ދެމަފިރިންގެ މެދުގައި ޖެހޭ ހުރިހާ މައްސަލަތައް ޙައްލުކޮށް އުފަލުގަ އުޅެވޭނެ ގޮތުގެ ޤާނޫނު ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 35ސ
ދެމަފިރިންގެ މެދުގައި ޖެހޭ ހުރިހާ މައްސަލަތައް ޙައްލުކޮށް އުފަލުގަ އުޅެވޭނެ ގޮތުގެ ޤާނޫނު ޤުރްއާނުން-

ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރަން ޢަމަލުކުރަން އެންމެ ރަނގަޅު ގޮތް އެނގޭނެ ގޮތަކީ ކޮބައިތޯ ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ.  

ޖަވާބުގައި ދަންނަވަންޖެހެނީ މިކަމަށް ލިޔެފައިވާ ފޮތްތައްވެސް އެބަހުއްޓެވެ. އެފޮތްތަކުގައި އެހުންނަނީ ލިޔާ މީހާގެ ވިސްނުމެވެ. އޭނާއަށް އެއްކުރެވޭ މަޢުލޫމާތުގެ އަލީގައެވެ. އެފޮތްތައްވެސް އަދި ޢިލްމްވެރިން ދެއްވާ ދަރުސްތަކުންވެސް ފައިދާކުރާނެއެވެ. އެކަމަކު އެންމެ މުހިންމީ ނުވަތަ އެންމެ ފައިދާހުރި ގޮތަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅަށް ޢަމަލުކުރުމެވެ. ތިރީގައިވާ ލިޔުމުން ﷲ ތަޢާލާގެ ވަޙީބަސްފުޅު އެނގިލައްވާނެއެވެ. އިން ޝާ ﷲ  

ޒަވާޖީ ހަޔާތެއް ފަށައިގެން ކުރިއަށްދާއިރު ދެމަފިރިންކުރެ ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެއެވެ. އަދި ކުށްތަކެއްވެސް ކުރެވިދާނެއެވެ.  

ބޭވަފާތެރިވުމަކީ އެންމެ ބޮޑު ކުށް ކަމުގައި ބެލިނަމަވެސް ކުށަކީ ހަމައެކަނި ބޭވަފާތެރިވުމެއްވެސް ނޫނެވެ. ކުރެވިފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި ކައިވެނިތައް ރޫޅެން އެންމެ ގިނައިން މެދުވެރިވާ ސަބަބަކީ ބޭވަފާތެރިވުމެއް ނޫނެވެ. ބޭވަފާތެރިވާ ނިޞްބަތަށްވުރެ ގިނައީ އެހެން ތަފާތު މައްސަލަތަކެވެ. 

އަދި ޙަޤީޤަތަށް ބަލައިފިނަމަ އެއީ ދާދި ކުދިކުދި ކޫސަނި މައްސަލަތައް ކަމަށްވެސް ބެލެވެއެވެ. އެބާވަތުގެ މައްސަލަތަކުގައި ދެމީހުން ވާހަކަނުދައްކައި، ޙައްލުކުރަން މަސައްކަތް ނުކޮށް ތިއްބައި އެއީ މާބޮޑެތި ކަންތައްތަކަށްވެ އެކަކު އަނެކަކުމަތިން ފޫހިވެ އެކުގައި ނުއުޅެވޭ ޙާލަތަށް ކަންކަން ދަނީއެވެ. 

ކޮންމެއަކަސް ނިސާ ސޫރަތުގެ 34 ވަނަ އާޔަތަކީ ދެމަފިރިން އެކުގައި ދިރިއުޅުމުގެ ޤާނޫނު ކަމަށް ދެމަފިރިން ކަނޑައަޅައިފިނަމަ މިބުނި ފަދަ ހުރިހާ މައްސަލަތަކެއް ޙައްލުކުރެވިގެންދާނެއެވެ. އިން ޝާ ﷲ  

"ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމް ވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ. ފަހެ، ހެޔޮލަފާ އަންހެނުންނަކީ، ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރިކުރުމަށް ﷲ އެންގެވި ކަންތައް، ސިއްރުގައިވެސް، ރައްކާތެރިކުރާ އަންހެނުންނެވެ. އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިޔަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންނަށް ނަޞޭޙަތް ދޭށެވެ! އަދި، އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެކަނބަލުންގެ ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ! ފަހެ، ތިޔަބައިމީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ، އެކަނބަލުންގެ މައްޗަށް (އަނިޔާވެރި) މަގަކަށް ނޭދޭށެވެ! ހަމަކަށަވަރުން، ﷲއީ، އެންމެ މަތިވެރި، އެންމެ ބޮޑު ރަސްކަލާނގެ ކަމުގައިވެއެވެ." (އައްނިސާ: 34) 

މިއާޔަތް މާއްދާތަކަކަސް ބައިކޮށްލަމާ ހިނގާށެވެ! 

ފުރަތަމަ މާއްދާ:  

މާއްދާ ފެށިގެން މިއަންނަނީ ފިރިންގެ މަސްއޫލިއްޔަތާއި ވާޖިބުތަކުންނެވެ. "ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމް ވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ."  

ދެވަނަ މާއްދާ:  

ދެވަނަ މާއްދާގައި ބަޔާންވެގެންވަނީ އަނބިމީހާ އަދާކުރަންޖެހޭ ދައުރެވެ. " ފަހެ، ހެޔޮލަފާ އަންހެނުންނަކީ، ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރިކުރުމަށް ﷲ އެންގެވި ކަންތައް، ސިއްރުގައިވެސް، ރައްކާތެރިކުރާ އަންހެނުންނެވެ."  

މިބަސްފުޅުން އެނގިގެން މިދަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އަނބިމީހާއަކީ ހެޔޮލަފާ އަންހެނަކަށް ވާން ބޭނުންނަމަ ފިރިމީހާއަށް ކިޔަމަންތެރި އަންތބަކަށްވާންޖެހޭނެ ކަމެވެ. (ހަނދާންކުރާށެވެ! ފިރިމީހާއަށްވެސް ކިޔަމަންތެރިވާން އޮތީ ﷲ ތަޢާލާގެ އަމުރުފުޅުތަކަސް ކިޔަމަންތެރިވުމުގެ ފަހަތުންނެވެ. އެއްވެސް ކަމެއްގައި ﷲ ތަޢާލާގެ އިންތަކުން ބޭރުވުމެއް ނެތެވެ.) 

ހެޔޮލަފާ އަންތބަކަށްވުމަށްޓަކައި ފިރިމީހާއަށް ރަނގަޅަށް ކަންކަން ކުރަންވީ ފިރިމީހާ ލޮލަސް ފެނުމަކުން ނޫނެވެ. އަބަދުއެވެ. ޚާއްޞަކޮށް ފިރިމީހާގެ ޣައިރު ޙާޒިރުގައެވެ. ސިއްރުން އެއްވެސް ކަމެއް ކުރުމެއް ޢަމްދުން ނެތެވެ.  

ތިންވަނަ މާއްދާ: 

ތިންވަނަ މާއްދާގައިވަނީ އަނބިން ނުކިޔަމަންތެރިވާނަމަ ޢަމަލުކުރަން އޮތް ގޮތެވެ. "އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިޔަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންނަށް ނަޞޭޙަތް ދޭށެވެ! އަދި، އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެކަނބަލުންގެ ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ!"  

ހަތަރުވަނަ މާއްދާ:  

ހަތަރުވަނަ މާއްދާގައި މިވަނީ އަހުރެންގެ މިމައުޟޫގައި ފުރަތަމަ ފާހަގަކުރި މައްސަލައެވެ. ނުވަތަ ކަންތަކެވެ. އިޞްލާޙްވުމުން މާފުކުރުމުގެ ވާހަކައެވެ. "ފަހެ، ތިޔަބައިމީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ، އެކަނބަލުންގެ މައްޗަށް (އަނިޔާވެރި) މަގަކަށް ނޭދޭށެވެ! ހަމަކަށަވަރުން، ﷲއީ، އެންމެ މަތިވެރި، އެންމެ ބޮޑު ރަސްކަލާނގެ ކަމުގައިވެއެވެ." 

ރަނގަޅަށް ވިސްނާށެވެ. މިބައި ނިޞްބަތް ކުރައްވަވާފައިވަނީ އަންހެނުންނަށް ނަމަވެސް މިއީ ހަމައެކަނި އަންހެނުން ޢަމަލުކުރަން އޮތް ގޮތެއް ނޫނެވެ. ދެމަފިރިންވެސް ޢަމަލުކުރަން އޮތް ގޮތެވެ.  

އަނބިމީހާވިޔަސް އަދި ފިރިމީހާވިޔަސް އިބްލާޙްވެއްޖެނަމަ އުފާކުރާށެވެ! އެއީ އަނެކާއަށްޓަކައި އޭނާވީ ޤުރްބާނީއެއްކަމުގައި ދެކޭށެވެ. ވީމާ އެފަދަ ޤުރްބާނީއެއް ވުމުން ދޫކޮށްލަން ނުވަތަ ދޫކޮށްލާފައިދާން ހެޔޮނުވާނެއެވެ. އެކަންވާނީ އިންސާނިއްޔަތާއިވެސް ޚިލާފް ކަމަކަށެވެ.  

މިއާޔަތާއިމެދު މިމަގުން ވިސްނައި ޢަމަލުކުރާނަމަ ދެމަފިރިންގެ މައްސަލަތައް ދާނީ ޙައްލުކުރެވެމުންނެވެ. އަބަދުވެސް އޮންނާނީ އުފާވެރިކަމެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން