މައިންބަފައިން އަހަރެމެންނަށް ވަރަށް ގިނަ ކަންތައްތަކެއް ދަސްކޮށްދެއެވެ. ރަނގަޅު ގޮތާއި ނުބައި ގޮތް ބުނެދެއެވެ. އެހެންކަމާއިއެކުވެސް ވަރަށް މަދު މައިންބަފައިން ނޫނީ ލޯބިވުމާއިބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެއެއް ނުދެއެވެ. އެހެންވެ މައިން ބަފައިންގެ ކިބައިން އޮންނަނީ އެކަންކަން ދަސްނުކުރެވިފައެވެ. ނުވަތަ ނުއެނގިފައެވެ.
ދެން ގިނަފަހަރު އެބައި ދަސްވަނީ އެކުވެރިންގެ ކިބައިންނެވެ. އެމީހުން ބުނާނީ ލޯބިވާށޭއެވެ. ލޯބިވެރިޔާ ދެކެ ވަރަށް ބޮޑަށް ލޯބިވާންޖެހޭނެ ކަމަށެވެ. އެހެންވެ ލޯބިވެރިޔާ ދެކެ ލޯބިވަމުން ގޮސް ހިތުގެ އެންމެ ފުންމިނުން ލޯބިވެވެނީއެވެ.
މިހެން މިވަނީ ލޯބިވާންވީ ރަނގަޅު ގޮތް އެކަކުވެސް ބުނެނުދޭތީއެވެ. އެހެންވެ އަހުރެން މިބުނެދެނީއެވެ. ލޯބިވުމުގައި ރަނގަޅު ގޮތަކާއި ނުބައި ގޮތެއް ވެއެވެ. އެތަނުން ގިނަބައަކަށް ލޯބިމިވެވެނީ ނުބައި ގޮތުގައެވެ.
ނުބައި ގޮތަށް ލޯބިވެވޭކަމަށް މިބުނަނީ ހިތުން ﷲ ތަޢާލާދެކެ ލޯބިވުމަށް ދޭންޖެހޭ ޖާގަ ލޯބިވެރިޔާއަށް ދެވޭތީއެވެ. ކުރިން ބުނިހެން ހިތުގެ އެންމެ ފުންމިނުން ލޯބިވެރިޔާދެކެ ލޯބިވެވޭތީއެވެ.
ލޯބިވެރިޔާ ރުޅިވުމުން ނުވަތަ ވަރިކުރުމުން 4 އުދަރެސް ފެނުޖެހިގެންދަނީ އެހެންވެގެންނެވެ. ﷲ ތަޢާލާއަށް އަދާކުރަންޖެހޭ އަޅުކަންވެސް ނުކުރެވީ ގައިން ތާހިރު ނުވެވޭ ޙާލަތަށް ކަންކަން އެދަނީ އެހެންވެގެންނެވެ.
ޙައްލަކީ އެންމެ ބޮޑަށް ލޯބިވާ ފަރާތަކީ، ހިތުގެ އެންމެ ފުންމިނުން ލޯބިވާ ފަރާތަކީ ﷲ ތަޢާލާ ކަމުގައި ހެދުމެވެ. ހިތުގެ އެޖާގަ އަހުރެމެންނަށް ހިތް ދެއްވެވި ﷲ ތަޢާލާއަށް އަބަދުވެސް ޚާއްޞަކޮށްފައި ބޭއްވުމެވެ. އެއިގެ ފަހަތުން ނޫނީ އެކަކަށްވެސް ޖާގަ ނުދިނުމެވެ. ލޯބިވެރިޔާއަށްވެސްމެއެވެ.
އެއިރުން އެއްވެސް މީހަކު ތިބާ ދެކެ ލޯބިނުވެގެން، ލޯބިވެރިޔާ ނުވަތަ ޙަޔާތުގެ ބައިވެރިޔާ ތިބާ ޢާއި ވަކިވީތީ ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. އެކަކު ތިމާ ދެކެ ލޯބި ނުވިޔަސް ﷲ ތަޢަލާ ތިމާދެކެ ލޯބިވެވޮޑިގަންނަވާކަން ޔަޤީންކުރެވި އުފަލުގައި ހުރެވޭނެއެވެ. އިން ޝާ ﷲ. އަދި އެމީހަކު އެންމެ ބޮޑަށް ލޯބިވަނީ ﷲ ތަޢާލާގެ ޙަޟްރަތަށް ކަމުގައިވާނަމަ އެމީހަކު ދެރަވެ ނިކަމެތިވާން ދޫކޮށް ނުލައްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން