ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ކަންބޮޑުވެ ފަހަތަށް ޖެހުމެއް ނެތްކަން އަންގަވާފައިވާ އުފާވެރިކަން ޔަޤީން އާޔަތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ކަންބޮޑުވެ ފަހަތަށް ޖެހުމެއް ނެތްކަން އަންގަވާފައިވާ އުފާވެރިކަން ޔަޤީން އާޔަތް-

ފުރަތަމަ ކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބާއި ދަރުމަ ލިބެން އެދޭމީހާ އެކަމަށް މަސައްކަތްކުރާނަމަ މާޔޫސްވާން ނުޖެހޭނެ ކަމެވެ. ޤިޔާމަތް ދުވަހު ދެރަވެ ކަރުއެލުވާލަން ޖެހޭނީ ޝައިޠޯނާގެ ބަހަށް ހެއްލި މަސައްކަތް ނުކުރެވުނު މީހުންނަށެވެ.  

އަހުރެމެންގެ ތެރެއިން ގިނަ ބއަކު އަޅުކަން ކުރަން ފަސްޖެހި ކަންނެތްވާ އެއް ސަބަބަކީ އެމީހުންނަށް ގިނަ ފާފަތަކެއް ކުރެވިފައި އޮތުމެވެ. އެފާފަތަކުން ސަލާމަތް ނުވެވިދާނެކަމަށް ޝައިޠޯނާ ދޭ ވަސްވާސްތައް ޤަބޫލުކުރެވުމެވެ.  

އެހެންވެ އެފަދަ މީހުންނަށްޓަކައި ޚާއްޞަވެގެންވާ އާޔަތެއް ޤުރްއާނުގައި އެބަ އޮތެވެ. ޝައިޠޯނާ އެދެނީ ނުބައި ވަސްވާސްތަކެއްކަން ޔަޤީންކުރަންވީ މިއާޔަތުންނެވެ.  

"ތައުބާވެ، އީމާންވެ، ގިނަގިނައިން ޞާލިޙު ޢަމަލުކުޅަމީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) ﷲ، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ."

(އަލް ފުރްޤާން: 70)  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތައުބާވުމާއި އިސްތިޣްފާރުކުރުމަކީ ތަފާތު ދެކަމެކެވެ. ތައުބާވުމަކީ ކުރިން އެޅުވުނު ގޮތް ދޫކޮށްލައި އެނބުރި ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމެވެ. އިސްތިޣްފާރުކުރުމަކީ ކުރެވުނު ފާފަ ފުއްސަވައި ދެއްވެވުން އެދި ދެންނެވުމެވެ. ވީމާ މިއީ މުޅިން ތަފާތު ދެ ކަމެކެވެ. 

މިއާޔަތުގައި މިވަނީ 3 ކަމެއްގެ ވާހަކައެވެ. އެއީ މީހާ ކުރަންޖެހޭނެ 2 ކަންތަކާއި އެ 2 ކަންތައް ކުރުމުން ﷲ ތަޢާލާ އެމީހަކަށްޓަކައި ދެއްވަވާނެ ނިޢުމަތުގެ ވާހަކައެވެ. މީހާ ކުރަންޖެހޭ ފުރަތަމަ ކަމަކީ އިޚްލާޞްތެރިކަމާއިއެކު ތައުބާވުމެވެ. ދެވަނަ ކަމަކީ ތައުބާވެ ޞާލިޙް ޢަމަލުތައް ކުރުމެވެ.  

މިދެކަންތައް މީހާ ކުރުމުން ﷲ ތަޢާލާ އެމީހަކަށް ދެއްވަވާނެ ނިޢުމަތަކީ "ﷲ، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ." މާނައަކީ އެމީހަކަސް ކުރެވިފައިވާ ފާފަތައް އެއީ ޘަވާބު ދެއްވަވާ ހެޔޮ ޢަމަލުތަކަށް ބަދަލުކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ  

އެއްވެސް މީހަކީ ފާފަނުކުރެވޭނެ މީހެއް ނޫނެވެ. ބައެއް މީހުންނަށް ގިނައިންވެސް ކުރެވޭނެއެވެ. މިފަދަ މޭރުމުން ވަޙީކުރައްވަވާފައިވާ ގިނަ އާޔަތްތަކެއް ޤުރްއާނުގައި އެވަނީ ކިތަންމެ ގިނައިން ފާފަކުރެވިފައިވީނަމަވެސް ތައުބާވުމުން ޢަފޫކުރައްވަވައި ދެއްވަވާނެކަން ބަޔާންކުރެއްވެވުމަށެވެ.

މިހައި ދީލަތި ގޮތެއްގައި މީހާގެ ފާފަތައް އެއީވެސް އެނާއަށް ކުރެވިފައިވާ ހެޔޮ ޢަމަލުތަކަށް ބަދަލުކުރައްވަވައި ދެއްވަވާ ސަބަބުވެސް ބުނެލާނަމެވެ. އެއީ އޭނާއަށް ފާފަކުރުންމަތީގައި ދެމިހުރުމުގެ އިޚްތިޔާރު ﷲ ތަޢާލާ ދެއްވަވާފައިވަނިކޮށް، ﷲ ތަޢާލާއަށް ބިރުވެތިވެ ތައުބާވީކަމެވެ.  

ވީމާ އަހުރެންގެ ނަޞޭޙަތަކީ ކިތަންމެ ގިނައިން ފާފަތަކެއް ކުރެވިފައިވީނަމަވެސް މާޔޫސް ނުވެ އަވަހަށް ތައުބާވުމެވެ. ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފެށުމެވެ. ".. ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ."

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން