މައިންބަފައިންނަށް ބުނެވޭ ބަހަކަށް ނުވަތަ ކުރެވޭ ކަމަކަށް ނުބަލާށެވެ! މަސައްކަތްކުރަންވީ އެދެމީހުންނަށް ހެޔޮކޮށް ހިތައިގެން ސުވަރުގެ ލިބުމަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
މައިންބަފައިންނަށް ބުނެވޭ ބަހަކަށް ނުވަތަ ކުރެވޭ ކަމަކަށް ނުބަލާށެވެ! މަސައްކަތްކުރަންވީ އެދެމީހުންނަށް ހެޔޮކޮށް ހިތައިގެން ސުވަރުގެ ލިބުމަށެވެ!

މައިންބަފައިންނަށްވެސް ބަސްބުނެވޭނެއެވެ. ކަންކަންވެސް ކުރެވޭނެއެވެ. އެއީވެސް އިންސާނުންކަމަށްވީތީއެވެ. ދަރިންނަށް އޮތީ މައިންބަފައިންނަށް މާފުކުރުމެވެ. އެމީހުންނަށް ކުރެވުނު ކަންތައް ހިތުގައި ބާއްވައިގެން ނުތިބުމެވެ. އެމީހުންނަށް ހެޔޮކޮށް ހިތުމެވެ. ސަބަބުތައް މިކިޔައިދެނީއެވެ.

ޙަދީޘްފުޅުން އެނގެން އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުން ލިބެން އޮތީ މައިން ބަފައިންގެ ރުހުމާއި ލޯބިލިބިގެންކަމެވެ. އަދި އެމީހަކަށް (އެމީހެއްގެ ސަބަބުން) މައިންމަފައިންގެ ހިތްހަމަނުޖެހުމާއި ނަފްރަތު އޮތްނަމަ އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިގެން ނުވާނެ ކަމެވެ.

ވީމާ ތިމާއަށް ކުރެވުނު ކުށަކުން މައިންބަފައިން ހިތްހަމަނުޖެހި ތިބިނަމަ އަވަހަށް ގޮސް މާފަށް އެދެންވާނެއެވެ. އެމީހުންގެ ހިތްހަމަޖައްސައިދީ ރުހުން ހޯދަންވާނެއެވެ.

ޔަމަނުގެ މީހަކު ރަސޫލް ﷺ ގެ އަރިއަހަށް އައިސް އޭނާގެ މައިން ބަފައިން ދެރަވެ ރޯން ތިއްބައިވެސް އޭނާ އައީ ރަސޫލް ﷺ ގެ އަރިއަހުގައި ހުރުމަށާއި އަދި ހަނގުރާމަތަކުގައި ބައިވެރިވެ ޖިހާދުކުރުމަށް ކަމަސް ދެންނެވުމުން ޙަދީޘްފުޅު ކުރެއްވެވި ބަސްފުޅު ހަނދުމަކުރާށެވެ!

"ﷲ ތަޢާލާގެ ރުހިވޮޑިގަތުން ބޭނުންނަމަ އެނބުރި މައިންބަފައިންގެ ގާތަށްދާށެވެ! އެމީހުންނަށް ހިތްދަތިކަން ދިން ފަދައިން އެމީހުންނަށް އުފާވެރިކަންދީ ހިނިތުންކުރުވާށެވެ!"

މިޙަދީޘްފުޅުން އެނގިގެން މިދަނީ މައިންބަފައިން ހިތުގައި ޖައްސައިގެން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭނެ ކަމެވެ. ސުވަރުގެ ލިބުން ވަނީ މައިންބަފައިންނަށް ހެޔޮކޮށްހިތައި އުފާވެރިކަންމަތީގައި ބައިތިއްބައިގެންކަމެވެ.

އިތުރު ޙަދީޘްފުޅެއްގައިވަނީ ސުވަރުގެ ވަނުމަށް އޮތް އެންމެ ފަސޭހަމަގަކީ މައިންބަފައިންނަށް ހެޔޮކޮށްހިތައި އެމީހުންގެ ރުހުން ލިބުންކަމެވެ. މަޝްހޫރު ޞަޙާބީ ޢަބަދުﷲ އިބްން ޒުބައިރުގެ ބައްޕާފުޅު އަވަހާރަވުމުން ކީރިތި ކުރައްވަމުން ވިދާޅުވީ ތިމަންކަލޭގެފާނު މި ކީރިތި ކުރައްވަނީ ބައްޕާފުޅު އަވަހާރަވެގެން ނޫން ކަމަށާއި ސުވަރުގެ ވަޑައިގަތުމަށް އޮތް އެންމެ ފަސޭހަ މަގު ބަންދުވުމުން ކަމަށެވެ.

ވީމާ މައިންބަފައިންގެ ހިތް ހަމަޖައްސައިދީ އުފާކޮށްދޭން ލިބޭ އެންމެ ފުރުޞަތެއްވެސް ދޫކޮށްނުލާށެވެ! ކޮންމެ ވަގުތަކުވެސް އެ ފުރުޞަތު ގެއްލިދާނެއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން