ދަރިންނަކީ ދީނަށްލޯބިކުރާ ރަނގަޅު ކުދިންގެގޮތުގަ ތަރުބިއްޔަތުކުރަން ބޭނުންވާނަމަ ފުރަތަމަ އަޅާ ވަރުގަދަކުރަން ޖެހޭނެ!

ކިޔުމަށް ހޭދަވާނީ 3މ 36ސ
ދަރިންނަކީ ދީނަށްލޯބިކުރާ ރަނގަޅު ކުދިންގެގޮތުގަ ތަރުބިއްޔަތުކުރަން ބޭނުންވާނަމަ ފުރަތަމަ އަޅާ ވަރުގަދަކުރަން ޖެހޭނެ!

ޢާއިޝަތު ރަފާޙް ޢަލީ

 

އިސްލާމްދީނުގައި ޢިލްމު ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އާއި މާތް ޞަޙާބީ ބޭކަލުން ވެސް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވީ ޢިލްމު ހޯއްދެއްވުމަށެވެ. ނަމަވެސް ހިތާމައަކީ މިއަދު ޒުވާނުންގެ ކިބައިގައި ޖާހިލުކަން އާއްމުވެފައިވުމެވެ. މުސްލިމު މުޖުތަމަޢުތަކުގެ ޒުވާނުންނަކީ ބޭކާރު ކަންކަމުގައްޔާއި ކުޅިމަޖަލުގައި ހުރިހާ ވަގުތުތައް ހޭދަކުރުވުމަށްޓަކައި ޣައިރު މުސްލިމުން މަސައްކަތް ކުރެއެވެ. 

މުސްލިމު މުޖުތަމަޢުތަކުގައި ފާޙިޝް ޢަމަލުތަކާއި މަސްތުވާތަކެތި ފެތުރުމަށް ކެޑިނޭޅި މަސައްކަތްކުރެއެވެ. ނަތީޖާއަކަށް ވަނީ ޑިޕްރެޝަން އަދި އެންޒައިޓީ ފަދަ ބަލިތަކުގައި އުޅެންޖެހުމެވެ. ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް އެންމެ ފުރަތަމަ ބާއްވައިލެއްވުނު އާޔަތްތަކަކީވެސް ޢިލްމާއި ބެހޭގޮތުން ބާއްވައިލައްވާފައިވާ އާޔަތްތަކެވެ. 

اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ﴿١﴾ خَلَقَ الْإِنسَانَ مِنْ عَلَقٍ ﴿٢﴾ اقْرَأْ وَرَبُّكَ الْأَكْرَمُ ﴿٣﴾ الَّذِي عَلَّمَ بِالْقَلَمِ ﴿٤﴾ عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ ﴿٥﴾ [3] މާނައީ: “ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. (1) ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. (2) ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. (3) އެކަލާނގެއީ، قلم ން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ. (4) އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ. (5)”

ބައެއް މައިންބަފައިންނަށް ދީނީ ތަޢުލީމަށް އަހައްމިއްޔަތުކަން ދެވިފައި ނުވުމުގެ ސަބަބުން ދަރީންނަށް އިސްލާމީ ތަޢުލީމުގައި ހިމެނޭ މާތް ސިފަތަކުން މަޙްރޫމްވެގެންދާތަން މިއަދުގެ މުޖުތަމަޢުގައި ބައެއް ފަރުދުންގެ ކިބައިން ފެނެއެވެ. މައިންބަފައިންގެ އެންމެ ބޮޑު ޒިންމާއަކީ ދަރީން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމެވެ. އެހެންކަމުން އެކުދީންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށްޓަކައި މައިންބަފައިންނަށް އިސްލާމީ ރަނގަޅު ނަމޫނާއެއް ދައްކަން ޖެހެއެވެ. އަދި ޙަޤީގަތެއް ނެތް ފުލޯކު ވާހަކަތައް ކިޔައިދިނުމުގެ ބަދަލުގައި އިސްލާމީ ތާރީޚުން ފެންނަ ޞަޙާބީ ބޭކަލުން ނުވަތަ ރަސޫލުބޭކަލުންގެ ވާހަކަތައް ކިޔައިދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. 

މީގެ އިތުރުން މައިންބަފައިން ދަރީންނަށް އިސްލާމީ ތަރުބިއްޔަތެއް ދިނުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި، ދަރީންނާއި އެކީގައި ރަނގަޅަށް ވަގުތު ހޭދަކުރުމާއެކު، ނަމާދު ވަގުތު ޖެހުމުން މަންމައިން އަންހެން ދަރީން ގޮވައިގެން ނަމާދުކުރުމާއި އަދި ބައްޕައިން ފިރިހެން ދަރީން ގޮވައިގެން މިސްކިތަށް ދިޔުމުގައި ނަމޫނާ ދެއްކުމެވެ. އަދި ދަރީންނަށް ދީނުގެ އެކި އެކި ކަންކަން ދަސްކޮށްދިނުމާއެކު ކުދީންނަށް އިސްލާމީ ފޮތްތައް ހޯދައި ފޯރުކޮށްދިނުމުގައި ސާބިތުވެ ހުރުމެވެ. އަދި ހަމަ އެހެންމެ ކޮންމެ ކަމެއް ކުރަމުންވެސް ﷲ އަށް ދުޢާ ކުރުމާއި ﷲ އަށް ވަކީލު ކުރުމަށް އެކުދީންނަށް ހަނދާންކޮށްދިނުމާއެކު ނަމޫނާ ދެއްކުން ވަރަށް މުހިއްމުވެ. 

މައިންބަފައިންނަށް ދަރީން ރަނގަޅަށް ތަރުބިއްޔަތު ނުކުރެވޭ ނަމަ އަދި ދަރީންނާއި އޮންނަން ޖެހޭ ގުޅުން ނޯންނަމަ ގިނަފަހަރަށް ދަރީން ނުބައި މަގުން ހިނގުމަށް މަގުފަހިވެއެވެ. އެގޮތުން ނުބައި އެކުވެރީން އިޚްތިޔާރުކޮށް މުޖުތަމަޢުގައި ނުބައި ޢަމަލުތަކުގައި ބައިވެރިވެގެންދެއެވެ. އެހެންކަމުން ހުރިހާ މައިންބަފައިންވެސް ދަރީންނަކީ ރަނގަޅު ޞާލިޙް ތަޤްވާވެރި ދަރީންތަކެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރަން ޖެހެއެވެ.  

 

 

މިއަދު އޮންލައިން