ރޯދަމަހަށް މަޑުނުކޮށް ތައުބާވެ އިޞްލާޙްވުން އަވަސްކުރޭ! ރޯދަމަހާ ބައްދަލުވުމަކީ އިޞްލާޙްވާ ސަބަބެއްނަމަ މިއަހަރުގެ ރަމަޟާންމަހާ ބައްދަލުވި އެންމެން ތިބޭނީ އިޞްލާޙްވެފައެއް ނޫންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ރޯދަމަހަށް މަޑުނުކޮށް ތައުބާވެ އިޞްލާޙްވުން އަވަސްކުރޭ! ރޯދަމަހާ ބައްދަލުވުމަކީ އިޞްލާޙްވާ ސަބަބެއްނަމަ މިއަހަރުގެ ރަމަޟާންމަހާ ބައްދަލުވި އެންމެން ތިބޭނީ އިޞްލާޙްވެފައެއް ނޫންތަ؟

އަޅުގަނޑުގެ އެކުވެރިއަކު ހުރެއެވެ. ހެޔޮ ޢަމަލުތައް ކުރުން ގިނަކުރަންފަށަން ބުނާއިރަށް ބުނަނީ ރޯދަމަސް އައުމުން އެކަންކުރާނެ ކަމަށެވެ. އެހެން ބުނާތާ އެތައް އަހެއް ވެއްޖެއެވެ. އެކަމަކު އެކަން ތަންފީޒުކުރާތަނެއް ނުފެނެއެވެ. މިފަދަ އެކުވެރިއަކަށް ދޭނެ ރަނގަޅު ނަޞީޙަތެއް ބުނެފާނަންތަ؟ 

އުންމީދުކުރަނީ ތިރީގައިވާ ލިޔުމުން ކިޔުންތެރިޔާއަށް އެހީތެރިކަން ލިބޭނެ ކަމަށެވެ. އިން ޝާ ﷲ 

ވަރަށް ގިނަ ބައަކަށް ބުނެވެއެވެ. މި ރަމަޟާން މަހުން ފެށިގެން އަހުރެން ބަދަލުވާނަމެވެ. އެހެން ބުނެވޭކަންވެސް އެއީ ރަނގަޅު ކަމެކެވެ. ސަބަބަކީ އެހެން އެބުނެވެނީ އިޞްލާޙްވުމުގެ ނިޔަތް އޮންނާތީއެވެ. 

އަހުރެން ފާހަގަކޮށްލަން ބޭނުންވާ ކަމަކީ އެހެން އެބުނާ މީހުންނާއި ކިތައް ރަމަޟާން މަސް ބައްދަލުކޮށްފިހެއްޔެވެ؟ ކިތައް ޛުލްޙިއްޖާ މަސް ބައްދަލުކޮށްފިހެއްޔެވެ؟ އެކަމަކުވެސް އެމީހުންގެ ޢަމަލުތައް ބަދަލުކުރެވުނީ ކިތައް މީހުންނަށް ހެއްޔެވެ؟ ޢުމުރުން މިހައި ދުވަސްވެގެން އަންނައިރު ކިތައް ރޯދަމަސް އައިސް ބައްދަލުވެފައިވާނެ ހެއްޔެވެ؟ ރޯދަމަސް އައުމަކީ އިޞްލާޙްވެވޭ ކަމެއް ނަމަ އެންމެން ތިބޭނީ އިޞްލާޙްވެގެން ނޫންހެއްޔެވެ؟ 

މީސްތަކުންނޭވެ! ކޮންމެކަމަކަށްވެސް ނިޔަތްގަތުން އެއީ ކުރަން އޮތް ކަމެކެވެ. އެކަމަކުވެސް މީހާގެ ޢަމަލުތައް ބަދަލުކުރެވޭނީ، އިޞްލާޙް ކުރެވޭނީ، އަޅުކަންކުރުން އިތުރުކުރެވޭނީ، އަދި ފާފަކުރުން ހުއްޓައިލެވޭނީ އެމީހަކު އެކަމެއް ކުރުމުންނެވެ. ނިޔަތްގަތުމަކުން އެކަނި ނުފުދޭނެއެވެ. 

ޢަމަލުތައް ބަދަލުކުރަން،އިޞްލާޙް ކުރަން، އަޅުކަންކުރުން އިތުރުކުރަން އަދި ފާފަކުރުން ހުއްޓާލަން ބޭނުންވާނަމަ ރަމަޟާން މަސް ނުވަތަ އެނޫން މަހެއް އަންނަންދެން ކީއްކުރަން މާދަމާ އިރުއަރަންދެންވެސް މަޑުކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. މިހާރު، މިވަޤުތުން ފެށިގެން އެކަމަށް މަސައްކަތްފަށާށެވެ! 

ވަކިން ޚާއްޞަކޮށް ނަމާދުތަކަށް ސަމާލުކަންދޭންފަށާށެވެ! ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން މަސައްކަތް ފަށާށެވެ. ގިނަ ބައަކު މިސްކިތަށްދެއެވެ. ނަމާދުވެސް ކުރެއެވެ. ނަމާދުކުރަނީ ﷲ ތަޢާލާ ހަނދުމަކުރުމަށެވެ. އެކަމަކު ނިކަން ސުވާލުކޮށްބަލާށެވެ. ތެދުބަހުން ޖަވާބުދޭ ގިނަ ބައަކު ބުނާނީ ނަމާދުގައި ﷲ ތަޢާލާ ނޫން އެހެން ހުރިހާ ކަމެއް ހަނދާން ކުރެވުނު ކަމަށެވެ. 

ދެން މިދައްކަނީ ބޭނުންވާ ކަންކަން ޙާޞިލުނުކުރެވޭ ވާހަކައެވެ. ދަތިޙާލުގައި ނުވަތަ ހިތާމައިގައި އުޅެންޖެހޭ ވާހަކައެވެ. ﷲ ތަޢާލާ އަންގަވަނީ ނަމާދުކުރުމަށެވެ. ނަމާދުން ވާގިއެދުމަށެވެ. ވީއިރު މިބުނި ގޮތަށް ނަމާދުކޮށްގެން އެމީހަކަށް ޙާޞިލުކުރެވޭނީ ކޮން ކާމިޔާބީއެއް ހެއްޔެވެ؟ 

ވާހަކަ ދެއްކިދާނެއެވެ. ކިޔައިދެވިދާނެއެވެ. ފައިދާކުރާނީ ޢަމަލުކުރުމުންނެވެ!

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

 

 

މިއަދު އޮންލައިން