މަންމަ މުހިންމުވެގެން ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް ފައިދާ ހުރި ގޮތަށް ޙަލުކުރެވޭނީ ތިމާއަށް ލިބިފައި ތިބި ދަރިންނަށް ދަރިންގެ މަންމަ މުހިންމުވާނެކަންވެސް ޤަބޫލުކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
މަންމަ މުހިންމުވެގެން ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް ފައިދާ ހުރި ގޮތަށް ޙަލުކުރެވޭނީ  ތިމާއަށް ލިބިފައި ތިބި ދަރިންނަށް ދަރިންގެ މަންމަ މުހިންމުވާނެކަންވެސް ޤަބޫލުކޮށްގެން!

އަހުރެމެން ނަމާދުކުރަމުއެވެ. އެހެން އަޅުކަވެސް ކުރަމުއެވެ. އެކަމަކު އިސްލާމްދީނުގައިވާ ޙުކުމްތަކަށް ވިސްނައިލެވެނީ މަދުމީހަކަށެވެ. ޚާއްޞަކޮށް އިންޞާފުވެރިވުމާއިބެހޭގޮތުން ހުންނަ ކަންކަމުގައެވެ.

ޢާންމު ގޮތެއްގައި ގޭތެރޭގައި ޖެހޭ ގިނަ މައްސަލަތަކުގެ ސަބަބަކަށްވެފައި އޮންނަނީ އަނބިމީހާ އާއި ފިރިމީހާގެ މަންމަ އާއި ދެމެދުގައި ޖެހޭ މައްސަލަތަކެވެ. އަނބިމީހާ އާއި އަޚުންނާއި އުޚުތުންނާއި ޖެހޭ މައްސަލަތަކެވެ. ވީމާ ފިރިންނަކީ މިފަދަ މައްސަލަތައް ޙައްލުކުރުމުގެ "ސިޔާސީ ޤާބިލްކަން" ލިބިފައިވާ ބައަކަށްވާން އެބަޖެހެއެވެ.

މިސާލަކަށް ކަމެއް ދިމާވުމުން މަންމަ އާއި ވާހަކަދައްކާއިރު އަނބިމީހާ މިވެނި ޝަކުވާއެއް ކުރިކަމުގެ ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތެވެ. މަންމަ އާއި ބެހޭ ގޮތުން އަނބިމީހާ ކުރީ ޙަޤީޤީ ޝަކުވާއެއްކަން ބެލުމަށްފަހު އެއީ ޙަޤީޤަތަކަށްވާނަމަ ވަރަށް އަދަބުވެރިކަމާއިއެކު އެކަން ތަކުރާރުނުކުރަން މަންމަ ގާތު ބުނުމުގެ ހިތްވަރު ފިރިންގެ ކިބައިގައި ހުންނަންވާނެއެވެ.

ކައިވެންޏަށްފަހު ޖެހޭ މައްސަލަތަކުގައި ތިބާ ކަންކަން ނިންމަނީ އިންޞާފުންކަމަށްވާނަމަ އަނބިމީހާ އާއި މަންމަ އާއި ދެމެދުގައި އަދި އެހެން މީހުންނާއި އަނބިމީހާ އާއި ދެމެދުގައި ޖެހޭ މައްސަލަތައް ބޮޑުތަނުން މަދުވާނެއެވެ. "ޗުކްޗުކް" ލެއްވުމުން ޤަބޫލުނުކުރާނަމަ "ޗުކްޗުކް" ލެއްވުން މަދުވާނެއެވެ!

ކޮންމެ ޙާލަތެއްގައިވެސް މައިމީހާއަށް ހެޔޮކޮށް ހިތަންވާނެއެވެ. ވީމާ ވާހަކަދައްކަންވާނީ ވަރަށް އޯގާތެރިކަމާއިއެކުގައެވެ. ނަމަވެސް އެއިގެ މާނައަކީ މަންމަ ނަމަވެސް ދައްކާ ހުރިހާ ވާހަކަތައް ޤަބޫލުކުރުމެއް ނޫނެވެ. ޤަބޫލުކުރަންވާނީ ޙަޤީޤަތުގެ މައްޗަށް ދެކެވޭ ވާހަކަތަކެވެ.

މައިމީހާ މުހިންމުވާފަދައިން އަނބިމީހާގެ މުހިންމުކަންވެސް ކުޑައެއް ނުވާނެއެވެ! އަނބިމީހާގެ ހުރުންނާނެ ހަމައެކަނި މީހަކީ ފިރިމީހާއެވެ. ރައްކައުތެރިކަން ފޯރުކޮށްދިނުމަކީވެސް އުފާވެރި ގޮތުގައި ގެންގުޅުމަކީވެސް ހމަ ފިރިމީހާގެ ވާޖިބެކެވެ. އަދިވެސް ކީއްހެއްޔެވެ؟ އަނބިމީހާއަކީ ތިބާގެ ދަރިންގެ މަންމައެވެ. ތިބާއަށް ތިބާގެ މަންމަ މުހިންމުވާފަދައިން ތިބާގެ ދަރިންނަށް ދަރިންގެ މަންމަވެސް ހަމައެހައި މުހިންމުވާނެއެވެ!

ކޮންމެ ދަރުސެއްގައިހެން މިފަދަ ވާހަކަތައް ދައްކަން މިޖެހެނީ އަނބިންގެ ކިބައިން ވެސް އަދި ފިރިންގެ ކިބައިންވެސް ލިބޭ ޝަކުވާތައް ގިނަކަމުންނެވެ. ޔަޤީންކުރާށެވެ! ދިރިއުޅުމުގެ ކޮންމެ ކަމެއްވެސް ކާމިޔާބުކުރެވޭނީ އިންޞާފަށް ލޯބިކުރިވަރަކުންނެވެ. ޢަދުލުވެރިކަން ކުރިއަސް ނެރެގެންނެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން