ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެއް ކުރުން ހުއްދަކަމަށް ޤަބޫލުކުރާނަމަ އެމީހަކަށް އެހުރެވެނީ އިސްލާމްދީނަކު ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެއް ކުރުން ހުއްދަކަމަށް ޤަބޫލުކުރާނަމަ އެމީހަކަށް އެހުރެވެނީ އިސްލާމްދީނަކު ނޫން!

މީހަކަށް ފާފައެއް ކުރެވިދާނެއެވެ. އެހެނީ ކޮންމެ މީހަކީވެސް ފާފަކުރެވޭނެ މީހެކެވެ. މީހަކަށް ފާފައެއް ކުރެވޭހިނދުވެސް ތިމާއަށް މިކުރެވުނީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެއް، ފާފައެއް ކަމަށް ޤަބޫލުކުރެވޭ މީހާ ދީނުން ބޭރެއް ނުވާނެއެވެ.  

ނަފްސްގެ ބަލިކަށިކަމުން އޭނާއަށް ފާފައެއް ކުރެވުނީއެވެ. އެޙާލަތުގައި އޭނާއަށް އޮތީ ތައުބާވުމެވެ. ކުރެވުނު ފާފަ އާއިމެދު ހިތާމަކޮށް ފާފަ ފުއްސަވައިދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމެވެ. އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން ފާފަ ފުއްސަވައި ދެއްވަވާނެތެވެ.  

އެކަމަކު ބުނަން ހެއްޔެވެ؟ ކުރެވުނު ޢަމަލަކީ ފާފައެއް ނޫންކަމަށް އެމީހާ ޤަބޫލުކުރާ ހިސާބުން އޭނާ އެހުރީ އިސްލާމް ދީނަކު ނޫނެވެ. އެއީ ފާފައެއް ނޫންކަމަށް ޤަބޫލުކުރާ ބައަކާއިއެކު އެމީހުންގެ ދީނުގައެވެ.  

"އަހުރެންނަކީ މުސްލިމެކެވެ! އެކަމަކު ބަނގުރާ ބުއިމަކީ ފާފައެއް ނޫނެވެ. އޫރުމަސް ކެއުމަކީ ފާފައެއް ނޫނެވެ. ހުއްދަވާނެއެވެ." ބުނެވޭ ހިސާބުން އޭނާއަށް ކިޔާނެ "މުސްލިމެއް" ނޫން އެހެން ދީނެއްގެ ނަން އެވަނީ ހޯދަންޖެހިފައެވެ.  

ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ފާފައެއް ކުރެވިއްޖެނަމަ އަވަހަށް އެކަން ޤަބޫލުކުރާށެވެ. ކުރެވުނީ ކުށެއް ކަމަށް ޤަބޫލުކުރާށެވެ. އެކަމަކީ ކުރެވުނު ކުށެއް ނޫންކަމަށް ވަކާލާތު ނުކުރާށެވެ! ދީނުގެ އިންތަކުން ބޭރުވެދާނެތީއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން