ﷲ ތަޢާލާ ރީތި ފޭރާން ދެއްވެވީމާ އަޢުރަ ނިވާވާ ގޮތަށް ހެދުން ނުލައި ތިބެގެން ﷲ ތަޢާލާގެ އަމުރުފުޅަށް ގޮންޖަހައި ފުރައްސާރަކުރަނީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ﷲ ތަޢާލާ ރީތި ފޭރާން ދެއްވެވީމާ އަޢުރަ ނިވާވާ ގޮތަށް ހެދުން ނުލައި ތިބެގެން ﷲ ތަޢާލާގެ އަމުރުފުޅަށް ގޮންޖަހައި ފުރައްސާރަކުރަނީ ހެއްޔެވެ؟

ފުރތަމަވެސް ހަނދާންކޮށްލައި ދޭނަމެވެ. ފޭރާން ލުމުގެ ބޭނުމަކީ އަޢުރަ ނިވާކުރުމެވެ. މުސްލިމް އަންހެނާގެ އަޢުރައަކީ ހލޭ ފިރިހެނުންގެ ކުރިމަތީގައި މޫނާއި ދެއަތްތިލަ ފިޔަވައި ހުރިހާ ތަނެކެވެ. ފޭރާން ލައިގެން އަޢުރަ ދައްކަމުން ހިނގާނެ ބައަކު ފަހުޒަމާނުގައި އުޅޭކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

ރީތި، އަގު ބޮޑު ފޭރާން ގަނެގެން ލައިގެން މީސްތަކުންގެ ކުރިމައްޗަށް ނުކުންނައިރު ފޭރާންލާންޖެހޭ މަޤްޞަދު ޙާޞިލްނުކުރެވޭނަމަ އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެހެންވީމާ ކޮންމެ މީހަކުވެސް އެކަމަށް ވިސްނަންވާނެއެވެ. ﷲ ތައާލާ އަހަރެމެންނަށް ފޭރާން ދެއްވަވަނީ ފޭރާންލައިގެން ބަރަހަނާއަށް ތިބުމަކަށް ނޫނެވެ. ފޭރާން ލައި ކީރިތި ޤުރްއާނުގައި އަންގަވާފައިވާ މިންވަރަށް ނިވާވެގެން ތިބުމަށެވެ.

ރަނގަޅު ގޮތުގައި ނިވާވާނެ ގޮތަށް ފޭރާންލުމަކީ މީހާގެ ޝަޚްޞިއްޔަތަށްވެސް އެކަމުން ފައިދާކުރާނެ ކަމެކެވެ. އަދި ޤަދަރު އުފުލިގެންދާނެ ކަމެއްވެސްމެއެވެ. ވީމާ ﷲ ތަޢާލާ އަންގަވާފައިވާ މިންވަރަށް ނިވާވެގެން ތިބުމަކީ ދުނިޔެއާއި އާޚިރަތުގައިވެސް އެންމެ ފައިދާކުރާނެ ގޮތެވެ.

މީސްތަކުންނޭވެ! ޝައިޠޯނާގެ ދަންތުރައިގައި ނުޖެހޭށެވެ. ފޭރާންލުމުގައިވެސް އެހެން ކަންކަމުގައިވެސް ޝައިޠޯނާ ދައްކާމަގު އިޚްތިޔާރުނުކުރާށެވެ! ޝައިޠޯނާ ހުރިހާ މަސައްކަތެއްވެސް ކުރާނީ އަހަރެމެންނަށް ސުވަރުގެ ލިބުނަ ނުދިނުމަށެވެ. އެހެންވެ އާދަމްގެފާނާއި ހައްވާގެފާނު ލައްވައި ފާފަކުރުވައި ސުވަރުގެއިން ބޭރުކޮށްލަން ޝައިޠޯނާ ހެދި ބޮޑެތި ދޮގުތައް ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ސިފަ ކުރައްވަވާފައިވަނީ ޝައިޠޯނާގެ ދަންތުރަކަމުގައެވެ.

ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކޮންމެ ކަމެއް ޝައިޠޯނާ ޒީނަތްތެރިކޮށްދޭނެއެވެ. އެއީ ކުރަން އެންމެ ފައިދާހުރި ކަންކަން ކަމުގައި ވިސްނައިދޭނެއެވެ. ޝައިޠޯނާ އާދަމްގެފާނާއި ޙައްވާގެފާނަށް ވިސްނައިދިނީ ﷲ ތަޢާލާ ނަހީކުރެއްވެވި ކަންތައް ކުރުމުން (މަނާކުރެއްވެވި ގަހުން މޭވާ ފަރިއްކުޅުއްވެވުމުން) ދުވަހަކުވެސް މަރުނުވާނެކަމާއި އަދި ބޭނުންވާ ހުރިހާ އެއްޗެއް ލިބޭނެ ކަމެވެ. މި ބޮޑުވެގެންވާ ދެ ދޮގެވެ. ޝައިޠޯނާ ޒީނަތްތެރިކުރިވަރު ބޮޑުކަމުން އެއީ ތެދުކަމުގައި އެދެކަނބަލުންނަށް ޤަބޫލުފުޅު ކުރެއްވެވުނީއެވެ.

ވީމާ ފޭރާންލުމާއި އަދި އެހެން ކަމާއި ގުޅުވައިގެންވެސް ޝައިޠޯނާ ދޭ ވަސްވާސްތަކަށް ނުހެއްލޭށެވެ! އެއީ ހަމަ ސުވަރުގެ ވަނުމަށް ހުރަސް އަޅަން ދެމުން ގެންދާ ނުބައިކަންބޮޑު ވަސްވާސްތަކެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން