ފުރަތަމަވެސް އިލްތިމާސްކޮށްލަން އޮތީ ރަނގަޅަށް ވިސްނަވައިގެން މިލިޔުން އެކުގައި ވިދާޅުވެލެއްވުމަށެވެ. އެންމެ ތިރީގައިވާ ސުވާލުތަކާއިމެދު ވަކިން ބޮޑަށް ވިސްނަވައިލެއްވުމަށެވެ.
ދުނިޔެއަށް ފޮނުއްވެވި ކޮންމެ މީހަކުވެސް ދުނިޔޭގައި އުޅެން މަސައްކަތް ކުރަންޖެހޭނެއެވެ. ވަޒީފާ ވެސް އަދާކުރަންޖެހޭނެއެވެ. އަދި ކުރިމަތިވާ އެހެން ކަންކަންވެސް ކުރަންޖެހޭނެއެވެ. ނަމަވެސް އެންމެ ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނައްތާލައިގެން ނުވާނެ އެއް ކަމެއް އެބައޮތެވެ.
އެއީ ހުރިހާ ކަމަކަށްވުރެ ﷲ ތަޢާލާ އިސްކުރަންޖެހޭނެ ކަމެވެ. އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ އެކަމަށް ކަމެވެ. ދެން ބަލައިލަންވީ އެކަމަށް ސަމާލުކަން ދޭން ފުރަތަމަ ކުރަން އޮތީ ކޮންކަމެއް ކަމެވެ.
މުސްލިމުން ފުރަތަމަ ކުރަން އޮތް ކަމަކީ ނަމާދުކުރުމެވެ. ނަމާދު ވަޤުތު ޖެހުމުން ވީހާ އަވަހަކަށް ނަމާދުކުރުމެވެ. ފިރިހެނަކު ނަމަ ޖަމާޢަތުގައި ނަމާދުކުރަން މަސައްކަތް ކުރުމެވެ.
ނަމަވެސް އެކަން މިއަދު މިދަނީ ބަދަލުވަމުންނެވެ. ގިނަ ބައަކު ނަމާދުކުރުން ހަދާފައިވަނީ ވަޤުތުމުން ކުރާ ކަމަކަށެވެ. ކުރަންހުރި މަސައްކަތް ނިމިގެން ކުރާކަމަކަށެވެ. އޮފީސް ނިމި ގެއަށް ދެވުމުން ކުރާކަމަކަށެވެ.
ގިނަ ބައަކު ދެކެނީ ފުރަތަމަ ކުރަން އޮތް ކަމަކީ "ބޮސް" ރުއްސުން ކަމަށެވެ. ނަމާދަށް ހިނގައްޖެނަމަ ބޮސް ހިތްހަމަނުޖެހިދާނެ ކަމަށެވެ. މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ވިސްނައިގެންވެސް ވާނެ ކަމެއް ނޫނެވެ.
ތިއަ ވަޒީފާ ދެއްވެވީވެސް ﷲ ތަޢާލާއެވެ. އަދި ކީއްހެއްޔެވެ؟ ބޮސްއަށް ތަނަވަސްކަން ދެއްވެވީ ﷲ ތަޢާލާއެވެ. ބޮސްއަށާއި ތިބާއަށްވެސް ރިޒުޤު ދެއްވަވަނީ ހަމަ ﷲ ތަޢާލާއެވެ. ވީމާ އެންމެ ބޮޑު، އެންމެ މަތިވެރިކަން ލިބިވޮޑިގެންވާ "ބޮސް" އަކީ ހަމަ ﷲ ތަޢާލާއެވެ.
އެކުވެރިންނޭވެ! ތަރުތީބު އޮޅުވައިނުލާށެވެ! އެންމެ ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރާށެވެ! ވަޒީފާގެ ވަޤުތުގައިވެސް އަދި އަމިއްލަ މަސައްކަތުގައި ހުއްޓައި ނަމަވެސް ނަމާދު ވަޤުތު ޖެހިއްޖެނަމަ ނަމާދުކުރުމަށް އިސްކަންދޭށެވެ. ﷲ ތަޢާލާ މަތިވެރިކުރުމަކީ އެއީއެވެ.
ވިސްނާށެވެ! ބޮސް ރުއްސަން ކިތަންމެ ވަރަކަށް މަސައްކަތްކުރާމީހާވެސް ވަޒީފާއިން ވަކިކުރެއެވެ. އެޙާލަތުގައި ކަންބޮޑުވެ ދުޢާކުރަން އޮތީ ނަމާދަށް އިސްކަންދީގެން ނަމާދުކުރަން އެންގެވި ﷲ ތަޢާލާގެ ޙަޟްރަތަށް ނޫންހެއްޔެވެ؟ އަލުން ވަޒީފާއެއް ލިބޭނެ މަގު ތަނަސްކޮށްދެއްވެވުން އެދެން އޮތީވެސް ﷲ ތަޢާލާގެ ޙަޟްރަތުން ނޫންހެއްޔެވެ؟ ކުރިމަތިވާ އަތްމަތިދަތިކަން ފިލުއްވަވައި ދެއްވެވުން އެދިގެން ދުޢާކުރަން އޮތީވެސް ހަމަ ﷲ ތަޢާލާގެ ޙަޟްރަތަށް ނޫން ހެއްޔެވެ؟
ދެން ނިކަން ބުނެބަލާށެވެ! ބޮސް ރުއްސަން ނަމާދަށް އިސްކަން ނުދިނީމާ މިކުރެވެނީ ކިހައި ބޮޑު ދެރަކަމެއްކަން މިވަރުންވެސް ނުވިސްނެނީ ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން