ބައިވެރިޔާއަށް މަކަރުހެދުމަކީ ރޯނުފިލުވައި ލޮނުމިދު ކެއުންފަދަ ކަމެއް! ޖަހާ ސެންޓަކުން ގައިން ދުވާ ނުބައިވަސް ފިލުވައެއް ނުލެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ބައިވެރިޔާއަށް މަކަރުހެދުމަކީ ރޯނުފިލުވައި ލޮނުމިދު ކެއުންފަދަ ކަމެއް! ޖަހާ ސެންޓަކުން ގައިން ދުވާ ނުބައިވަސް ފިލުވައެއް ނުލެވޭނެ!

ޙަޔާތުގެ ބައިވެރިޔާއަށް މަކަރުހެދުން އަހުރެން ސިފަކުރާނީ ރޯނުފިލުވައި ލޮނުމިދު ކެއިން ފަދަ ކަމެއްގެ ގޮތުިގައެވެ. ކިތަންމެ މީރުވަސްގަދަ ސެންޓެއް ޖެހިނަމަވެސް ވަސް ފިލުވައެއް ނުލެވޭނެއެވެ.

ވަސް ފިލުވައި ނުލެވޭ ސަބަބު އެނގޭ ހެއްޔެވެ؟ ވަސް ފިލުވައި ނުލެވެނީ ހިއްލާ ދަލާއިއެކު ހަށިގަނޑުން ވަސްނުކުމެ ނުކުމެ ހުންނާތީއެވެ. ލޮނުމިދުގެ ވަސް އެހައިބޮޑަށް ފާހަގަކުރެވެނީ ގިނަ ބައަކަށް އެއިން ނުބައިވަސްދުވާތީއެވެ.

މިދެކަންތަކުގައި ގުޅުމެއްވެސް އެބަހުއްޓެވެ. ކުރިން މިދެއްކީ ލޮނުމިދުގެ ވާހަކައެވެ. ދެމަފިރިންގެ ކަންކަމަށް ބަލާއިރު ބައިވެރިޔާއަށް މަކަރުހެދުމަކީ ވައްކަންކުރަން ރުހޭ މަދުބައަކަށް ކަމުދާ ކަމެއް ނަމަވެސް ގިނަބައަކު ވަރަށް ނުރުހޭ އަދި ނަފްރަތުކުރާ ކަމެކެވެ.

އަހުރެން މިގޮތަށް މިވާހަކަ ދެއްކުމުން "ބައިވެރިޔާއަށް މަކަރުހެދުމަކީ މައްސަލައެއް ނޫންކަމަށާ ފަޅާ ނުއަރާނަމަ އެއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަމަށް ބުނެ" އަހުރެންނާއި ދެކޮޅަށް ވަކާލާތުކުރި މީހެއްގެ ވާހަކަވެސް ބުނެލާނަމެވެ. އެއިގެ ހައަކަމަސްފަހުން އައީ އޭނާގެ އަނބިމީހާ އޭނާއަށް މަކަރުހެދި މައްސަލަ ހިފައިގެންނެވެ. އެކުގައި އުޅެން ބޭނުން ނޫންކަމަށްބުނެ ވަރިކުރުމާއިމެދު ލަފާ ހޯދާށެވެ.

ރައްދެއް ދޭން ހިތަށް އެރިއެވެ. ނަމަވެސް އަޢޫޛް ކިޔައި ނިންމައިލީއެވެ. އެކަމަކުވެސް ބުނެވުނެވެ. "ދައްޔޫސުން ނޫން އެންމެންނަށް އެކަމުން އަސަރުކުރާނެއެވެ. އެކަމުން (ބައިވެރިޔާ މަކަރުހަދާނަމަ) އަޅާ ވޭން އެނގޭނީ ބައިވެރިޔާ ދެކެ ލޯބިވާ މީހުންނަށެވެ. އިސްލާމް ދީނުގައި ޙުކުމްތައް އައިސްފައި ހުރީ އެމީހަކު ކުރަން ބޭނުންވުމުން މައްސލައަކަށް ނުވެ ހުއްދަވެފައި އެހެން މީހުން ކުރީމާ އަދަބުދޭ ގޮތަކަށް ނޫނެވެ. ދީނުގައި މަނާކުރައްވަވާފައިވާ ކޮންމެ ކަމެއްވެސް މަނާކުރައްވަވާފައިވަނީ އެންމެންގެ މަޞްލަޙަތަށެވެ. އެކަމުން ކުރާ ވަޤުތި އުފާކޮޅަކަށްވުރެ ލިބެން އޮތް ގެއްލުން މާބޮޑުވީމައެވެ." އުންމީދުކުރީ އެވަރުން އޭނާއަށް ވިސްނޭނެ ކަމަށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން