ދިރިއުޅުމުގެ އެއްވެސް ކަމެއްގައި ދެން އެހެން ގޮތެއް ނެތިގެން ނޫނީ ދަރަނިވެރިނުވާށެވެ! ތަނަވަސްކަން ނެތިގެން ނުކުރެވޭ ކަންކަން ނުކޮށް ބަހައްޓާށެވެ. ދަރަނިވެރިވާން ޖެހޭނީ ދެން އެހެން ގޮތެއް ނެތިއްޖެ ޙާލަތެއްގައި އެކަންޏެވެ.
ނިކަން ވިސްނައިލަބަލާށެވެ! ތަސޫލް ޝައްލަﷲ ޢަލައިހި-ވަސައްލަމަގެ ޙަޔާތްޕުޅުގައި ޞަޙާބީން އަވަހާރަވުމުން ޖަނާޒާގައި ބައިވެރިވެވަޑައިގެން ކަށުނަމާދުކޮށްދެއްވަވައެވެ. އެމީހަކަށް ހެޔޮދުޢާކޮށްދެއްވަވައެވެ. ނަމަވެސް ކިތަންމެ ކުޑަނަމަވެސް ދަރަންޏެއް އޮތް ޞަހާބީއަކު ނަމަ ކަށުނަމާދުކޮށްދެއްވެވީ އެހެން ޞަހާބީއަކު އޭނާގެ ދަރަންޏާއި (ދަރަނިއަދާކުރުމަށް) ޙަވާލުވެވަޑައިގެންފިނަމަ އެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެކަމުގެ ހުރި ނުބައިކަން ބޮޑުކަން މީސްތަކުންނަށް ދެއްކެވުމަށެވެ.
އެހެންނަމަވެސް މިއަދު މީސްތަކުން ދަރަނިވެރިވުމުގައި ބިރެއް ނެތެވެ. އާދައިގެ ކުދިކުދި ބޭނުންތަކަށްވެސް ދަރަނިވެރިވަނީއެވެ. ދިރިއުޅުމުގެ ފެންވަރު ބަދަލުކޮށްލަންވެސް ދަރަނިވެރިވަނީއެވެ. ގޭގެ ފަރުނީޗަރާއި ބަދިގޭ ސާމާނުގެ އިތުރުން ދުއްވާ ކާރަކީ އެންމެ ފަހުގެ ކާރަކަށް ނުވަތަ ސައިކަލަކަށް ހަދަންވެސް ދަރަނިވެރިވަނީއެވެ.
މީސްތަކުންނޭވެ! ދުއްވާނެ އުޅަނދެއް ނެތިގެން ހިނގާފައި އުޅެންޖެހުނަސް ދަރަނިވެރިނުވާށެވެ! ނަގާނަމަ ނަގަންވާނީ އަގުދައްކައި ނުނިމެނީސް މަރުވެއްޖެނަމަ އުޅަނދު އެފަރާތަށް ނަގައި އެހިސާބުން އިތުރު ދަރަންޏެއް ނުއޮންނާނެ ގޮތަށެވެ.
އަހުރެންގެ އެކުވެރިއަކު ހުރެއެވެ. ވަރަށް ބޮޑު ފަޤީރެކެވެ. ދެން އެހެން ގޮތެއް ނެތިގެން އެކުވެރިއެއްގެ އަތުން ކިތަންމެ ކުޑަކުޑައެއްޗެއް ދަރަންޏަށް ނެގިނަމަވެސް ނަގަނީ އަނބުރާ ނުދެއްކެނީސް އޭނާ މަރުވެއްޖެނަމަ ވަޤުތުން މާފުކޮށްދޭން އެއްބަސްވާނަމައެވެ. އޭނާގެ ފުރިހަމަ ހިތްހަލާލު އެކަމަށް އޮތް ނަމައެވެ. ނޫންނަމަ ނުނަގައެވެ.
މިމަގުން ދަރަނި ނަގައިފިނަމަ އެދަރަނި ނުދެއްކި އޮތްނަމަވެސް އެކަމުގެ ޒިންމާ އުފުލާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ. ނަމަވެސް ވަރަށް މުހިންމު ޝަރުޠެއް އެބައޮތެވެ. އެއީ އެދަރަނި އަދާކުރަން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރުމެވެ. އޭނާ މާފުކުރާނެތީ ފަރުވާކުޑަކޮށްނުލުމެވެ.
ވީމާ ކޮންމެހެން ދަރަނިވެރިވާންޖެހިގެން ދަރަނިވެރިވީނަމަވެސް މިކަންކަމަށް ވިސްނާށެވެ! އެންމެ ޑޮލަރެއްގެ ވިޔަސް ދަރަންޏެއް ހިފައިގެން ކައްވަޅަށް ނުދާށެވެ! އެހެނީ އެޞަޙާބީއެއްގެ ދަރަންޏެއް އޮވެގެން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ކަށުނަމާދުކޮށްދެއްވަން ދެކޮޅު ހެއްދެވި ޞަޙާބީގެ ދަރަންޏަކީ އެންމެ 2 ދީނާރުކަމަށް ބުނެވެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން