އިސްލާމް ދީނުގައި އަމއްލައެދުން ބޮޑުކުރުމަކީ ކުރަން ހުއްދަނޫން ކަމަކަށްވާއިރު ސުވަރުގެ ލިބިގަތުމަށް އަމިއްލަ އެދުން ބޮޑުކުރީމާ ފެތޭނީ ކޮން ގޮޅިއަކަށްތޯ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޒާކިރު ނައިކް ވިދާޅުވެފައިވަނީ މިފަދައިންނެވެ.
އަހުރެމެން ދުނިޔެއަށް ފޮނުއްވަވާފައި މިތިބީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމަށާއި ސުވަރުގެ ހޯދަން މަސައްކަތްކުރުމަށެވެ. ވީމާ އެކަންކަމަށް ކިތަންމެ ވަރަކަށް އަމިއްލަ އެދުން ބޮޑުކުރުމަކުންވެސް އެއްވެސް މައްސަލައެއް ނެތެވެ. ސަބަބަކީ އަމިއްލަ އެދުން ބޮޑު އެކުރެވެނީ އެކަމެއް ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ކަމެއް ކުރަން ކަމަށްވާތީއެވެ. ވީމާ އެކަން ވެގެންދާނީ ތަޤްވާވެރިކަމުގައި ޖަހާ ރޭހަކަށެވެ. އަހުރެމެންނަށް އޮތީ އެރޭހުން ކުރިހޯދަން މަސައްކަތްކުރުމެވެ.
ދެން އޮތީ ސުވަރުގެ ލިބިގަތުމަށް އަދުން ބޮޑުކުރުމުގައި ޙަރާމްގޮތެވެ. އެގޮތަކީ އެހެން މީހަކަށް ނުވަތަ އެހެން ބައަކަށް ސުވަރުގެ ލިބުން ނުއެދި ހަމައެކަނި ތިމާއަށް ސުވަރުގެ ލިބުން އެދުމެވެ. އެއިރުން އެބަ ގޯސްވެއެވެ. ސަބަބަކީ ﷲ ތަޢާލާ އަންގަވާފައިވަނީ މީސްތަކުން ސުވަރުގެ ގެންދަން (ސުވަރުގެ ވައްދަން) މަސައްކަތްކުރުމަށެވެ.
މިޘާލަކަށް އެހެން މީހަކަށް ސުވަރުގެ ލިބިދާނެތީ އޭނާއަށް ނަމާދުނުކުރަން އަންގާފައި ނުވަތަ ނަމާދުނުކުރަން ހިތްވަރުދީފައި ސުވަރުގެ ހޯދަން ތިމާ ނަމާދުކުރީމާ އެއޮތީ ކަންތައް މުޅިން ގޯސްވެފައެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ ހެޔޮ ޢަމަލުތައް ކުރަން މީސްތަކުންނަށް ހަނދާންކޮށްދީ އެކަމަށް ހިތްވަރުދިނުމަށެވެ.
އެހެންވީމާ ސުވަރުގެ ލިބުމަށް އަމިއްލަ އެދުން ބޮޑުވެ އެހެން މީހުންނަށް ސުވަރުގެ ލިބެން ނުއެދޭނަމަ ނުވަތަ އެކަމަށް ހުރަސްއަޅާނަމަ އެއޮތީ ސުވަރުގެ ލިބުމަށް އަމިއްލަ އެދުން ބޮޑުވުމުގައި ޙަރާމްގޮޅިއަށް ފެތިފައެވެ.
- ޑރ. ޒާކިރު ނައިކުގެ ދަރުސަކުން
މިވާހަކަފުޅުން ފާހަގަކުރަންޖެހޭ ކަމަކީ:
- މީހަކު އަޅުކަމުގައި ކުރިއަރައިދާން މަސައްކަތްކުރާނަމަ އެކަމަށް ޙަސަދަވެރިވެ ހުރަސް އަޅައިގެން ނުވާނެ ކަމެވެ. އަދި އޮތީ އެމީހަކަށް ހިތްވަރުދިނުން ކަމެވެ.
- ތިމާއަށް ސުވަރުގެ ލިބުން އެދޭފަދައިން އެހެން މީހުންނަށް ސުވަރުގެ ލިބެންވެސް އެދެންޖެހޭނެ ކަމެވެ.