ތިމާއަށް ބަލަންޖެހޭ މީހަކު ބަލިވުން ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ އެމީހެއްގެ ތަކްލީފް އުފުލަން ޖެހުނަސް އެއީ ތިމާއަށް އުފުލަންޖެހުނު ބުރައެއް ކަމަށް ނުދެކި އެއީ ތިމާއަށް ލެއްވެވި ރަޙްމަތެއްކަމުގައި ދެކޭށެވެ.
ވިސްނައިލާށެވެ! ތިބާއަށް އެފަދަ ޙާލަތެއް ޖެހުނީއެވެ. އެއީ ތިބާ ބަލައިދޭން ތިބި މީހުންނަށް ޖެހުނު ތަކްލީފެއްކަމަށް ދެކެފިނަމަ ތިބާއަށް ޖެހޭނީ ކޮންފަދަ ނިކަމެތި ޙާލެއް ހެއްޔެވެ؟ މިބާވަތުގެ ކޮންމެ ކަމެއްވެސް އެންމެ ރަނގަޅު ގޮތުގައި ވިސްނޭނީ "އެގޮނޑީގައި" ތިމާއަށް އިންނަން ޖެހިއްޖެނަމަ ކަންކަން ވެގެންދާނެ ގޮތާއިމެދު ވިސްނައިލުމުންނެވެ.
ދުނިޔަވީ ގޮތުން ބެލިނަމަވެސް އިންސާނިއްޔަތުކަމުގެ ގޮތުން ބެލިނަމަވެސް ކޮންމެ މީހަކަށްވެސް ބަލަހައްޓަންޖެހޭނެ ބައަކު ތިބޭނެއެވެ. އެއީ ﷲ ތަޢާލާ އެކަން ލައްވަވާފައިވާ ގޮތެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުން ތިމާ ބަލަހައްޓަންޖެހޭ މީހުންނަށް އެހީތެރިވުންވެސް ލައްވަޥާފައިވަނީ ތިމާކުރާ އަޅުކަމެއްގެ ގޮތުގައެވެ. އެކަންކުރުމުން ޘަވާބު ދެއްވަވާ ޢަމަލެއްގެ ގޮތުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން