ބައެއް މީހުން ދެރަވެ ﷲ ތަޢާލާގެ ޙަޟްރަތަށް ކަރުނައަޅަނީ ބޮޑު ބައްޔެއް ޖެހުން ފަދަ ކަމެއް މެދުވެރިވުމުންނެވެ. ދުނިޔެއާއި ވަކިވާންޖެހިދާނެކަން ވިސްނުމުންނެވެ. އެޙާލަތުގައި އޭނާ އެވަނީ ވަރަށް ބޮޑު ވޭނެއްގައެވެ. ވަރަށް ބޮޑު ހިތްދަތިކަމެއްގައެވެ.
އެއީ އެމިހާއަށް ކުރިމަތިވި ބޮޑު ރަނގަޅެއް ކަމަށް ބުނެފިނަމަ ބައެއް މީހުން ރުޅިވެސް އަތުވެދާނެއެވެ. ނަމަވެސް ޙަޤީޤަތަކީ އެއީ ވަރަށް ބޮޑު ރަނގަޅެއް ކަމެވެ. ސަބަބަކީ ފުރަތަމަ ފަހަރަށް ދެރަވެ ތިމާގެ ހުރި ނިކަމެތިކަންވިސްނި ﷲ ތަޢާލާގެ ޙަޟްރަތަށް ކަރުނަ އަލައިލަން މެދުވެރިވި ސަބަބުކަމަސްވާތީއެވެ. އެކަމުގެ ސަބަބުން އެމީހަކާއި ﷲ ތަޢާލާ އާއި އޮންނަ ގުޅުން ބޮޑުތަނުން ބަދަހިވެގެންދާނެތީއެވެ. އެޙާލަތުގައި އޭނާ ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދަވައިފިނަމަ ދެވޭނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ކަމަށްވާތީއެވެ. އިން ޝާ ﷲ. އެއަށްވުރެ ބޮޑު ރަޙްމަތަކީ ކޮބައިހެއްޔެވެ؟
މީސްތަކުންނޭވެ! ހިތްދަތިކަމެއް ނުވަތަ ދަތި ޙާލަތެއް ކުރިމަތިވުމުން ރޭއަޅުކަން ކުރަން ނުފެށުނުނަމަ އެމީހަކު އެވަނީ ވަރަށް ބޮޑު ނިކަމެތިކަމެއްގައެވެ. އެހެނީ ރޭއަޅުކަން ކުރުމަކީ އެމީހަކާއި ﷲ ތަޢާލާއާއި ދެމެދުގައި އޮންނަ ގުޅުން އެންމެ ބޮޑަށް ބަދަހިވާ އެއް ސަބަބެވެ. އަދި އެއީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅުންނަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ.
ވީމާ ކުރިމަތިވާ ކޮންމެ ތަކްލީފަކީވެސް ކުރާ އެހެން އަޅުކަމުގެ އިތުރުން ރޭއަޅުކަންކޮށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނަން މަސައްކަތްކުރަން ދެއްވަވާ ދަޢުވަތެކެވެ. ދަޢުވަތު ޤަބޫލުކޮށް ޢަމަލުކޮށްފި މީހަކަށް އޮތީ އުފާވެރިކަމެވެ. އިން ޝާ ﷲ
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން