"ދެން އަހުރެނަނަކަށް ސުވަރުގެ ޙާޞިލެއް ނުކުރެވޭނެ" މިއީ މުސްލިމުން އެއްވެސް ޙާލެއްގައި ބުނެގެންވާނެ ބަހެއް ނޫނެވެ. ވިސްނައިގެންވާނެ ގޮތެއްވެސް ނޫނެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަން މާބޮޑެވެ.
އެއްވެސްކަމެއްގައި އެންމެން އެއްގޮތެއް ނުވާނެއެވެ. އެހެންވީމާ ބައެއް މީހުންގެ ކިބައި ނުރަނގަޅު ބައެއް އާދަތައް ހަރުލާފައި ހުރެއެވެ. އެފަދަ ކަންކަން ޢުމުރުން ގިނަ ދުވަސްތަކެއްވަންދެން ހުންނަފަހުން އެކަންކަމުން ސަލާމަތްވާން ބޭނުންވިނަމަވެސް އެއް ދުވަހުން ނުވަތަ އަވަހަކަށް އެކަން ކާމިޔާބު ނުކުރެވިދާނެއެވެ.
ދެން މިވާގޮތަކީ ބައެއް މީހުންގެ އުންމީދުކެނޑިގެންދަނީއެވެ. "ޢުމުރު ކުޑަތަންވެއްޖެއެވެ. މަރުގާތްވެއްޖެއެވެ. ދެން މިކަމަކުން ސަލާމަތެއް ނުވެވޭނެއެވެ."
މީސްތަކުންނޭވެ! ނުބައީ ކުރެވެމުން އަންނަ ނުބައި ޢަމަލެއް ނޫނެވެ. އެކަމުން ސަލާމަތް ނުވެވޭނެ ކަމަށް ޤަބޫލުކުރުމެވެ. މިކިޔައިދެނީ އެހާލަތުގައިވެސް ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑު މިންވަރެވެ.
ތިބާ އައީ އިޚްލާޞްތެރިކަމާއިއެކުގައި އެނުބައި އާދަ ދޫކޮށްލަން، ނުވަތަ ފާފަކުރުން ހުއްޓާލަން މަސައްކަތް ކުރަމުން ކަމުގައިވާނަމަ ﷲ ތަޢާލާ ތިބާއަށް ވަޙީކުރައްވަވާނެތެވެ. "ކަލެއަށް ކުރެވެމުން އައި ފާފަތައް ކުރުން ހުއްޓާލަން އިޚްލާޞްތެރިކަމާއިއެކު ކަލޭ މަސައްކަތްކުރަން ފަށާފައިވާތީ ކަލެއަށް ޢަފޫކުރައްވަވައިފީމެވެ. ސުވަރުގެ ވަންނާށެވެ!"
ނަމަވެސް ހަނދާންކުރާށެވެ! އެއީ ހިތުގެ އެންމެ ފުންމިނުން އެކަމަށް އެދިގެން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރަމުން އައިނަމައެވެ. ކަމެއްކުރުމަކުން ނުފުދޭނެއެވެ. ތިބާއަށް އޮޅުވައިލެވޭނީ އަހުރެމެންނަށެވެ. ތިބާގެ ހިތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ މިހާރުމިކިޔާ "ސައިޑްކަޓެއް" އެދުވަހަކު ހަމައެކަކަށްވެސް ނުޖެއްސޭނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން