ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އިސްލާމް ދީނަކީ އެދީނަށް ޢަމަލުކުރަން ބޭނުންވާ އެންމެންގެ ދީނެވެ. އެދީނުގައި ކުރިއަށްދާން ބޭނުންވާ އެއްވެސް މީހަކަށް އެކަމުގަ އެއްވެސް ހުރަހެއްނެތެވެ. ޢުމުރުގެ ކޮންމެ ހިސާބެއްގައި ނަމަވެސްމެއެވެ.
އިސްލާމް ދީނުގައި ކުރިއަށްދާން ބޭނުންވާ އެއްވެސް މީހަކު އެމީހާގެ މާޒީއަށް ބެލުމެއް ނެތެވެ. ޙަޔާތުގެ ކިތަންމެ ގިނަ ދުވަތަކެއްގައި ދީނާއި ދުރުހެލިވެގެން ހުރެފައިވެސް އެކަން ވިސްނި ތައުބާވެ ދީނަށް ޢަމަލުކުރަންފަށާހިސާބުން މާޒީ އެއޮތީ ނިމިފައެވެ. ދެން ބަލަން އޮތީ މުސްތަޤްބަލަށެވެ. މާޒީގައި ކޮންމެވެސް ފާފައެއް ނުވަތަ ފާފަތަކެއް ނުކުރެވޭ ހަމައެކަކު ވެސް ނުހުންނާނެތީއެވެ.
މިސާލު ނަގަންވީ އާދަމްގެފާނުގެ ވާހަކައިންނެވެ. ސުވަރުގޭގައި ލައްވަވާފައި ނަހީކުރެއްވެވީ ހަމައެންމެ ކަމެކެވެ. އެންމެ ގަހަކުން ފަރިއްކުޅުއްވެވުމެވެ. އަދި ކީއްހެއްޔެވެ؟ އިބިލީސް ވަސްވާސްދޭނެ ކަމާއި ވަސްވާސްދޭނެ ގޮތްތައްވެސް ވަޙީކުރެއްވެވިއެވެ.
އެހެންކަމާއިއެކުވެސް އާދަމްގެފާނަށް އިބިލީހުގެ ބަހަށް ހެއްލެވުނެވެ. އެގަހުން ފަރިއްކުޅުއްވެވުނެވެ. އެބޮޑު ފާފަ ކުރެއްވެވުނެވެ. ނަމަވެސް ކުރެއްވެވުނު ފާފަ ޤަބޫލުފުޅުކުރައްވަވައި ތައުބާެވަޑައިގެން ފާފަފުއްސަވައި ދެއްވެވުމަށް އެދިވަޑައިގަތުމުން ފާފަ ފުއްސަވައި ދެއްވެވިއެވެ. އެހެނަސް އަދަބެއްގެ ގޮތުން ސުވަރުގެ ދޫކުރައްވަވައި ދުނިޔޭގެ ބިމަށް ފައިބާވަދައިގަންނަވަން ޖެހިވަޑައިގަތެވެ.
އަހަރެމެންނަށް ދުނިޔޭގައި ކުރެވޭ ފާފައެއްގެ ސަބަބުން ދުނިޔޭގައިވެސް ޢަޛާބާއި ދަތިކަމާއި ކުރިމަތިލާންޖެހިދާނެއެވެ. ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތައް އަނބުރައި ގެންދަވައިވެސްފާނެއެވެ. އެ ޙާލަތުގައިވެސް މާޔޫސްނުވާށެވެ! އިޚްލާޞްތެރި ތައުބާއަކުން އަވަހަށް ތައުބާވާށެވެ! ފާފަ ފުއްސަވައި ދެއްވަވާނެތެވެ! އަދި އެމީހަކަށް އާޚިރަތް ދުވަހު ރަޙްމަތް ލައްވަވާނެތެވެ!
ﷲ ތަޢާލާ ދެއްވެވި ނިޢްމަތެއް އަނބުރައި ގެންދެވުމުން ބައެއް މީހުންނަށް ޤަބޫލުކުރެވެނީ އޭނާގެ ތައުބާ ޤަބޫލުނުކުރެއްވެވުމުން ކަމަށެވެ. ނަމަވެސް އެއީ އެއްގޮތަކަށްވެސް އެގޮތަށް މެދުވެރިވާކަމެއް ނޫނެވެ. ތައުބާވުމުން ތައުބާ ޤަބޫލުފުޅު ކުރައްވަވާނެތެވެ. ފާފަފުއްސަވައި ދެއްވެވުމަށް އެދި ދެންނެވުމުން ފާފަ ފުއްސަވައި ދެއްވަވާނެތެވެ. ދަތި ޙާލަތު ކުރިމަތިކުރައްވަވަނީ ހަމަ އެމީހެއްގެ ރަޙްމަތަކަށެވެ. ވީމާ ދަތި ޙާލަތެއް ކުރިމަތިވުމުން މާޔޫސްނުވާށެވެ! ހަމައެއާއިއެކު އަސްތަޣްފާރުކުރުން ގިނަކޮށް ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން