާ ކާމިޔާބުކުރެވުނީއެވެ. ނޫންނަމަ ޝައިޠޯނާ ފޭލްވެގެންދާނެއެވެ. ވީމާ ހޭލުންތެރިވެ ޝައިޠޯނާގެ މަޅީގައި ނުޖެހޭށެވެ!
ފާފަ ނުކޮށް ހުންނަން މަސައްކަތްކުރަންވާނެއެވެ. ތައުބާވުމަށްފަހު އިތުރަށްވެސް މަސައްކަތްކުރަންވާނެއެވެ. މަސައްކަތްކުރަނިކޮށްވެސް ފާފަކުރެވެނީއެވެ. ކުރެވޭއިރަށް އަވަހަށް ތައުބާވާށެވެ! ފާފަ ފުއްސަވައި ދެއްވެވުމަށް އެދޭށެވެ. އެކަމަށް ވަކި ޢަދަދެއް ނެތެވެ. އޮތީ ފާފަކުރެވޭ ވަރެކެވެ. ހަމަ ކުރެވޭއިރަށް ތައުބާވާންވީއެވެ.
މިހައިވަރުން މިކަން އޮތް ގޮތާއި ޢަމަލުކުރަންވީ ގޮތް އޮޅުންފިލާނެކަމަށް އުންމީދުކުރަމެވެ.
- މުފްތީ މެންކުގެ ދަރުސަކުން