މިއީ މިހާރު އެންމެ ބާރަށް ކުރިއަށް ގެންދެވޭ އެއް ބަހުސަކީ ޒުވާން އަންހެންކުދިންނާ ފިރިހެން ކުދިންނަކީ އެކުވެރިންކަމުގައި ވެގެން މިނިވަންކަމާއިއެކު އުޅުމަށް އެހެން ދީންތަކުގައި އެއްވެސް ހުރަހެއް ނެތިފައި އިސްލާމް ދީނުގައި އެކަން މަނާވެގެންވަނީ ކީއްވެގެން ހެއްޔެވެ؟
މިސުވާލުކުރާ ކޮންމެ މީހެއްގެ ގާތުގައިވެސް ބުނެލަން ބޭނުންވަނީ އެހެން ހުރިހާ ކިޔާފައި ތިއަ ދައްކަނީ ކޮން ދީންތަކެއްގެ ޥާހަކަހެއްޔެވެ؟ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމްވެގެންވާ އެއްވެސް ކަމެއް އެބައެއްގެ އަޞްލު ފޮތުގައި ހުއްދަވެގެންވާ ދީނެއް ނުވަތަ ފޮތެއް ނިކަން ދައްކައިބަލާށެވެ. އެހެންވީމާ އެއިރަކު ދުނިޔޭގައި އުޅޭ ބައަކު ބޭނުންވާހައި ގޮތަކަށް ކަންކަން ބަދަލުކުރަމުން ގެންދާނަމަ ދީނަކަށް އުޅޭ ބައެއް ކަމަށް ބުނެވޭނީ ކިހިނަކުންހެއްޔެވެ؟
ކޮންމެއަކަސް މުސްލިމް އަންހެނުންނަށާއި ފިރިހެނުންނަށް ލޯބިވެގެން އުޅުން ހުއްދައެއް ނޫނެވެ. އަދި ލޯބިވެގެންތިބީތީ އެއްވެސް ގުޅުމެއް ހިންގާކަށްވެސް ހއްދައެއް ނޫނެވެ. އެހެނީ ﷲ ތަޢަލާގެ އެންގެވުމުގައި އޮތީ ޒިނޭ އާއި ކައިރިވެދާނެ ޢަމަލެއްވެސް ނުކުރުމަށެވެ.
އެހެންވެ މަޝްހޫރު ޢިލްމުވެރިޔާ ޑރ. ޒާކިރު ނައިކް ވިދާޅުވެފައިވެއެވެ.
"އިސްލާމް ދީނުގައި އެންމެ ކުޑަމިނުން ހިލޭ އަންހެނުންނާއި ފިރިހެނުން އަތްޖޯޑުކޮށް ސަލާމްކުރުން މަނާވެގެންވަނީ ޒިނޭ ކުރުމާއި ދުރުހެލި ކުރުވާށެވެ. މިބުނަނީ އަތްޖޯޑުކޮށް ސަލާމްކުރާ އެންމެން ޒިނޭކުރާނެ ވާހަކައެއް ނޫނެވެ. އެކަމަކު ކޮންމެ ޒިނޭކުރުމެއް ފެށިގެން އަންނަނީ އަތްޖޯޑުކޮށް ސަލާމްކުރުމުން ނޫންހެއްޔެވެ؟" މިއީ ވަރަށް ތެދު ބަސްފުޅެކެވެ.
ކައިވެނިނުކޮށް ތިބެ ހިލޭ ފިރިހެނުންނާއި އަންހެނުން އެކުވެރިން ކަމުގައި ވުމަކަށް އެއްވެސް މައްސލައެއް ނެތެވެ. ނަމަވެސް އިންތަކުގެ ތެރެއިންނެވެ. ޢަމުދުން އެކަހެރި ނުވެވޭގޮތަށެވެ. ސަލާންކުރަންވެސް ގައިގައި އަތްލައިގެންނުވާނެއެވެ. އެކަހެރިވުން ހުއްދަވެގެން ނުވަނީ މިބަޔާންކުރި ފަދަ ސަބަބުތަކަށްޓަކައެވެ. ދެމީހުންގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައެވެ.
މީސްތަކުން އުފެއްދެވީ ﷲ ތަޢާލާއެވެ. މީސްތަކުންނަށް އެންމެ ބޮޑަށް ފައިދާކުރާނެ ކަންކަން އަދި ގޮތްތައް ދެނެވޮޑުގެންވާނީވެސް ހަމަ ﷲ ތަޢާލާއެވެ. ވީމާ އަހުރެމެންނަށް މިއޮތީ ﷲ ތަޢާލާ ބާލައިލެއްވެވި އިންތަކުގައި އުޅުމެވެ. އެހެން ދީންތަކުގައިހެން ދުވާލަކު ގޮތަކަށް ޙަރާމް ޙަލާލް ބަދަލކުކުރުމެއްނެތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން