އެކުގަ އެއްގޭގަ އުޅުނަސް އެއް އެނދުގަ ނިދިޔަސް ދެމީހުންނަކީ ދުރުބައެއްކަމަށް އިޙްޞާޞްކުރެވުން ގިނަވާ މައްސަލަ ޙައްލުކުރެވޭނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
އެކުގަ އެއްގޭގަ އުޅުނަސް އެއް އެނދުގަ ނިދިޔަސް ދެމީހުންނަކީ ދުރުބައެއްކަމަށް އިޙްޞާޞްކުރެވުން ގިނަވާ މައްސަލަ ޙައްލުކުރެވޭނެ ގޮތް-

ކަންކަން ކުރިމަތިވުމުން އެކަން ޙައްލުކުރެވޭނީ އިސްލާމް ދީނުގައި އޮތް ގޮތަށް ޢަމަލުކޮށްގެން ކަމަށް ބުނެފިނަމަ ކޮންމެ ކަމެއް ދީނާ ގުޅުވަނީ ކަމަށް ބުނާބައަކު އުޅެއެވެ. އެމީހުންނަށް ބުނެލަން އޮތީ ޤަބޫލުކުރަން ކިތަންމެ އުނދަގޫވިނަމަވެސް ކޮންމެ ކަމެއްވެސް އެންމެ ފައިދާހުރި ގޮތަށް ޙައްލުކުރެވޭނީ އިސްލާމްދީނުގެ ތެރެއިން ކަމަށެވެ. އިސްލާމް ދީނުގައި އޮތް ގޮތަށް ޢަމަލުކޮށްގެން ކަމަށެވެ.  

ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރަންވެސް އޮތް އެންމެ ފަސޭހަ ގޮތަކީ އަދި އެންމެ ރަނގަޅު ގޮތަކީ އިސްލާމް ދީނުގައިވާ ގޮތެވެ. އިސްލާމް ދީނުގައި އަންގަވާފައިވާ ރިވެތި އަޚްލާޤްގެ މަތީގައި ދެމީހުންވެސް އުޅުމެވެ. މިއީ މުޅި ދުނިޔެވެސް މިއަދު ޤަބޫލުކުރާ ޙަޤީޤަތެކެވެ.  

ދެމަފިރިއަކު އެކުގައި އެއްގެއެއްގައި ދިރިއުޅުނަސް ދެމީހުންގެ މެދުގައި ގާތް ގުޅުމެއް ނެތްކަމަށް ޤަބޫލުކުރެވުމުގެ މައްސަލަ ވަރަށް ގިނައިން ކުރިމަތިވެއެވެ. އަދި ދެމީހުންވެސް ނިދަނީ އެއް އެނދުގައިކަމަށްވެފައި އަދި ނިދަނީ އެކުގައިކަމަށްވެސްވެފައިމެ ގާތްކަމެއް ނެތުމަކީ ވަރަށް ބޮޑު މައްސަލައެއްކަމުގައި ޤަބޫލުކުރަންވެސް ޖެހެއެވެ.  

މިވާގޮތް ދިރާސާކުރަން ކުރެވުނު މަސައްކަތުން އެނގުނު ކަންކަމުގެ ތެރޭގައި ދެމީހުންނަށް އެކުގައި އުޅެވޭ ކަމުގެ އިޙްޞާޞް އުފެދިގެން އަންނަނީ ދެމީހުންނަކީވެސް އެކެއްގެ އިޙްޞާޞްތައް އަނެކާއަށް ބިރެއް ނެތި ޙިއްޞާ ކުރެވޭނެ ގޮތަކަށް އުޅެވޭ ބައަކަށްވެގެންނެވެ.  

ހަމައެއާއިއެކު ޙިއްޞާކޮށްފިނަމަ، އަދަބެއް ނުވަތަ އަނިޔާއެއް ނުލިބޭނެކަމުގެ ޔަޤީންކަންވެސް އޮންނަންޖެހެއެވެ. އަދި ހަމައެއާއިއެކު ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އަނެކާގެ ކިބައިން އެހީތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަންވެސް ލިބެންޖެހެއެވެ. އަދި ހަމައެއާއިއެކު އެކެއްގެ ސިއްރުތައް އަނެކާ ހިފަހައްޓައިދޭނެ ކަމުގެ ޔަޤީންކަންވެސް އޮންނަން ޖެހޭނެއެވެ.  

މިކަންކަން ފުރިހަމަނުވާނަމަ އެއްގެއެއްގައި ދިރިއުޅުނަސް، އެއް އެނދެއްގައި ނިދިނަމަވެސް، އެކުގައި ކައިބޮއިހެދިނަމަވެސް، އަދި އެކުގައި ބޭރަށްގޮސް އުޅުނަސް ދެމީހުންނަށް މިއުޅެވެނީ އެކުގައި ކަމުގެ ފުރިހަމަ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.  

ޚުލާޞާކޮށްލާނަމަ ކުރިން މިބަޔާންކުރި ކަންކަމަކީ ދެމަފިރިަކަމުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން ދެމީހުންގެ ގުޅުން ރަމްޒުކޮށްދޭނެ ކަންކަމެވެ. އެކަންކަން ނެތިއްޖެނަމަ ދެމީހުންގެ މެދުގައި އޮންނަން ޖެހޭ ގުޅުން އޮތް ކަމުގެ އިޙްޞާޞް ނުކުރެވޭނެއެވެ.

 

- އަލަފް މިއަދުނޫހަށް

މިއަދު އޮންލައިން