އެކި ޢާއިލާތަކަށް ކުރިމަތިވާނީ އެކި ކަންކަމެވެ. ބައެއް މައިންބަފައިން ކަންބޮޑުވަނީ ދަރިން ނަމާދުނުކުރާތީއެވެ. އަނެއްބައި ޢާއިލާތަކުގައި ދަރިން ކަންބޮޑުވަނީ މައިންބަފައިން ނަމާދުނުކުރާތީއެވެ. ދަރިންކަމަށްވީނަމަވެސް މައިންބަފައިން ކަމަށްވީނަމަވެސް ނަމާދުނުކުރާނަމަ ސުވަރުގެ ވައްދަވާނެކަމަށް ބުނެވޭނެ އެއްވެސް ގޮތެއް ފެންނާކަށް ނެތެވެ. ވީމާ މިއީ ޢާއިލާއަށް އޮތް އެންމެ ބޮޑު ކަންތަކެވެ.
ނަމާދަށް ބަންގިގޮވަން ފެށުމުން މިސްކިތާއި ދުރަށް އެދާ ހަރުޢުމުރުގެ ގިނަ މީހުންނަކީ ހަމަ ބައްޕައިންނެވެ. އެކަމުން އެނގެނީ ނަމާދުނުކުރާ ބައްޕައިންވެސް ވަރަށް ގިނަ ކަމެވެ.
ހެޔޮކަންކަން ޚާއްޞަކޮށް ނަމާދުކުރަން ބުނެ ވިސްނައިދިނުމަކީ އެކަކު އަނެކަކަށް ކޮންމެހެން ކޮށްދޭންޖެހޭ ކަމެކެވެ. ނަމާދުނުކުރާނަމަ ބައްޕައަށްވެސް ވިސްނައިދޭން މަސައްކަތްކުރަންވާނެއެވެ. އަދި ބައްޕައަށް ހެޔޮ ވިސްނުން ދެއްވެވުން އެދިގެން ދުޢާވެސް ކުރަންވާނެއެވެ. ތިރީގައި އެވާ ލިޔުމަކީ ފައިދާކުރާނެ ލިޔުމެއްކަމަށް އުންމީދުކުރަމެވެ.
އޭނާގެ އުމުރުން 60 އަހަރުވީއިރުވެސް އެންމެ ނަމާދެއްވެސް ނުކުރެއެވެ. އަދި އެންމެ ސަޖިދައެއްވެސް ނުކުރެއެވެ. އޭނާގެ ދެ ފިރިހެން ދަރިން ތިބެއެވެ. އެއީ ހެޔޮލަފާ ތަޤްވާވެރި ދެ ދަރިންނެވެ. އެއްދަރިއަކީ މިސްކިތެއްގެ އިމާމެކެވެ. ބައްޕައަށް ނަޞޭޙަތްދިން ނަމަވެސް އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެއެވެ.
އެއް ދަރިފުޅު ތުނބުޅި ދިގުކުރަން ފެށުމުން ބުންޏެވެ. "ދަރިފުޅާއެވެ. ތުނބުޅިބާލާށެވެ! ދިގުކުރަނީ ކީއްކުރަން ހެއްޔެވެ؟" އެވަގުތު ދަރިފުޅަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. "ބައްޕަ ތިއައުޅެނީ ނަރަކައަށް ނުވަދެވިގެން ހެއްޔެވެ؟"
އެހެން ބުނެވުމުން ދަރިފުޅު ވަރަށް ދެރަވެސްވިއެވެ. އެއީ އެފަދަ ބަހެއް ބައްޕައަށް ރައްދުކޮށް ބުނެވުނީތީއެވެ. ނަމަވެސް އެބަސްވެގެން ދިއައީ ބައްޕަގެ ކަންފަތާއި ހިތް ފޫއަޅުވައިލި ބަހަކަށެވެ.
ބައްޕައަށް މަރުވެދާނެކަމާއި ނަރަކައަށް ވަންނަން ޖެހިދާނެކަމާއިމެދު ވިސްނަންވެސް ފެށުނެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިސްކިތުގެ ޖަމާއަތަށް ނަމާދަށްދާންވެސް ފެށިއެވެ. އެމިސްކިތުގެ އިމާމަކީވެސް އޭނާގެ ދަރިއެކެވެ. ބައްޕަ ނަމާދުކުރަން ފެށިވާހަކަ މީހުން ބުނުމުން ދަރިފުޅު އަޅައިވެސް ނުލައެވެ. ބައްޕަގެ އަމިއްލަ އިޚްތިޔާރަށް ކަންކަން ދޫކޮށްލައިގެންހުރީއެވެ.
ދުވަސްކޮޅެއް ފަހުން މިސްކިތުގައި ދަރިފުޅު ދޭ ދަރުސްތައް ތަނބުތަކުގެ ނިވަލުގައި ފިލައި އިނދެ އަޑުއަހަން ފެށިއެވެ. އެކަމުން ކުރިއަސަރުން އޭނާ ދީން އުނގެނުމަށް މަސައްކަތްފެށިއެވެ. މިހާރު އެބައްޕައަކީ ގިނަ ހަދީޘް ފޮތްތައް ކިޔައި އުނގެނި އެހެން މީހުންނަށް ކަންކަން ބުނެދޭ މީހެކެވެ. ދުވާލަކު 80 ސިގިރެޓް ބޮމުން އައި މީހާ އެކަންކުރުން ވަނީ އެންމެ ދުވަހަކުން މުޅިން ހުއްޓާލައިފައެވެ.
މިހުރިހާ ކަންކަން މިހެން ވެގެން މިދިއައީ މާޔޫސް ނުވެ ތިބެ ދެ ދަރިން ކުރަމުން ގެންދިއަ ދުޢާއިންނެވެ. މައިންބަފައިންގެ ކިބައިން ނޭދެވޭ ކަމެއް ފެނުނު ނަމަވެސް އުންމީދު ކަނޑައިނުލާށެވެ! ރުޅިވެރިކަމުގެ ބަސްތައް ނުބުނާށެވެ! ހެޔޮ ދުޢާކުރަމުން ގެންދާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން