އިސްލާމް ދީނަށް ވަންނަން ނުބުނެ ދީނަށް މީހުން އިތުރުކުރެވޭނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
އިސްލާމް ދީނަށް ވަންނަން ނުބުނެ ދީނަށް މީހުން އިތުރުކުރެވޭނެ ގޮތް-

އިސްލާމް ދީނަށް ވަންނަން ފައުޅުގައި ގޮވާލުމަކީ ނުވަތަ ދަޢުވަތުދިނުމަކީ މައްސަލައެއް ނޫނެވެ. އެއީވެސް ހަަމކުރަން އޮތް ކަމެކެވެ. ނަމަވެސް އެގޮތަށް އެކަން ކުރުމުގެ ޤާބިލުކަން ކޮންމެ މީހެއްގެ ކިބައިގައި ނުހުރެދާނެއެވެ.  

ނަމަވެސް ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެއް އެބައޮތެވެ. އެއީ އެެހން މީހުންނަށް ނަމޫނާ ދެއްކުމެވެ. އަދި ލިބޭ ފުރުޞަތުތަކުގައި ﷲ ތަޢާލާގެ މަތިވެރިވަންތަކަމާއި ދީލަތިވަންތަކަމާއި މީސްތަކުން ދެކެ ލޯބިވެވޮޑިގަންނަވާވަރު ބަޔާންކުރުމެވެ. އެކަންކަން ނުއެނގޭ މީހުންނަށް (ކާފިރުންނަށް) ކިޔައިދިނުމެވެ. 

ހަރުބަހެއްގައި އޮވެއެވެ. ދުލުން ދައްކާ ވާހަކައަށްވުރެ ޢަމަލުތަކުން ދައްކާ ވާހަކައިގެ ބުރަދަން މާބޮޑެވެ. ޢަމަލުތަކުން ވާހަކަ ދެއްކުމަކީ ނަމޫނާ ދެއްކުމާއި ތިމާއަށް ކުރެވޭ ތަޖުރިބާތައް ކިޔައިދިނުމެވެ. ހިތަށް ޔަޤީންކުރެވޭ ކަންކަން ތެދުބަހުން ބުނެދިނުންވެސް ހިމެނެއެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! މިބުނެވުނު ކަންކަން ޔަޤީންކުރެއްވޭނެއެވެ.  

އަހުރެންނަކީ އަންހެނަކީމެވެ. މުސްލިމެއް ނޫނެވެ. ރަމަޟާން މަހުގެ ފަހު ދިހައިގެ ތެރޭގައި ޞަދަޤާތެއް ދިނުމުގެ ބޭނުމުގައި ކާނެއެއްޗެއް ހިފައިގެން ޣައްޒާގެ މުސްލިމް ޢާއިލާއަކަށް ޒިޔާރަތްކުރީމެވެ.  

އެއީ ކޮޓަރިއެކެވެ. ދޮރުގައި ޓަކިޖެހުމުން ދޮރުހުޅުވީ އަހުރެން ފަދަ އަންހެނެކެވެ. ހުރީ ރޯދައަށެވެ. ކާނެ އެއްވެސް އެއްޗެއް ނެތްތަނުގައި ބޯނެ ފެންފޮދެއްވެސް ނެތެވެ.  

ކަންބޮޑުވީވަރުން ބުނެވުނެވެ. "ކަލޭގެ ކަލާނގެ ކަލޭދެކެ ލޯބިވެވޮޑިގެނެއް ނުވެއެވެ. ވީއިރު ރޯދަ ހިފަނީ ކީއްކުރަންހެއްޔެވެ؟"  

ޖަވާބުގައި އޭނާ ބުންޏެވެ. "ނޫނެކެވެ! އަހަރެންގެ ކަލާނގެ އަހަރެންދެކެ ލޯބިވެވޮޑިގެން ނުވާނަމަ މިދަތިޙާލުގައި އަހަރެމެން ދިރިނުތިބޭނެއެވެ. އަހަރެމެން މިތިބީ ހަމަ އުފަލުގައެވެ. ތަޖުރިބާކުރަމުން މިގެންދަނީ ދުނިޔޭގެ ކަންކޮޅުތަކުގައި ހައިހޫނުކަމުގައި މީހުން ދިރިއުޅެމުން އަންނަ ޙާލެވެ."  

އަހަރެން އޭނާއަށް ހެޔޮދުޢާކޮށްފައި އެގެއިން ނުކުތީމެވެ. ނުކުތީންސުރެ އޭނާ ދެއްކި ވާހަކަތަކަށް ވިސްނީމެވެ. އެދަތިޙާލަތުގައިވެސް އޭނާގެ ހިތުގައި ﷲ އަށް އުފެދިފައިވާ ލޯބީގެ ބޮޑުކަމާއިމެދު ވިސްނީމެވެ. އަދި މުސްލިމުންގެ ޢަޤީދާ އާއި އެ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބުމަށް އެމީހުންކުރާ ހިތްވަރާއިމެދުގައިވެސް ވިސްނީމެވެ.  

ނަތީޖާއަކަށްވީ މިއަދު އަހުރެން މިހުރި ގޮތެވެ! އަހުރެންނަކީ ޙިޖާބް އަޅައިގެން ހުރި މުސްލިމަކީމެވެ. އަހުރެންގެ ހިތް ވަނީ ﷲ އަށް ލޯބިން ފުރިފައެވެ. އަދި އަހުރެން މިއަދު އެދެނީ އެންމެން އިސްލާމްވުމަށެވެ. ﷲ އަށް އީމާންވީމާ ލިބޭ ހިތްހަމަޖެހުން ވަޒަންކޮށްލެވޭނީވެސް އީމާންވި މީހަކަށެވެ.  

މިއީ އަލަށް އިސްލާމްވި އަންހެނަކާއި އޭނާ އިސްލާމްވި ސަބަބާއިމެދު ސުވާލުކުރުމުން ކެމެރާގެ ކުރިމަތީގައި ހުރެ ކިޔައިދިން ވާހަކައެކެވެ. އިތުރަށް ޔަޤީންވެގެން މިދިއައީ ހިތް އުފަލުގައި ބާއްވަން ބޭނުންނަމަ ﷲ އަށް އީމާންވުމަށްވުރެ މުހިންމުކަމެއް ނެތްކަމެވެ.

 

 

މިއަދު އޮންލައިން